ރަޝިއާގައި ޖަލަށްލާފައިވާ ޕުޓިންގެ ސިޔާސީ ވާދަވެރިޔާ، އެލްކްސީ ނަވާލްނީ، ފާއިތުވެދިޔަ 2 ހަފްތާވަންދެން ކުރިޔަށް ގެންގޮސްފައިވާ ބަޑުހައި ހޫނުކަމުގެ ހަޅުތާލަށްފަހު، އޭނާގެ ކީޑްނީ ފެއިލްވެގެން ދިއުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށާއި، އަދި އޭނާގެ ލޮލުގެ ފެނުން ދަށްވަމުންދާ ކަމުގައި، އޭނާއާއި ގުޅުން އޮންނަ މެޑިކަލް ޓްރޭޑް ޔޫނިއަންއިން ހޮނިހިރު ދުވަހު ބުނެފިއެވެ.
ޖަލަށް ލާފައިވާ، އުމރުން 44 އަހަރުގެ އެލެކްސީ ނަވާލްނީ ގެންދަވަނީ، މާރޗްމަހުގެ 31އިން ފެށިގެން ބަޑުހައި ހޫނުކަމުގެ ހަޅުތާލު ކުރަމުންނެވެ. އޭނާ ބަޑުހައި ހޫނުކަމުގެ ހަޅުތާލު ކުރަމުންދަނީ، ފަޔަށާއި އަދި މައިބަދައިގެ ރިއްސުމަކަށް ފަރުވާ ހޯދުމަށް ޖަލުގެ ސެކިއުރިޓީން އޭނާއަށް އެކަށީގެން ފުރުސަތުތަކެއް ދީފައި ނުވާތީ އެކަމާ ދެކޮޅު ހެދުމުގެ ގޮތުންނެވެ.
"އޭނާގެ ހާލަތު ހަގީގަތުގައިވެސް ވަރަށް ގޯސް،" ޑޮކްޓަރސް އެލަޔަންސް ޓްރޭޑް ޔޫނިއަންގެ ރެޕްރެސެންޓޭޓިވްއެއް ކަމުގައިވާ އެލެގްޒެންޑްރާ ޒަޚަރޯވާ ވިދާޅުވެފައި ވެއެވެ. އެލަޔަންސް ޓްރޭޑް ޔޫނިއަންއަކީ ރަޝިއާ ސަރުކާރުން އިދިކޮޅު އެކްޓިވިސްޓުންގެ ޖަމާއަތެއްގެ ގޮތުގައި ސިފަކޮށްފައިވާ ޔޫނިއަންއެކެވެ.
އެލަޔަންސް ޓްރޭޑް ޔޫނިއަންއިން، ނަވާލްނީގެ ސްއްހީ ހާލަތާއި ގުޅޭގޮތުން ކޮމެންޓް ކޮށްފައިވަނީ ނަވާލްނީގެ ގާނޫނީ ވަކީލުންގެ ފަރާތުން ހޯދާފައިވާ ލިޔެކިއުންތަކުގެ މައްޗަށް ބިނާ ކޮށެވެ. އަދި އެ ޔޫނިއަންއިން ބުނެފައިވަނީ، އެ ޔޫނިއަންގެ ޑޮކްޓަރުން އަދި މިހާތަނަށް ނަވާލްނީ ހާލަތު އޭނާއާއި ބަދައްދަލުކޮށް ބަލާފައި ނުވާކަމަށެވެ.
"ނަވާލްނީގެ ސިއްޙީ ހާލަތާ ގުޅޭގޮތުން ހަދާފައިވާ ޓެސްޓްތައް އަހަރެމެން ބަލައިފިން. އޭނާގެ ޙާލަތު ވަރަށް ވަރަށް ގޯސް،" އެލަޔަންސް ޓްރޭޑް ޔޫނިއަންގެ އޮފިޝަލް ވިދާޅުވެފައި ވެއެވެ.
"އޭނާގެ ހަށިގަޑުގައި ޕޮޓޭސިއަމްގެ މިންވަރު ހުރީ މަތިކޮށް، އަދި ޓެސްޓުތަކުން ދައްކާގޮތުގައި، ވަރަށް އަވަހަށް އޭނާގެ ކިޑްނީ ފެއިލް ވެދާނެ ފަދަ އެތަކެއް މާއްދާތަކެއް އޭނާގެ ހަށިގަޑުގައި ވަނީ މަތިކޮށް، އަދި މީގެ ނަތީޖާއެއްގެ ގޮތުން ހިތް ހުއްޓުންފަދަ ހާލަތެއްވެސް ކުރިމަތި ވެދާނެ" އޭނާ އިތުރަށް ވިދާޅުވެފައެވެ.
ރަޝިއާ ސަރުކާރުން 2 އަހަރާއި ބައިގެ މުއްދަތަށް ނަވާލްނީ ޖަލަށް ލާފައިވަނީ، ޕެރޯލްގެ ޝަރުތުތަކާ އޭނާ ޚިލާފްވެފައިވާތީ ކަމަށްބުނެ، މިއަރުގެ ފެބްރުއަރީ މަހުއެވެ. އެހެންނަމަވެސް، ނަވާލްނީ ބުނެފައިވަނީ، އޭނާގެ ޖަލު ހުކުމަކީ، ސިޔާސީ މަގުސަދެއްގައި އޭނާގެ މައްޗަށް ކޮށްފައިވާ ހުކުމެއް ކަމަށެވެ.
ރަޝިޔާގެ ސަރުކާރުން ނަވާލްނީ ހައްޔަރު ކޮށްފައިވަނީ، ކޮންބަޔަކުކަން ނޭގޭ ބަޔަކު އޭނާއަށް ވިހަ ދިނުމުގެ ސަބަބުން ފަރުވާ ހޯދުމަށް ޖަރުމަނުގައި ހުންނެވުމަށްފަހު، އެބުރި ރަޝިއާއަށް ވަޑައިގަތުމުން، އެއަރޕޯޓުންނެވެ.
ޖުމްލަ 80 އަށްވުރެ ގިނަ ލިޔުންތެރިންނާއި، އެކްޓަރުންނާއި، ތާރީޚީ އިލްމުވެރިންނާއި، ޖާނަލިސްޓުންނާއި، ފިލްމް ޑިރެކްޓަރުން ހިމެނޭ ގޮތުން ހުކުރުދުވަހު ވަނީ، އެކަށީގެންވާ ސިއްޙީ ފަރުވާ ނަވާލްނީއަށް ލިބިދެވޭނެ އިންތިޒާމް ހަމަޖައްސާދިނުމަށް އެދި ރަޝިއާގެ ރައީސަށް ހުޅިވިފައިވާ ސިޓީއެއް ހުށަހަޅާފައެވެ. މި މީހުންގެ ތެރޭގައި މަޝްހޫރު ލިޔުންތެރިން ކަމުގައިވާ، ޖެކޭ ރޯލްލިންއާއި އަދި ސަލްމާން ރުޝްދީވެސް ހިމެނެއެވެ.
ރަޝިއާގެ ޖަލު ބަލަހައްޓާ އޮތޯރިޓީތަކުން ބުނެފައިވަނީ، ޖަލުން ނަވާލްނީއަށް އެކަށީގެންވާ ސިއްހީ ފަރުވާ ފޯރުކޮށްދީފައިވާ ކަމަށެވެ. އެހެންނަމަވެސް، ނަވާލްނީ ބޭނުންވަނީ އޭނާ ބޭނުންވާ ޑޮކްޓަރަކަށް ދެއްކުމަށް ކަމަށާއި، މިފުރުސަތު ޖަލުން ފަހިކޮށްދީފައި ނުވާނެކަމަށެވެ.
ހުކުރުދުވަހު، ނަވާލްނީ ބުނެފައިވަނިީ، ބަޑުހައި ހޫނުކަމުގެ ހަޅުތާލު ހުއްޓާނުލައިފިނަމަ، ނަވާލްނީ ހަޅުތާލު ހުއްޓާލުމަށް މަޖުބޫރު ކުރުވާނެކަމުގެ އިންޒާރު ޖަލު ބަލަހައްޓާ ފަރާތްތަކުން ދީފައިވާ ކަމަށެވެ.
ކޮމެންޓު ފޮނުވާ