ދިވެހި ރާއްޖެ ޑިކޮކްރަސީއަށް ކުރި ދަތުރަކީ އާދަޔާ ޚިލާފު ދަތުރެކެވެ. މި ދަތުރު އާދަޔާ ޚިލާފު ވާންޖެހޭ ގިނަގުނަ ސަބަބުތައް އެބަހުއްޓެވެ.
ރައީސް މައުމޫނުގެ 30 އަހަރުގެ ދިގު ވެރިކަމަށްފަހު، އެވެރިކަމަށް ދިވެހިން އަލްވަދާޢުކީ މިނިވަން އިންސާފްވެރި އިންތިޚާބަކުންނެވެ. އަދި، ޚުދުމުޚްތާރު އެތަކެއް ސިފަތަކެއްގެ މައްޗަށް އެކުލެވިގެންދިޔަ، އޭރުގެ ވެރިކަމުގެ ނިޒާމަށްފަހު، ދިވެހިން ވެރިކަމުގެ މުޅިން އާ ނިޒާމެއް ބަލައިގަތީ އާ ގާނޫނު އަސާސީއަކާވެސް އެކީގައެވެ.
އަދި، މީގެ އިތުރުން، ޑިމޮކްރަސީއަށް ދިވެހިން ކުރި ކުރު، އަދި އެހާމެ ހަލަބޮލި ދަތުރު އާދަޔާ ޚިލާފް ވެގެންދާ އެހާމެ މުހިންމު އަނެއް ސަބަބަކީ، އޭގެ ކުރިން އޮތް، އެންމެ މީހެއްގެ މުށުތެރެއަށް ހުރިހާ ބާރެއް ޖަމާކޮށްގެން ވެރިކަން ކުރަމުން އައި ނިޒާމާ ދިވެހިން އަލަވަދާއު ކީއިރު، އެއްވެސް ލޭ އޮހޮރުވުމެއް ނެތި، އަދި ދިގު 30 އަހަރަށްފަހު، ވެރިކަމުގެ ހުރިހާ ޖާހަތަކާއި، އާރަކާއި ބާރެއް ދޫކޮށްލެއްވުމުގައި، 30 އަހަރުވަންދެން އެ ވެރިކަމުގައި ދެމިހުންނެވި ރައީސް މައުމޫން އަމަލުން އެކަން ސާބިތު ކޮށްދެއްވުމެވެ.
ޚުދުމުޚްތާރު ވެރިކަމަށްފަހު، ޑިމޮކްރައީ ގެނެވުނީ މަދު ގައުމުތަކަކަށް
އިންސާފުގެ ތިލަފަތުން ކިރާ، އިންސާފުގެ މަގުން ވިސްނާލައިފި ނަމަ، ދިގު ޚުދުމުޚްތާރު ވެރިކަމަކަށް ނިމުން ގެނައުމަށް، ހުންނެވި ރައީސަކު ވެރިކަމުގެ ބާރުތައް ދޫކޮށްލައްވާފައިވަނީ މަދުފަހަރަކުކަނ،ް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ނަޒަރެއް ހިންގާލުމުން ފެންނާން އެބަހުއްޓެވެ. އަދި އަމުދުން، ވެރިކަމުގެ ބާރުތައް އަތުން ދޫވެގެން ދިޔަނަމަވެސް، އެ ގައުމުތަކުގައި، އަލުން ވެރިކަމަށް ވަޑައިގެންނެވި ބޭފުޅުންވަނީ، ބާރުތައް ހަމަ އެބީދައިން މުށުތެރެއަށް ލައްވާފައެވެ.
މިސާލެއްގެ ގޮތުން، މެދުއިރުމަތީގެ މުހިންމު ގައުމެއް ކަމުގައިވާ މިސްރަށް ބަލާލަމާތޯއެވެ.
އެތަކެއް ޒަމާންތަކެއް ވަންދެން މިސްރުގައި ޚުދުމުޚްތާރު ވެރިކަމެއް ކުރެވިގެން ދިޔައެވެ. ވެރިކަން ނިމުމަކަށް އައީ އެންމެފަހުން ރައްޔިތުން މަގުތަކަށް ނިކުމެ ވެރިކަން އިންގިލާބު ކުރުމުންނެވެ. އެހެންނަނަމެވެސް، ހިތާމައަކީ، ހުސްނީ މުބާރަކްގެ ވެރިކަމަށްފަހު، އެގައުމުގަ ރައްޔިތުން އިންތިޚާބު ކުރި، ޑިމޮކްރަޓިކް ރައީސް، މުހައްމަދު މުރިސީގެ ވެރިކަމަކަށް އެގައުމުގައި ދެމިއެއް ނުއޮވެވުނެވެ.
މުރުސީގެ ވެރިކަން ވައްޓާލާ ވެރިކަމަށް އިސްވެވަޑައިގެންނެވި، އަލް-ސީސީ އެގައުމުގައި މިއަދު ކުރަމުންދަނީ، ހުސްނީ މުބާރަކްގެ ވެރިކަންފަދައިން ޚުދުމުޚްތާރު ވެރިކަމެކެވެ. ޑިމޮކްރަސީއެއް ނައެވެ.
ހަމަ އެފަދައިން، އަދުގެ ދުނިޔޭގެ މުއްސަދި ބޮޑެތި ބާރުތަކަށް ބެލިކަމުގައިވި ނަމަވެސް، ފެންނާން އޮތީ ޚުދުމުޚުތާރުކަން، ވެރިކަމުގެ އެތެރޭގައި އަށަގަންނަމުންދާ މަންޒަރުތަކެވެ.
ރަޝިއާއާއި ޗައިނާ މިސާލަކަށް ފުދެއެވެ. ރަޝިއާގައި އެގައުމުގެ ރައީސް ޕުޓިން ހުންނެވީ، އޭނާގެ މައްޗަށް، ދުނިޔޭގައި ހުއްޓަސް، ނެތަސް، އެއްވެސް ކުށެއްގެ އަދަބެއް، އަދި ކީއްކުރަންތޯ! ކުށެއްގެ އެއްވެސް ތުހުމަތެއްވެސް ނުކުރެވޭނޭ ގޮތަށް އެގައުމުގެ ގާނޫނު އަސާސީ ބަދަލު ކޮށްގެންނެވެ. ޗައިނާގައި އޮތީ ކޮމިނިސްޓް ވެރިކަމެކެވެ. ވެރިކަން ކުރާ ޕާޓީއަކީ ކޮން ޕާޓީއެއްކަން ގާނޫނު އަސާސީގައި ވަނީ ލިޔެވި ބަޔާން ކުރެވިފައެވެ.
ރާއްޖެއަށް ޑިމޮކްރަސީ އައީ އެހެނިހެން ގައުމުތަކާ މުޅިން ތަފާތުކޮށް
ދިވެހި ރަޢްޖެ ޑިމޮކްރަސީއަށް ކުރި ދަތުރަކީ ސުލްހަވެރި ދަތުރެކެވެ.
ހަލަބޮލިކަން އެކުލެވިގެންވީ ނަމަވެސް، ލޭއޮހޮރުވުމެއް ނެތް، ތަޅާފޮޅުމެއް ނެތް، އެ ދަތުރުގެ އެކި މަރުހަލާތަކުގައި، ރައްޔިތުން ނިކުމެ ވޯޓުންވަނީ ކަންކަ ނިންމާފައެވެ. އަދި އެއަށްފަހުވެސް، އައި އިންތިޚާބުތަކުގައި، ހަަނުޖެހުންތައް ހިގާ، ތަކެއްޗާއި މީހުންނަށް އަނިޔާތަކެއް ލިބިފައި ހުއްޓަސް، ދުނިޔޭގެ އެހެން ގިނަ ގައުމުތައް ޑިމޮކްރަސީއަށް ކުރި ދަތުރުތަކުގައި ކަން ހިގާފައިވާ އުސޫލުން، ތަޅާފޮޅުމާއި، ލޭއޮހޮރުވުމާއި އަދި އަހުލީ ހަގުރާމައަކަށް މަގުފަހިވާ ޒާތުގެ ބޮޑެތި ހަމަނުޖެހުންތަކެއް ރާއްޖޭގައި އުފެދިގެން ގޮސްފައެއް ނުވެއެވެ.
އަވައްޓެރި ބައެއް ގަައުމުތައް ކަމުގައިވާ، ބަންގްލަދޭޝް، ޕާކިސްތާން އަދި އިންޑިއާފަދަ ގައުމުތައް އެގައުމުތަކުން މިނިވަންކަމާއި، ގައުމަށް ޑިމޮކްރަސީ ގެނައުމަށް ކުރެވުނު ބުރަ މަސައްކަތުގެ ތެރޭގައި ލޭއޮހޮރުވުން ބޮޑެތި ހަގުރާމަތައް ހިގާ، އެތައް މިލިއަން ބައެއްގެ ފުރާނަ ގެއްލިގެން ގޮސްފައި އެބަހުއްޓެވެ.
އެހެންކަމުން، ސިޔާސީ ހަސަދަވެރިކަމާއި، ދެކޮޅުވެރިކަމާއި އަދި މައްލަވަކޮށް، އާޑަ ފުރައްސާރަކުރުންފަދަ އެތައްކަމެއް ރާއްޖޭގެސިޔާސީ މަސްރަހުން ފެންނަމުން އައިސްފައިވި ނަމަވެސް، ޖުމްލަ ގޮތެއްގައި ދިވެހިން ޑިމޮކްރަސިއަށް ކޮށްފައިވާ ދަތުރަކީ ސުލްހަވެރި ދަތުރެއް ކަމުގައި ދެންނެވިދާނެވެ.
ނަތީޖާއެއްގެ ގޮތުން، ދިވެހިރައްޔިތުން އޭގެ ޒާތުގައި ޑިމޮކްރަސީގެ ނިޒާމަށް އަހުލުވެރި ވެފައި ނެތަސްވެސް، ޚުމުޚުތާރު ވެރިކަމުގެ އޮނިގަޑެއް ރޫޅާލާ، ޑިމޮކްރަސީގެ ނިޒާމެއް އެ އޮނިގަޑުގެ ތެރެއަށް ފެއްތުމަށް ކުރެވުނު މަސައްކަތް ފާއިތުވެދިޔަ ތަނުގައި ވަނީ ކާމިޔާބު ކުރެވިފައެވެ.
2008 ވަނަ އަހަރުގެ ފެހި ގާނޫނު އަސާސީއަށްފަހު، ދިވެހިން މިވަނީ، ރިޔާސީ ނިޒާމެއްގެ މައްޗަށް އެކުލެވިގެންވާ ފުރިހަމަ ޑިމޮކްރަޓިކް ނިޒާމެއް ބަލައިގެންފައެވެ. އަދި މިއޮނިގަޑު ބަލައިގަތުމަށްޓަކާ، އެޅުނު އެންމެ މުހިންމު ފިޔަވަަޅަކަށް ވެގެން ދިޔައީ، ރާއްޖޭގައި އޮންނަންޖެހޭ ވެރިކަމުގެ ނިޒާމަކީ ކޮބައިތޯ ބެލުމަށްޓަކާ ނެގުނު ފެންނަ ނުފެންނަ ވޯޓެވެ. މިގޮތުން، ރާއްޖޭގައި އޮންނަން ބޭނުންވާ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށްޓަކާ 2007 ވަނަ އަހަރު ނެގުނު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި 95،619 މީހުން ވޯޓުދީފައިވަނީ ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމުކަމަށެވެ. ބަރުލަމާނީ ނިޒާމު އޮންނަން ފެންނަކަމަށް ވޯޓުދީފައިވަނީ 58،504 މީހުންނެވެ. މި ވޯޓުގައި 199،841 މީހުން ވޯޓުލުމަށް ރަޖިސްޓްރީކުރިއިރު، ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ވޯޓުދީފައިވަނީ 155،890 މީހުންނެވެ.
އަދި އެއަށްފަހު، އާ ގާނޫނު އަސާސީގައި ރިޔާސީ ނިޒާމުގެ ވާހަކަަތައް ލިޔެ، ރިޔާސީ ނިޒާމެއްގެ އުސޫލުތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާއަކު އިންތިޚާބުކޮށް، ރައްޔިތުންގެ މަޖިލީހެއް އިންތިޚާބުކޮށް، ލޯކަލް ކައުންސިލްތަކަށް މެމްބަރުން އިންތިޚާބުކޮށް، ފާއިތުވީ 14 ވަރަކަށް އަހަރުގެ ތެރޭގައި ދިވެހި ރައްޔިތުން މިވަނީ ވަރަށް ދުރަށް ދަތުރު ކޮށްފައެވެ.
ހަމަނުޖެހުންތަކާއި ހަލަބޮލިކަން ހުއްޓަސް، ސުލްހަވެރި ދަތުރެކެވެ.
14 އަހަރުން ބިނާކުރި ނިޒާމު އަލުން ރޫޅާ ލެވިދާނެތަ؟
30 އަހަރުގެ ދިގު ވެރިކަމަށްފަހު، ދިވެހިން ބަަލައިގަތް ރިޔާސީ ނިޒާމުގެ ދަށުން ގައުމުގެ ވެރިކަން ހިގަމުން އަންނަތާ 14 އަހަރު ފާއިތުވެގެން ހިގައްޖެއެވެ. އަދި މި ރިޔާސީ ނިޒާމުގައި، 4 ރައީސަކު ވެރިކަން ކޮށްފިއެވެ. 4 ރައްޔިތުންގެ މަޖިލީހެއް އިންތިޚާބު ކޮށްފިއެވެ. 5 ލޯކަލް ކައުންސިލެއް އިންތިޚާބު ކޮށްފިއެވެ.
އަދި ހަމަ އެއާއެކު، 2008 ވަނަ އަހަރުގެ ފެހި ގާނޫނު އަސާސީން ދިވެހިން ބަލައިގަތް ރިޔާސީ ނިޒާމުގެ ތެރެއިން، މުޅި ދައުލަތް ތިލަފަތް ހަމަ ކުރުމަށްޓަކާ، 'ޗެކް އެންޑް ބެލެންސް’ގެ ނިޒާމެއް އެކުލަވާލެވި، ފާރަވެރިވާނޭ އެތަކެއް މުވައްސަސާތަކެއް ވަނީ އެކުލަވާލެވިފައެވެ. މި މުވައްސަސާތަކުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވާނެ އުސޫލުތަކާއި ހަމަތަކެއް ގާއިމް ކުރެވިފައި އެބަހުއްޓެވެ.
ހަމަ އެފަދައިން، ދިިވެހި ރާއްޖޭގެ ޝައުއީ ނިޒާމުވެސް ބައްޓަން ކުރެވިފައި ވަނީ މިދެންނެވި ރިޔާސީ ނިޒާމުގެ ހަމަތަކުގެ މައްޗަށެވެ. ވެރިކަމުގެ ނިޒާމުގެ ތެރޭގައި ގާނޫނު ހަދާ ބާރެއް އޮންނައިރު، ގާނޫނު ހަދާ ބާރާއި، އަދި ގާނޫނު ތަންފީޒު ކުރާ ބާރުގެ މަސްއޫލިއްޔަތުތައް ފުށު ނާރާނޭ ގޮތުގެ މަތިން، ހަމަތައް ގާނޫނު އަސާސީގައި ބަޔާން ކުރެވިފައި ހުރީ ރިޔާސީ ނިޒާމުގެ ސިފަތަކުގެ މައްޗަށް ބަރޯސާ ކޮށްގެންވެ. ވެރިކަން ހިންގާ ފަރާތުން، ޖަވާބު ދާރީ ވާންޖެހޭނެ ހާލަތްތައްވެސް އެ ގާނޫނު އަސާސީގައި ލިޔެވި ބަޔާން ކުރެވިފައި ހުރީ ހަމަ ރިޔާސީ ނިޒާމުގެ އޮނިގަޑުގެ ތެރެއިންނެވެ.
މިސާލެއްގެ ގޮތުން، ވަޒީރުން، މަޖިލިހަށް ޖަވާބުދާރީ ވާންޖެހޭ ޖެހުމާއި، މަޖިލީހުގެ ކޮމިޓީތަކަށް ދައުލަތުގެ މުވައްސަސާތަކުން ޖަވާބުދާރީ ވާންޖެހޭ ޖެހުމުގެ އިތުރުން، މަޖިލީހުން ފާސްކުރާ ގާނޫނުތައް ރައީސުލް ޖުމްހޫރިއްޔާ ތަސްދީގު ކުރަންޖެހޭ ޖެހުމާއި، މަޖިލީހުން ފާސްކުރާ ގާނޫނުތައް، ޝަރުޢީ ކޯޓުތަކަށް އުވާލެވޭނެ ހަމަތައް ބަޔާން ކޮށްފައި އޮންނަ އޮތުމާއި، ފަޑިޔާރުން އައްޔަންކުރުމުގައި މަޖިލީހަށް އޮންނަ ދައުރުގެ އިތުރުން، ޖުޑިޝަލް ސާވިސް ކޮމިޝަނުގައި މަޖިސް ތަމްސީލު ވެގެންދާ ދިއުމަށް ވިސްނާލުމުންވެސް، ގާނޫނު އަސާސީން ކަޑައަޅާފައިވާ އޮނިގަޑުގައި އެކުލެވިގެންދާ، ރިޔާސީ ނިޒާމުގެ ސިފަތައް، މުޅި ދައުލަތުގައި ފެތުރިފައި އޮތް މިންވަރު ވަރަށް ރަގަޅަށް ވަޒަން ކޮށްލެވެއެވެ.
އެހެންނަކަމުން، 2007 ވަނަ އަހަރު ރައްޔިތުންގެ ފެންނަ ނުފެން ވޯޓަކުން ރާއްޖޭގައި އޮންނަން ޖެހޭކަމަށް ނިންމާފައިވާ ރިޔާސީ ނިޒާމަކީ، ހަމަ އެކަނި ފެންނަ ނުފެން ވޯޓެއްގެ ގޮތުގައި ސިފަ ވެގެން ދިއުމަކީ، ރަގަޅު ސިފަވުމެއް ކަމުގައި ދެންނެވޭކަށް ނެތެވެ. 2007 ވަނަ އަހަރުގެ ފެންނަ ނުފެންނަ ވޯޓުން ރައްޔިތުން ނިންމާފައިވަނީ، އެއަށްވުރެ ބޮޑު ނިންމުމެކެވެ. އެއީ ރާއްޖޭގެ، މުޅި ދައުލަތުގެ އެ ނިންމުމުގެ މައްޗަށް އާރާސްތުވަމުން އަންނަ ނިންމުމެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދައުރާއި، އެމަނިކްފާނުގެ ކެބިނެޓާއި، ރައްޔިތުންގެ މަޖިލިސް އިންތިޚާބު ކުރުމާއި، އެމަޖިލިސް އެތުރިފައި އޮންނަ ގޮތާއި، ޝަރުއީ ދާއިރާގެ މުޅި އޮނިގަޑު ބައްޓަންވެގެން އައިސްފައިވަނީ، ރައްޔިތުންގެ މިނިންމުމުގެ މައްޗަށެވެ.
އެހެންކަމުން، އަޅުގަޑުމެންނަށް މިއަދު މި ދެއްކެނީ، ނިޒާމު ބަދަލު ކުރުމުގެ ވާހަކަތޯ، ނުވަތަ މުޅި ދައުލަތް އަލުން ނިއުޅާ، އަލުން ތަރުތީބު ކުރުމުގެ ވާހަކަތޯ ވަރަށް ރަގަޅަށް އެބަ ސާފުވާން ޖެހެއެވެ.
ޖަންޕެއް ޖަހާފަ، ބަރުލަމާނީއަކަށް ދެވިދާނެތަ؟
ރާއްޖޭގެ ސިޔާސީ މަސްރަހުގެ ޚިޔާލާތާއި ފިކުރު ހުރި މިސްރާބަށް ބަލާއިރު، ހުރިހާ ސިޔާސީ ލީޑަރުންކަހަލަ ގޮތަކަށް މިވަނީ، ވެރިކަމުގެ ނިޒާމު ބަދަލުކުރުމާއި ސީދާ ދެކޮޅު ހައްދަވާފައެވެ. އަދި ސީދާ ދެކޮޅު ހައްދަވާފައި ނުވާ ލީޑަރުންވެސް ވިދާޅުވަމުން ގެންދަވަނީ، ރިޔާސީ ނިޒާމު ދޫކޮށް ބަރުލަމާނީ ނިޒާމަކަށް ދަތުރު ކުރެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމުގައެވެ.
އެހެންނަމަވެސް، ފާހަގަ ކޮށްލަން ޖެހޭ ނުކުތާއަކީ، ބޮޑުވަޒީރަކަށް ވެވަޑައިގަންނަވަން ބޭނުންފުޅުވެގެން، ބަރުލާނީ ނިޒާމެއް ގެނެސްދެއްވުމަށް، ނަޝީދު އެންމެ ފުރަތަމަ ރައީސް ސޯލިހަށް ކުރެއްވި މެސެޖުގައި، ނިޒާމު ބަދަލުކުރުމަށް ބާއްވަންޖެހޭ ފެންނަ ނުފެންނަ ވޯޓުގެ ވާހަކަ ދައްކަވާފައ ނުވާކަމެވެ. ވިދާޅުވެފައިވަނީ، މިވަގުތު ހުންނެވީ ހަވާސާވެފައި ކަމަށާއި، 2023 ގެ ރިޔަސީ އިންތިޚާބު ނުބާއްވާ ސީދާ މަޖިލިހުގެ ވޯޓަކުން ރައީސުލްޖުމްހޫރިއްޔާއަކު ހޮވާ، ބަރުލަމާނީ ނިޒާމެއް ގެންނަން ބޭނުންވާ ވާހަކައެކެވެ.
އެހެންނަމަވެސް، ރައީސް ސޯލިހުގެ ވިސްނުންފުޅު ހާމަކުރެއްވި ހިސާބުން، ރާގު ބަދަލު ކުރައްވާ، ދައްކަވަނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގެ ވާހަކަމަށް ވިދާޅުވެ ނަޝީދުވަނީ ޓުވީޓު ކުރައްވާފައެވެ. އެހެންކަމުން، ބޮޑުވަޒީރުކަން ބޭނުންފުޅުވެގެން، ބަރުލަމާނީ ނިޒާމެއް ގެނެސްދެއްވަން ނަޝީދު ރައީސަށް ދެންނެވީ، ޖަމްޕެއް ޖައްސަވައިގެން ބަރުލަމާނީ ނިޒާމަކަށް ދަތުރުކޮށް، ބޮޑުވަޒީރުކަން ހޯއްދެވުމަށްކަން ސާފުވާން އެބައޮތެވެ.
އެހެންނަމަވެސް، ގަބޫލު ކުރަންޖެހޭ ހަގީގަތަކީ، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން އެކަނިވެސް، ރިޔާސީ ނިޒާމް ދޫކޮށް ބަރުލަމާނީ ނިޒާމަކަށް ދަތުރުކުުރުމަކީ އަދި ފަސޭހަ ކަމަކަށް ވެގެން ނުދާކަމެވެ. ގާނޫނު އަސާސީއަށް އެތަކެއް ބޮޑެތި ބަދަލުތަކެއް އަންނަން ޖެހެއެވެ. ހަމަ އެއާއެކު، އެފަދަ ހާލަތެއްގައި، މިވަގުތު އޮތް ރައްޔިތުންގެ މަޖިލިހުގެ ގާނޫނީ ހައިސިއްޔަތާމެދުވެސް، ޖަވާބު ބޭނުންވާ އެތަކެއް ސުވާލުތަކެއް އެބަހުއްޓެވެ.
ދައުލަތުގެ ހިންގުމުގެ އޮނިގަޑަށް އެތަކެއް ބަދަލުތަކެއް އަންނަންޖެހެވެ. ރައީސުލް ޖުމްހޫރިއްޔާގެ ކެބިނެޓަށާއި، އަދި މަޖިލީހަށް ދައުލަތުގެ އެކި ބޭފުޅުންނާއި މުވައްސަސާތަކުން ޖަވާބުދާރީ ވާންޖެހޭ އުސޫލުތަކާއި ހަމަތަކަށް ބޮޑެތި ބަދަލުތަކެއް އަންނަން ޖެހެއެވެ. މިއުސޫލުތަކާއި ހަމަތައް ގާއިމް ކޮށްފައިހުރި އަތަކެއް ގާނޫނުތަކެއް އެބަހުއްޓެވެ. މިގާނޫނުތަކަށް ބޮޑެތި ބަދަލުތަކެއް އެފަދަ ހާލަތެއްގައި އަންނަން ޖެހެއެވެ.
އެހެންކަމުން، ނަޝީދު ބޮޑުވަޒީރަކަމުގެ ހުވަފެން ދެކެވަޑައިގަންނަވަމުން ގެންދެވި ނަމަވެސް، އެއީ ޖަމްޕެއް ޖައްސަވައިގެން އަދި ކުރެއްވެން އޮތް ކަމެއްގެ ގޮތުގައި ފެންނާކަށް ނެތެވެ. އެތަކެއް މަރުހަލާތަކެއް ކަޑައްތުވެ، އެކަމަށް އެތަކެއް ދުވަސްތަކެއް ހޭދަވެގެން މެނުވީ، ރައްޖޭގަ މިވަގުތު މިއޮތް ރިޔާސީ ނިޒާމުން ބަރުލަމާނީ ނިޒާމަކަށް ހިޖުރަ ކުރެވިދާނެ ކަމަށް ނުބެލެވެއެވެ.
މިސަބަބުތަކާ ހެދި ޖަމްޕެއް ޖައްސަވައިގެން އެއް ނިޒާމުން އަނެއް ނިޒާމަށް ހިޖުރަ ކުރެވިދާނެ ކަމަކަށް ނުބެލެވެއެވެ.
އަދި، އެއަށްވުރެ މުހިންމު ކަމެއް ފާހަގަ ކޮށްލަން ޖެހެއެވެ. ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަކީ، އާދައިގެ ނިންމުމެއް ކަމުގައި ގަބޫލު ކޮށްގެންވެސް ނުވާނެއެވެ. މިކަމަށް ބޭނުންވާ ސިޔާސީ ހަކަތަ، މިމަސައްކަތުގައި ބޭނުން ނުކޮށް އަމުދުން، ކާމިޔާބު ކުރެވިދާނެ ކަމަކަށް ނުބެލެވެއެވެ. އަމުދުން، ކުރު މަގަކުން ލާފައި، ޖަމްޕެއް ޖައްސަވައިގެން، ރިޔާސީން ބަރުލަމާނިއަކަށް ދަތުރުކުރުމަށް ސިޔާސީ އެތަކެއް ލީޑަރުންނެއްގެ އެހީތެރިކަމާ، އެއްބާރުލުން ބޭނުންވާނޭކަންވެސް ޔަގީނެވެ. އެނޫން މަގެއް އިޚުތިޔާރު ކޮށްފިނަމަ، ގައުމު ހަލަބޮލިވެ، ގައުމު ބޮޑެތި ހަމަނުޖެހުންތަކެއް ތެރެއަށް ނުވެއްޓި އޮތުމަކީ މުސްތަހީލު ކަމެކެވެ.
އެހެންނަމަވެސް، އަދި ފެންނާން އޮތް މަންޒަރަކީ، ނަޝީދުއަށް ބޮޑުވަޒީރުކަން ހޯއްދަވާ ދެއްވުމަށް، ބަރުލަމާނީ ނިޒާމަށް ތާއީދު ކުރެއްވުމުގެ ޝައުގުވެރިކަމުގައި ހުންނެވި ސިޔާސީ ލީޑަރަކު އަދި ފެންނާން ނެތްކަމެވެ. ފެންނާން އޮތީ، މަސްރަހު އެއަށްވުރެ ހަތުރުވެރިކަން ބޮޑުކޮށް އޮތްތަނެވެ.
One Response
Anni dhen lalalaa****