ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔމާއި އެމަނިކުފާނަށް އިޙްތިރާމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރަށް ލިބޭނެ ނިކަމެތިކަމެއް ނޫންކަމަށް ޕީއެންސީގެ ނާއިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ސަޢީދު މިހެން ވިދާޅުވެފައި ރަމަޟާންމަހު ރައީސް ޔާމީން އަމިއްލަ ގެކޮޅަށް ބަދަލުކޮށްދިނުމަށް ގިނަ ބަޔަކު ގޮވާލައްވަމުން އަންނަ ދަނޑިވަޅެއްގައެވެ.
ކޯވިޑް ވެކްސިން ޖެއްސެވުމަށް ރައީސް ޔާމީން މާލެ ގެނައުމަށްފަހު އަނބުރައި މާފުށީ ޖަލަށް މިދިޔަ ބުރާސްފަތި ދުވަހު ވަނީ ގެންގޮސްފައެވެ. އެކަމާއި ގުޅިގެން އެމަނިކުފާނުގެ ޤާނޫނީ ވަކީލް އަދި ކުރީގެ ނާއިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ވަނީ ރައީސް ޔާމީނާ ހަމައިން ސަރުކާރުން ޢަމަލްކުރަނީ ލާއިންސާނީ، ޤާނޫނާ ޚިލާފަށްކަމާއި، ކުއްލިއަކަށް އެމަނިކުފާނު މާލެގެނައިއިރު އާއިލާ/ވަކީލުންނަށް ނޭނގީ ކީއްވެތޯ ސުވާލުކުރައްވާފައެވެ. މިމާތް މައްސަރު އެތައް އިރަކު ކަނޑުމަތީގައި ގެންގުޅެ، ކަންތައްކުރި އިހާނެތި ގޮތް ކުށްވެރިކޮށް ރަށްކާތެރިކަން ކަށަވަރުކުރަން ގޮވާލއްވާކަމަށްވެސް ޑރ.ޖަމީލް ވިދާޅުވެފައިވެއެވެ.
ޑރ.ޖަމީލްގެ އެ ވާހަކަފުޅަށް އިޝާރާތްކުރައްވާ ސަޢީދު ވިދާޅުވީ، ރައީސް ޔާމީންގެ ކާމިޔާބު 5 އަހަރު އެމަނިކުފާނު ވަނީ މިޤައުމަށް އަގުނުކުރެވޭ އެތައް އެތައް ޚިދުމަތްތަކެއް ކޮށްދެއްވާފަކަމަށެވެ. ރައީސް ޔާމީނާއި އެމަނިކުފާނާއި އާއިލާއަށް އިހުތިރާމް ކުރުމަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރަށް ލިބޭނެ ނިކަމެތިކަމެއް ނޫންކަމަށާއި، ހިތްތިތިކޮށް އޯގާތެރިކަން އިސްކުރުމަކީ މާތް ސިފައެއްކަމަށްވެސް ސަޢީދު ވިދާޅުވެފައިވެއެވެ.
R.Yameen ge kaamiyaabu 5 aharu emanikfaanu vanee mi gaumah agunukurevey ethah ethah khidhmaiy thakeh ko’dhevvaafai. Emanikfaanaai Aailaa ah ihthiraam kurumakee,RIMS ge sarukaarah libeyne nikamethi kameh noon. Hi’ythirikoh oagaatherikan iskurumakee maaiy sifa eh @ibusolih . https://t.co/lTDT1flnqw
— Mohamed Saeed (@em_saeed) April 15, 2021
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ ރައީސް ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތުންގެ ސިޓީއެެއް ލިބިފައިވާކަމަށެވެ. އެ ސިޓީގައި އެމަނިކުފާނުގެ ޞިއްޚި ހާލަތު ހުރިގޮތުން ރަމަޟާންމަހުގެ ގެއަށް ބަދަލުކުރުމަށް އެދިފައިވާކަމަށެވެ. އަދި މިހާރު ކަމާއި ގުޅުންހުރި އިދާރާތަކާއި މަޝްވަރާކުރައްވަމުންދާކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.
ރައީސް ޔާމީން ރަމަޞާން މަހު ގެއަށް ބަދަލު ނުކޮށްފިނަމަ މާލޭގައި މާދަމާ މުޒާހަރާ ކުރަން ފަށާނެކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ. އަދި ނިމިގެންމިޔަ ވޯޓުން ރައްޔިތުން ބުނެދިން އެންމެ ބޮޑު ހަގީގަތަކީ ރައީސް ޔާމީން އަދިވެސް ދިވެހި ރައްޔިތުންނަށްބޭނުންވާ ކަމަށާއި، އެމަނިކުފާނު މިހާރުން މިހާރަށް މިނިވަން ކުރުންކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ.
ކުރީގެ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިން ކުށް ސާބިތުވެ 5 އަހަރަށް ޖަލަށްލުމާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކްރިމިނަލްކޯޓުން ހުކުމްކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަދުވަހުއެވެ. މިހުކުމް އިއްވާފައިވަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާ ރައީސް ޔާމިންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި މައްސަލާގައެވެ. އަދި އެސްއޯއެފުން ޖަމާކުރި މި ފައިސާ އޭސީސީއާއި އެކު ހެދި އެސްކްރޯ އެކައުންޓެއްގައި ބެހެއްޓުމަށް އެއްބަސްވެޑައިގަތުމަށްފަހު އޭސީސީއަށް ނޭގި މި ފައިސާ އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ ރައީސް ޔާމީންގެ އަމިއްލަ އެކައުންޓަކަށް ބަދަލުކުރައްވާ އެ ފައިސާއިން މަނީ ލޯންޑަރކުރިކަން ވަނީ ސާބިތުވެފައެވެ.
ކޮމެންޓު ފޮނުވާ