މިދިޔަ އަހަރު ޒަކަތު ފަންޑުން ބޭސްފަރުވާކުރުމަށް 567 މީހަކަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އިސްލާމިކް މިނިސްޓްރީން ޢާއްމުކޮށްފައިވާ އެ މިނިސްޓްރީގެ 2020ވަނަ އަހަރުގެ އަހީރީ ރިޕޯޓުގައި ބުނެފައިވަގޮތުގައި ޒަކާތު ފަންޑުން ބޭސްފަރުވާ ކުރުމަށްޓަކައި މިދިޔަ އަހަރު 6،338،337 ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. ކޯވިޑް-19އާ ގުޅިގެން ޒަކާތު ފަންޑުން، ބޭސްފަރުވާގެ އެހީއަށް އެދިފައިވާ މީހުންގެ ޢަދަދު ވަރަށް ބޮޑަށްވަނީ މަދުވެފައެވެ. އަދި ބޭސްފަރުވާއަށް ކޮށްފައިވާ ޚަރަދު އެހެން އަހަރުތަކާ އަޅާބަލާއިރު ވަރަށް ބޮޑަށް މަދުވެފައިވާކަން މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.
އެ މިނިސްޓްރީގެ ރިޕޯޓްގައި ބުނެފައިވާގޮތުން އެންމެ ގިނައިން ޒަކާތު ފަންޑުން ފައިސާ ދޫކޮށްފައިވަނީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން އަންނަ މީހުންނަށެވެ. އެގޮތުން އެފަދަ 144 މީހަކަށް އެހީތެރިކަން ވަނީ ފޯރުކޮށްދީފައިވާއިރު، ދެން އެންމެ ގިނައިން އެހީތެރިކަން ފޯރުކޮށްދީފައިވަނީ ލޮލުގެ ބައްޔަށް ފަރުވާ ހޯދުމަށެވެ. އެގޮތުން ލޮލުގެ ބައްޔަށް ފަރުވާ ހޯދުމަށްޓަކައި 58 މީހަކަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. ވޭތުވެ ދިޔަ އަހަރު ވަނީ ހިތުގެ ބަލި ހުންނަށް 26 މީހަކަށް ޒަކާތު ފަންޑުން އެހީތެރިކަން ފޯރުކޮށްދީފައެވެ.
2020 ވަނަ އަހަރު ކިޑްނީ ބައްޔަށް ފަރުވާ ހޯދަމުން އަންނަ 24 މީހަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާއިރު އޯޓިޒަމަށް ފަރުވާ ދިނުމަށްޓަކައި 14 މީހަކަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. މީގެ އިތުރުން ހޮސްޕިޓަލް ބިލްތައް ދެއްކުމަށާއި ޓްރާންސްޕްލާންޓް ހެދުމަށް މިއިން ކޮންމެ ދާއިރާއަކުން 7 މީހަކަށް މިދިޔަ އަހަރު ވަނީ ޒަކާތު ފަންޑުން އެހީތެރިކަން ފޯރުކޮށްދީފައެވެ.
ޒަކާތު ފަންޑުން އެކިކަންކަމަށް އެހީތެރިކަން ފޯރުކޯށްދެމުން އަންނައިރު ވޭތުވެދިޔަ އަހަރުވަނީ ފުލް ސްކޮލަރޝިޕް ލިބިގެން ކިޔަވަމުންދާ 13 ދަރިވަރަކަށް 2020ވަނަ އަހަރު ޖުމްލަ 677،166.10 ރުފިޔާ ޚަރަދުކޮށްފައެވެ.
މުޖުތަމަޢުގައި ޙާލުގައި ޖެހިފައިތިބި މީހުންނަށް އެހީތެރިވުމަށާއި ކިޔަވައިދިނުމަށާއި ބޭސްފަރުވާއަށްވެސް ޒަކާތު ފަންޑުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މީގެ އިތުރަށް ބައެއް ހާލަތްތަކުގައި މިސްކިތްތައް އާބާތުރަ ފިލުވުމަށާއި އެނޫންވެސް، ރައްޔިތުންނާ ގުޅުންހުރި ގިނަ ކަންތައްތަކަކަށް ޒަކާތު ފަންޑުން އެހީތެރިކަން ފޯރުކޮށްދެމުން ގެންދެއެވެ.
މިދިޔަ އަހަރު ނިމުނުއިރު ޒަކާތު ފަންޑުގައި ހުރީ 128،918،296.13 ރުފިޔާއެވެ.
ކޮމެންޓު ފޮނުވާ