ސީރިއާގެ ރައީސް ބައްޝާރުލް އސަދު އެގައުމުގައި ވެރިކަން ކުރަމުންދަނީ، އިދިކޮޅު ފަރާތްތަކަށް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ނުދެއްވާ، ވޯޓުން ކުރި ހޯއްދަވައިގެން

ހަގުރާމާގައި ވީރާނާ ވެފައިވާ ސީރިއާގައި، މޭމަހުގެ 26 ގައި ރިޔާސީ އިންތިޚާބު ބާއްވަނީ

ހަގުރާމާގައި ވީރާނާ ވެފައިވާ ސީރިއާގައި، މޭމަހުގެ 26 ގައި ރިޔާސީ އިންތިޚާބު ބާއްވަނީ

ގުޅުންހުރި

އަހުލީ ހަގުރާމާގެ ސަބަބުން ވީރާނާ ވެފައިވާ ސީރިއާގެ ރިޔާސީ އިންތިޚާބު އަންނަ މޭމަހު 26 ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސައިފިއެވެ. މިއީ، އެގައުމުގައި އަހުލީ ހަގުރާމަ ފެށުނުފަހުން ބާއްވާ 2 ވަނަ ރިޔާސީ އިންތިޚާބެވެ.

ގިނަ ބަޔަކު ގަބޫލުކުރާ ގޮތުތުގައި، މި އިންތިޚާބަށްފަހުވެސް، އެގައުމުގެ ވެރިކަމުގެ ބާރުތައް، މިހާރުގެ ރައީސް ބައްޝާރުލް އަސަދުގެ އަތުން ބީވެގެނެއް ނުދާނެއެވެ.

އަންނަ މޭމަހުގެ 26 ވަނަ ދުވަހު ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވާކަން، އާދީއްތަ ދުވަހު އިއުލާން ކުރައްވާފައިވަނީ، ސީރިޔާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސްއެވެ.

ގާނޫނު ހަދާ މަޖިލިހުގެ ރައީސް ހައްމޫދާ ސައްބާގް އާންމު ކޮށްފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ، ގައުމުން ބޭރުގައި ދިރިއުޅެމުންދާ ސީރިއާގެ ރައްޔިތުންނަށް އެގައުމުގެ އެންބަސީތަކުގައި، މޭ މަހުގެ 20 ވަނަ ދުވަހު މިއިންތިޚާބުގައި ވޯޓު ލެވޭނެއެވެ. އަދި އިންތިޚާބުގައި ވާދަ ކުރުމަށް ބޭނުންވާ ފަރާތްތަކަށް، އިންތިޚާބުގައި ވާދަކުރުމަށްޓަކާ، މި ހަފްތާގެ ހޯމަ ދުވަހުން ފެށިގެން އެޕްލިކޭޝަން ހުށަހެޅުއްވޭނަ ކަމަށްވެސް މި ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

ސީރިއާގައި އެތައް އަހަރެއްވަންދެން ހިގަމުންދާ އަހުލީ ހަގުރާމައިގެ ސަބަބުން، ގެދޮރުން ބޭރުވެފައިވާ އެތައް މިލިއަން މީހުންނަށް މި އިންތިޚާބުގައި ވޯޓު ލުމުގެ ފުރުސަތު ލިބިގެނެއް ނުދާނެއެވެ.

ބައްޕާފުޅު، ހާފިޒުލް އަސަދު 2000 ވަނަ އަހަރު އަވަހާރަ ވުމާއިގުޅިގެން ސީރިއާގެ ވެރިކަމާ ހަވާލު ވެވަޑައިގެންނެވި، ބައްޝާރުލް އަސަދު، މިއިންތިޚާބުގައި ވާދަކުރައްވާނެކަން އަދި އިއުލާން ކުރައްވާފައެވެ ނުވެއެވެ.

ސީރިއާގައި އެންމެ ފަހުން ރިޔާސީ އިންތިޚާބު ބާއްވާފައިވަނީ 2014 ވަނަ އަހަރުއެވެ. އެއީ، އޭރުގެ ބައްޝާރުލް އަސަދުގެ ވެރިކަމާ ދެކޮޅަށް ކުރެވެން ފެށި މުޒާހިރާތައް މައިތިރިކުރުމަށް ބާރުގެ ބޭނުން ކުރެވުނުތާ 3 އަހަރު ވީތަނާ ކަހަލަ ގޮތަކަށް ބޭއްވުނު ރިޔާސީ އިންތިޚާބެވެ. އެ އިންތިޚާބުވެސް %90 އަށްވުރެ މަތީ އަޢުލަބިއްޔަތަކުން ކާމިޔާބު ކޮށްފައިވަނީ ބައްޝާރުލް އަސަދެވެ.

އެއަށްފަހު، ސިރިޔާގައި ހިގަމުންދާ އަހުލީ ހަގުރާމައިގެ ތެރެއަށް ރަޝިއާއިން ވަދެ، ބައްޝާރުގެ އަސްކަރިއްޔާއަށް ފޯރުކޮށްދިން އެހީތެރިކަމާއެކު، އޭރު އިދިކޮޅު ފަރާތްތަކުގެ ބާރުގެ ދަށުގައިވި ގިނަ ސަރަހައްދުތައް ބައްޝާރުގެ ސިފައިން އަލުން ވަނީ ހިފާފައެވެ.

ސީރިއާގެ އިދިކޮޅު ފަރާތްތަކުގެ ބާރުގެ ދަށުގައި މިހާރުވަނީ، އެގައުމުގެ ހުޅަގު އުތުރުގެ މަދު ސަރަހައްދު ތަކެކެވެ.

ސީރިއާގެ ގާނޫނު އަސާސީގައިވާ ގޮތުން، އެގައުމުގައި ރައީސްކަމުގައި އެއްބޭފުޅަކަށް ދެމިހުރެވޭނީ، ގިނަވެގެން 7 އަހަރުގެ ދެ ދައުރުގައެވެ. އެހެންނަމެވެސް، މީގެތެރޭގައި 2014 ވަނަ އަހަރުގެ އިންތިޚާބު ކާމިޔާބު ކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާގެ ދައުރު ހިމަނާފައެއް ނުވެއެވެ.

އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ހުންނަންޖެހޭ ޝަރުތެއްގެ ގޮތުގައި، އިންތިޚާބުގެ ކުރިން ފާއިތުވެދިޔަ 10 އަހަރު މެދުނުކެޑި ސީރިއާގައި ދިރިއުޅެފައިވުން ކަޑައަޅާފައި ވުމާއެކު، 51 އަހަރުވަންދެން ސީރިއާގާއި ހިގަމުންދާ އަސަދު އާއިލާގެ ވެރިކަން ނިމުމަކަށް ގެނައުމަށް، ގައުމުން ބޭރުގައި ތިއްބަވައިގެން މަސައްކަތް ކުރަމުންދާ އިދިކޮޅު ގިނަ ފަރާތްތަކަށް މިއިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލިގެން ދާނެއެވެ.

އަދި މީގެ އިތުރުން، އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ކެނޑިޑޭޓެއްނަމަ، އިންތިޚާބަށް އެޕްލިކޭޝަން ހުށަހެޅުއްވޭނީ، ސީރިއާގެ ގާނޫނު ހަދާ މަޖިލިހިގެ މަދުވެގެން 35 މެމްބަރުންގެ ތާޢީދާ އެކުއެވެ.

ސީރިއާގެ ގާނޫނު ހަދާ މަޖިލީހުގައި އޮންނަނީ ބައްޝާރުލް އަސަދުގެ ބާތު ޕާޓީގެ މެޖޯރިޓީއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ