ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރ މުޙައްމަދު ވަޙީދު (ވައްޑެ) ކެމްޕޭން ތަޤްރީރެއްގައި ދެއްކެވި ވާހަކަފުޅަކާ ގުޅުވައިގެން އޭނާގެ ފުރާނަ ނުރައްކަލަށް ހުށަހެޅުމުގެ ނިޔަތުގައި ބައެއް ފަރާތްތަކުން މަސައްކަތްކުރާކަމަށް އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުން ބުނެފިއެވެ.
ވައްޑެ ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުން މިހެން ބުނެފައި މިވަނީ، އެކާވީސް ވަނަ ގަރުނުގައި ޤިޞާޞް ހިފުމޭކިޔައި، މަރަށްމަރު ހިފަން އުޅުނީ ސިކު ބައެއްކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ އުނގޫރާފު ދާއިރާގެ މެމްބަރު ވައްޑެ ދެއްކެވި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށެވެ.
ކައުންސިލް ކެމްޕެއިންގައި އެމްޑީޕީ އޮފީސް ކުރިމަތި ހުންނަވައިގެން ވާހަކަ ދައްކަވަމުން ވައްޑެ ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މަރަށް މަރުހިފަން ކަމަށްބުނެ ޤިޞާޞް ހިފުނުމުގެ ނަމުގައި ކެބިނެޓަށް ކަރުދާސް ހުށަހަޅައި ބޮޑެތި ޕްރެޒެންޓޭޝަން ހުށަހަޅައިގެން މަސައްކަތް ކުރައްވާފައިވާކަމަށެވެ. މިއީ އެކާވީސް ވަނަ ޤަރުނަށްވާއިރު މިފަދަ ކަންކަން ހުށަހެޅި ސިކުބަޔަކު މިއަދު ކަންކާއި ކުރިމަތިލާކަމީ ރައްޔިތުން ގަބޫލު ކުރާނެ ކަމެއްނޫންކަމަށް ވައްޑެ ވިދާޅުވިއެވެ.
އެކާވީސް ވަނަ ގަރުނުގައި ޤިޞާޞް ހިފުމޭކިޔައި، މަރަށްމަރު ހިފަން އުޅުނީ ސިކު ބައެއް: ވައްޑެ
އޭނާގެ މިވާހަކަތަކާއި ގުޅިގެން ޢިލްމުވެރިންނާއި ޢާންމުން ކަންބޮޑުވުންފާޅުކޮށް ކުށްވެރިކުރަމުން އަންނަނިކޮށް އެމްޑީޕީ ޕީޖީން ނެރުނު ބަޔާނެއްގައި ވަނީ، އުނގޫފާރު ދާއިރާގެ މެމްބަރ މުޙައްމަދު ވަޙީދު، އެ ތަޤްރީރުގައި ފާހަގަކުރެއްވި ނުކުތާ އަމާޒުކުރައްވާފައިވަނީ ދީނަށް ނުވަތަ ދީނީ ޙުކުމަކަށް ނޫންކަމާއި، އެއާޚިލާފަށް އޭނާގެ ވާހަކަ އަމާޒުކުރައްވާފައިވަނީ މަރުގެ އަދަބު ދިނުމުގެ ނަމުގައި ކުރީގެ ސަރުކާރުގައި ތިބި ބަޔަކު ކަންކުރި ގޮތަކަށް ކަމަށްވާއިރު، އެވާހަކަ ގަސްދުގައި އޮޅުވާލައިގެން ބައެއް ދީނީ ޢިލްމުވެރިންނާއި، ބައެއް ސިޔާސީ މީހުންނާއި އަދި ބައެއް މީޑިއާތަކުން އެކަން ފިތުނައަކަށް ވާގޮތަށް ހެދުމުގެ ސަބަބުން، އޭނާގެ ފުރާނައަށް ނުރައްކާކުރުވުމަށް ބައެއް ފަރާތްތަކުން ގޮވާލަމުންދާކަން ކަންބޮޑުވުމާއެކު ފާހަގަކުރާކަމަށެވެ.
މީގެ ކުރިން ވެސް އުނގޫފާރު ދާއިރާގެ ގޮނޑި އެއިރު ތަމްސީލުކުރައްވަމުން ގެންދެވި ދީނީ ޢިލްމުވެރިއާ ޑޮކްޓަރ އަފްރާޝީމް ޢަލީ ވެސް ވަނީ އަނިޔާވެރިގޮތެއްގައި އަވަހާރަކޮށްލާފައެވެ. ތަޙްޤީޤުތަކުން ދައްކާގޮތުގައި ޑޮކްޓަރ އަފްރާޝީމް ޢަލީ އަވަހާރަކޮށްލާފައިވަނީ ވެސް ދީނުގެ ނަމުގައި ހައްދުފަހަނާޅާފައިވާ ބަޔަކު ހިންގަމުންދާ ޙަރަކާތްތަކެއްގެ ތެރެއިންނެވެ. އަދި މުރުތައްދުވެ، ދީނުން ބޭރުވެއްޖެކަމަށް ބުނެ އަމިއްލައަށް ގޮތްތައް ނިންމައިގެން ދީނުގެ ނަމުގައި އެހެން ފަރާތްތަކެއް ވެސް ވަނީ ރާއްޖޭގައި ގަތުލުކޮށްފައިވެއެވެ.
– އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕް
އެމްޑީޕީ ޕީޖީ ގްރޫޕްގެ ބަޔާނުގައި އުނގޫފާރު ދާއިރާގެ މެމްބަރ މުޙައްމަދު ވަޙީދު ދެއްކެވި ވާހަކައެއްގެ ޙަޤީޤަތް ގަސްދުގައި އޮޅުވާލައި ފިތުނަ އުފައްދައިގެން އޭނާގެ ފުރާނަ ނުރައްކަލަށް ހުށަހެޅުމުގެ ނިޔަތުގައި ޢަމަލުކުރާ ފަރާތްތަކުން އެކަން ވަގުތުން ހުއްޓާލުމަށް ގޮވާލާކަމަށްވެސް ބުނެފައިވެއެވެ. އަދި މިކަމުގައި ހުރި ނުރައްކާ ބޮޑުކަމަށްޓަކައި މިފަދަ މައްސަލަތައް ވަގުތުން ތަޙްޤީޤްކުރައްވައި ފިޔަވަޅުއެޅުއްވުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށްވެސް އެމްޑީޕީ ޕާޅިމަންޓްރީ ގްރޫޕުން ވަނީ ގޮވާލާފައެވެ.
ކޮމެންޓު ފޮނުވާ