ޔުނައިޓެޑް ވިކްޓްރީ އާއި ދެކޮޅަށް ނުކުންނައިރު ލީގުގައި އެންމެ ފަހުން ޔޫވީ މޮޅެއް ހޯދާފައި އޮތުމަކީ ސުޕަރ ޔުނައިޓެޑް ސްޕޯޓްސްއަށް ދިމާވާނެ އިތުރު ޕްރެޝަރެއް ކަމަށް އެޓީމުގެ ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) ބުނެފިއެވެ.
ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ޔުނައިޓެޑް ވިކްޓްރީން ހޯދި ފުރަތަަމަ މޮޅު އެޓީމުން ހޯދާފައިވަނީ އެންމެ ފަހުން ލީގުގައި ކުޅުނު މެޗުގައި ދަ ގްރާންޑޭ ބަލިކުރުމަށްފަހުއެވެ.
ޔުނައިޓެޑް ވިކްޓްރީ އާއި ދެކޮޅަށް ނުކުތުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ސަސްޕަޓިސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ، ލީގުގައި އެންމެ ފަހުން ކުޅުނު މެޗުން ޔުނައިޓެޑް ވިކްޓްރީ މި ސީޒަނުގައި އެ ޓީމުގެ ފުރަތަމަ މޮޅު ހޯދާފައިވުމުން ސަސްއާ ދެކޮޅަށް ނުކުންނާނީ ރަނގަޅު ރޫހެއްގައި ކަމަށެވެ. އަދި ސަސް އިން މެޗަށް ތައްޔާރުވާނީ އެކަމަށް ވިސްނައިގެން ކަމަށް މޯހަން ބުންޏެވެ. މޯހަން ބުނީ ޔުނައިޓެޑް ވިކްޓްރީ އަކީ ވަރަށް ތަޖުރިބާކާރު ކުޅުންތެރިންތަކެއް ތިބި ވަރަށް ހުނަރުވެރި ޓީމެެއް ކަމަށާއި ފަހަކަށް އައިސް ފުދޭ ވަރަކަށް ރަނގަޅަށް ޔުނައިޓެޑް ވިކްޓްރީން ބޯޅަ ކުޅެމުންދާ ކަމަށެވެ.
އަޅުގަނޑުމެންނާ އެކީ ކުޅެން ޖެހުުނުއިރު އެ ފަދަ ކާމިޔާބެއް (ޔޫވީ އަށް) ލިބުމަކީ އަޅުގަނޑުމެންނަށް އިތުރު ޕްރެޝަރެކޭ ދަންނަވަންޖެހޭނީ. ސީޒަން މި ހިސާބަށް އަންނައިރުގައި މޮޅެއް ނުލިބި އޮވެފައި ލިބޭ މޮޅަކީ މުޅި ޓީމަށް ލިބޭ ކުރިއެރުމެއް އަދި ބޫސްޓަކަށް ވެގެންދާނެ.
މޯހަން ބުންޏެވެ.
ލީގުގެ ހަތް ވަނައިގައި ސުޕަރ ޔުނައިޓެޑް ސްޕޯޓްސް މި ވަގުތު އޮތީ 12 މެޗުން 12 ޕޮއިންޓް ހޯދައިގެންނެވެ. ޔުނައިޓެޑް ވިކްޓްރީ އަތުން މޮޅުވެގެން ސަސް އަށް ލީގުގެ ފަސް ވަނަ އަށް ޖެހިލުމުގެ ފުރުސަތު އެބައޮތެވެ. އެކަމަކު އެއީ އެހެން މެޗުތަކުގެ ނަތީޖާ ނުކުންނަ ގޮތަކުންނެވެ.
ޔުނައިޓެޑް ވިކްޓްރީ އާއި ސުޕަރ ޔުނައިޓެޑް ސްޕޯޓްސް ކުޅޭ މެޗު ފަށާނީ މިރޭ 10 ޖަހާއިރުއެވެ.
ކޮމެންޓު ފޮނުވާ