ރެލިގޭޝަން ޒޯނުގައި އޮތް ފުލަމް އަތުން އާސެނަލް އެއްވަރު

ރެލިގޭޝަން ޒޯނުގައި އޮތް ފުލަމް އަތުން އާސެނަލް އެއްވަރު

Author
ޔޫސުފް
19 އޭޕްރިލް 2021 10:14
0

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރެލިގޭޝަން ޒޯނުގައި އޮތް ފުލަމް އަތުން އާސެނަލް އެއްވަރުވެއްޖެއެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މި އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

އާސެނަލުގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ޑެނީ ސެބާޔޯސް ލަނޑެއް ޖަހައިދިން ނަމަވެސް، އޭގެ ކުރިން އެ ޓީމުގެ ބުކާޔޯ ސަކާ އޮފްސައިޑުގައި ހުރުމުން ވީޑީއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) އިން އެ ލަނޑު ބަލައިގެންފައެއް ނުވެއެވެ. އަދި އޭގެ ފަހުން ދެވަނަ ހާފުގައި ސަކާ ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފައެވެ.

އެކަމަކު މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ ފުލަމުންނެވެ. އެގޮތުން މެޗުގެ 59 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖޯޝް މާޖާއެވެ. މިއީ އޭރިއާ ތެރެއިން ފުލަމުގެ މާރިއޯ ލެމީނާއަށް އާސެނަލުގެ ގަބްރިއެލް ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ. އެއާއެކު މި މެޗުން އާސެނަލް ބަލިވާން ދަނިކޮށް، އެ ޓީމު ސަލާމަތްވީ މެޗުގެ އިތުރު ވަގުތުގައި އެޑީ އެންކެޓިއޭ ކާމިޔާބުކުރި ލަނޑުންނެވެ.

މި ނަތީޖާއާއެކު އާސެނަލް އޮތީ ތާވަލުގެ ނުވަވަނައިގައި 32 މެޗުން 46 ޕޮއިންޓާއެކުއެވެ. އަދި އާސެނަލާ އެއްވަރުކުރި ފުލަމް އޮތީ ތާވަލުގެ ފުލުން ތިންވަނައިގައި 33 މެޗުން 27 ޕޮއިންޓާއެކުއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.