ރާއްޖޭގައި ހުރި ބޮޑެތި މައްސަލަތައް ހައްލު ވެގެންދާނީ ތިމާގެ އަމިއްލަ މަސްލަހަތަށްވުރެ ޤައުމީ މަސްލަހަތު އިސްކޮށްގެން ކަމުގައި މިސަރުކާރުގެ ކޯލިޝަންގެ އެއްބައިވެރިޔާ އަދި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް، ބޮޑުވަޒީރުކަން ބޭނުންވާކަމަށް ރައީސް ނަޝީދު ވިދާޅުވެ ރައީސް ޞާލިހުއަށް ކުރެއްވި މެސެޖާއި ގުޅިގެން ގިނަ ބަޔަކު ދަނީ ނަޝީދު ބޭނުންވާހާ ގޮތަކަށް ބޭނުންވާހާ އިރަކު ނިޒާމު ބަދަލު ނުކުރެވޭނެކަމަށްބުނެ ރައްދު ދެއްވަމުންނެވެ. ނަޝީދުގެ ވިސްނުމަށް ތާއީދު ނުކުރައްވައި ކޯލިޝަންގެ ވެރިންވެސް ވަނީ ރައީސް ނަޝީދުގެ ވާހަތަކަށް ރައްދު ދެއްވަމުންނެވެ.
އަދާލަތު ޕާޓީގެ ރައީސް ޝައިހު އިމްރާން އަބްދުﷲ ވިދާޅުވީ ޤައުމުގައި ހުރި ބޮޑެތި މައްސަލަތައް ހައްލު ކުރެވޭނީ އަމިއްލަ މަސްލަހަތު ދޫކޮށްގެންކަމަށެވެ. ރައްޔިތުންގެ މަސްލަހަތު ހިމެނޭ ކަންކަން ހައްލުވާނީ ސިޔާސަތު ކަނޑައަޅާ ލެވެލްގައި ތިއްބެވި ބޭފުޅުން އަމިއްލަ މަސްލަހު އެއްފަރާތްކޮށް ޤައުމީ މަސްލަހަތުގައި މަސައްކަތްކަަތް ކޮށްގެންކަމަށް އިމްރާން ވިދާޅުވިއެވެ.
ޤައުމުގައި ހުރި ބޮޑެތި މައްސަލަތައް ހައްލުވާނީ އަމިއްލަ މަސްލަހަށްވުރެ ޤައުމީ މަސްލަހަތު އިސްކުރާ، ރައްޔިތުން (ވަކިން ޚާއްސަކޮށް ސިޔާސަތު ކަނޑައަޅާ) ގިނަވެގެން.
– އިމްރާން ވިދާޅުވިއެވެ.
qaumugai huri bodethi massalathah halluvaanee amilla maslahathahvure qaumee maslahathu iskuraa rayyithun,(vakin khaassakoh siyaasathu kanda alhaa) ginavegen.
— Imran Abdulla (@ShimranAb) April 19, 2021
އިމްރާންގެ އިތުރުން ކޯލިޝަންގެ އެއްބައިވެރިޔާ ރައީސް މައުމޫންވެސް ވަނީ ނަޝީދުގެ ވާހަކަތަކަށް ރައްދު ދެއްވަފައެވެ. ރައީސް މައުމޫން ވިދާޅުވެފައިވަނީ ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު އޮތީ ރައްޔިތުންގެ ބޮޑު އައުލަބިއްޔަތަކުން ކަނޑައަޅާފައިކަމަށެވެ. އެނިޒާމު ބަދަލު ކުރުމަކީ ރައްޔިތުން ތާއީދު ކުރާނެ ކަމެއްނޫންކަމަށެވެ.
ރާއްޖޭގައި ވެރިކަން ކުރާނީ ރިޔާސީ ނިޒާމަށް ކަމަށް ކަނޑައެޅީ 2007 ވަނަ އަހަރު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުންނެވެ.
ރައީސް ނަޝީދު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ފޮނުއްވެވި މެސެޖުގައި ވަނީ، އެއްފަރާތްވެވަޑައިގެން ނުހުންނަވައި، ބޮޑުވަޒީރުގެ މަގާމަށް ވަޑައިގެން ގައުމު ހިންގަވަން ބޭނުންފުޅުވާކަމަށް ވިދާޅުވެފައެވެ. އަދި ރައީސްއާއި އެކަމުގައި މަޝްވަރާކުރައްވަން ބޭނުންފުޅުވާކަމަށްވެސް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ. ރައީސް ނަޝީދު ވަނީ މި މެސެޖު ކެބިނެޓުގެ ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށްވެސް ފޮނުއްވާފައެވެ.
ރައީސް ނަޝިދު، ރައީސް ޞާލިޙާށް ފޮނުއްވެވި މެސެޖުގައި ވަނީ 2023 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމް ބަދަލުކޮށް އަލުން ސަރުކާރެއް އެކުލަވާލުމަށް ބޭނުންފުޅުވާކަމަށްވެސް ވިދާޅުވެފައެވެ. އެގޮތުން އެ އަހަރު އޮންނަ ރިޔާސީ އިންތިޚާބު ނުބޭއްވުމަށްވެސް ވަނީ އެދިވަޑައިގެންފައެވެ. އަދި ޖެހިގެން އަންނަ 2024 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވާއިރު، ޤާނޫނުގައި ވާގޮތަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުމަށްވެސް ރައީސް ނަޝީދު ވަނީ ރައީސް ޞާލިޙްއަށް ފޮނުއްވެވި މެސެޖުގައި އެދިވަޑައިގެންފައެވެ.
ކޮމެންޓު ފޮނުވާ