ބަލިވުމުގެ ޒިންމާ ދަފްތަރު މީހުންގެ ބޮލުގައި އެޅުވިދާނެތަ؟

ބަލިވުމުގެ ޒިންމާ ދަފްތަރު މީހުންގެ ބޮލުގައި އެޅުވިދާނެތަ؟

ގުޅުންހުރި

މިމަހުގެ 10 ވަނަ ދުވަހު ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިޚާބަކީ ހުރިހާ ގޮތަކުންވެސް ތަފާތު އިންތިޚާބެކެވެ.

މިއީ ލާމަރުކަޒީ ނިޒާމު ވުޖޫދު ވުމަށްފަހު ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބުތަކުގެ ތެރެއިން ކަޑައެޅިފައިވާ ތާރީޚުގައި ނުބޭއްވިދިޔަ ހަމައެކަނި އިންތިޚާބެވެ.

އަދި މިއީ މުޅި ދުނިޔެ ކޯވިޑް19ގެ ނުރައްކާތެރި ކަމުގައި ވަނިކޮށް، ބޭއްވިގެން ދިޔަ އިންތިޚާބަކަށް ވެގެން ދިޔައިރު، މިއިންތިޚާބު ވެގެން މިދިޔައީ، ލޯކަލް ކައުންސިލްތައް ތައާރަފް ކުރުމަށްފަހުވެސް، ކައުންސިލްތަކުގެ ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނެވި، ދައުރު 5 އަހަރުގެ މުއްދަތަކަށް ދިގު ދަންމާލުމަށްފަހު ބޭއްވިގެންދިޔަ ފުރަތަމަ އިންތިޚާބު ކަމުގައިވެސްމެއެވެ.

ހަމަ އެއާއެކު، ލޯކަލް ކައުންސިލް އިންތިޚާބު 2020 ވަކީން ޚާއްސަވެގެންދާ އެހެން ސަބަބެއްވެސް އެބައޮތެވެ. ރާއްޖޭގެ އިދާރީ ހިންގުމުގެ ނިޒާމު ލާމަރުކަޒީ ކުރެވި، މީހުން ދިރިއުޅޭ ރަށްރަށުގައި ކައުންސިލްތައް ގާއިމް ކުރެވި، ކައުންސިލްތަކަށް ބާރުތައް ދެވުނު ފަހުންވެސް، ރާއްޖޭގެ ބޮޑެތި ގިނަ ސިޓީތަކާއި ރަށްރަށުގައި ކައުންސިލްތަކުގެ މެޖޯރިޓީ ދަމަހައްޓަމުން އައިސްފައިވަނީ އެމްޑީޕީންނެވެ.

ވަކީން ޚާއްސަކޮށް މާލެއެވެ. ފާއިތުވެދިޔަ 12 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައިވެސް، މާލޭ ސިޓީގެ މޭޔަރުކަން އެމްޑީޕީ ނޫން އެހެން ޕާޓީއެއްގެ ބޭފުޅަކަށް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

އަދި މިއަށްވުރެވެސް އާދަޔާ ޚިލާފު ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަ ކުރާކަމަކީ، މާލެއަކީ އެމްޑީޕިއަށް ބޮޑު ތާޢީދެއް އޮންނަ، އަދި އެޕާޓީން އަބަދުވެސް ފަސޭހަކަމާއެކު ކާމިޔާބު ކުރާ ސިޓީއެއްގެ ގޮތުގައި ސިފަ ކުރަމުންދާ މިސީޓީ، ތަފާތު ބޮޑުކޮށް އެމްޑީޕީއަށް ގެއްލިގެން ދިއުމެވެ.

ހަމައެއާއެކު، މުޅި މާލޭގެ ހުރިހާ ދާއިރާއަކުން ކަހަލަ ގޮތަކަށް އެޕާޓީގެ މެމްބަރުން ރައްޔިތުންގެ މަޖިލީހަށް އިންތިޚާބު ވެފައިވަނިކޮށް، އަދި މާލޭގެ ދާއިރާތަކުގެ ހުރިހާ މެމްބަރުން ކަހަލަ ގޮތަކަށް އެޕާޓީން ކުރިމަތި ލައްވާފައި ތިއްބެވި މެމްބަރުން އިންތިޚާބު ކުރުމަށް ފޫގަޅާ ކެމްޕޭނަށް ނުކުންނަވާފަ ވަނިކޮށް، ރާއްޖޭގެ އެންމެ އާބާދީ ބޮޑު ސިޓީ މާލެއިން އެޕާޓިއަށް ބޮޑުތަނުން ނާކާމިޔާބު ވެގެން ދިއުމެވެ.

މިއާއެކު ފާހަގަ ކޮށްލަންޖެހޭ އަނެއް ނުކުތާއަކީ، މާލޭ ސިޓީގެ މޭޔަރުކަމުގެ މަގާމަށް އެމްޑިޕީން ކުރިމަތި ލެއްވި އަނަސް އަބުދުއްސައްތާރު ގޮވައިގެން ނަޝީދު އެތައް ދުވަހެއްވަންދެން ދޮރުން ދޮރަށް ހިންގަވާ، ކަންމަތީ އެތަކެއް ޖަލްސާތަކެއް ބާއްވާ، އަދި އިދިކޮޅު ކެނޑިޑޭޓް ޑރ. މުއިޒުއަށް އެތައް ހަޑިހުތުރު ވަނަމަކުން މުޚާތަބުކޮށް ގޮވާ، އެތަކެއް އެންޓި ކެމްޕޭންތަކެއް ޖައްސަވައިގެންވެސް، އެމްޑިޕީގެ ޓިކެޓްގައި މޭޔަރުކަމަށް ކުރިމަތި ލެއްވި އަނަސް އަބުދުއްސަތާރު، ޑރ. މުއިއްޒުއާއި ވާދަކޮށް އާދަޔާ ޚިލާފު ބޮޑު ނަތީޖާއަކުން ބަލިވެގެން ދިއުމެވެ.

ހައްތަހާވެސް، ފާއިތުވެދިޔަ ލޯކަލް ކައުންސިލް އިންތިޚާބު ތަފާތުވެގެންދާ ސަބަބުތަކެވެ. އަދި ވެރިކަމުގައި އޮވެމެ، ވެރިކަން ކުރާ ޕާޓީއަށް ކައުންސިލް އިންތިޚާބުގައި ބޮޑެތި އާބާދީތައް ގެއްލިގެން ދިއުމަކީ ހަގީގަތުގައި އިންތިޚާބުގެ ނަތީޖާ ތަފާތު ނަތީޖާއަކަށް ވާން މެދުވެރިވާ ވަރަށް ބޮޑު ސަބަބެކެވެ.

 

މާލެއިން ވޯޓުލާން ނުކުތް މީހުންގެ އަދަދު

 

މާލެއަކީ ދިވެހިރާއްޖޭގެ އެންމެ އާބާދީ ބޮޑު ސިޓީއެވެ. މާލޭ ސިޓީއަކީ، މާލޭގެ ވަށައިގެންވާ މީހުން ދިރިއުޅޭ ރައްތައް ކަމުގައިވާ، ހުޅުމާލެއާއި ވިލިމާލޭގެ އާބާދީވެސް ހިމަނައިގެން، މުޅި ރާއްޖޭގެ އާބާދީގެ ދެބައިކޮށްފަ އެއްބަޔާއި ގާތްކުރާ ވަރުގެ އާބާދީއެއް އޮންނަ ސިޓީއެކެވެ.

އެހެންކަމުން ކޮންމެ އިންތިޚާބެއްގައިވެސް، މާލޭގެ ވީހާވެސް ގިނަ އަދަދެއްގެ ވޯޓެއް ކާމިޔާބު ކުރުން ކޮންމެ ޕާޓީއަކަށްވެސް، އަބަދުވެސް އޮންނަނީ މުހިންމު ކަމަކަށް ވެފައެވެ. ސަބަބަކީ، ބޮޑެތި އާބާދީތަކުން ހޯދޭ ކުރިއެރުންތަކަކީ، ނަތީޖާއިން ކުރިއެރުން ހޯދުމަށާއި އަދި ސިޔާސީގޮތުން "މެޑަލް ޖެހުމަށް" ލިބިގެންދާ ރަނުގެ ފުރުސަތަކަށް ވާތީވެސްމެއެވެ.

އެހެންކަމުން، ފާއިތުވެދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި، މާލޭގެ ނަތީޖާއިން އެމްޑީޕީ ބަލިވެ، އިދިކޮޅު ޕީޕީއެމްއަށް ކާމިޔާބު ލިބިގެން ދިޔައީ ކޮން ސަބަބަކާ ހެދިތޯ މިއީ އަދިވެސް ގިނަބަޔަކު ކުރަމުންދާ ސުވާލެކެވެ. އަދި އޭގެ ސަބަބު ހޯދާ ބަލަން ހަމަ ވަރަށް ގިނަ ބަޔަކު ބޭނުންވެފައިވާ ކަމެއްވެސް މެއެވެ.

ވެރިރަށް މާލެއިން ވެރިކަން ކުރާ ޕާޓީއަށް ނާކާމިޔާބީއާއި ކުރިމަތިލާން ޖެހުނު ސަބަބުތައް އެތައް ބަޔަކު އެތައް ގޮތަކަށް މާނަ ކުރަމުންދާއިރު، މިހާތަނަށް މުޅިން އާ ވާހަކަތަކެއްވެސް މިވަނީ މި ހަފްތާގައި އެމްޑީޕީއަށް ނިސްނަތްވާ ބައެއް މަޖިލިސް މެމްބަރުން ދައްކަވަން ފައްޓަވާފައެވެ.

މިގޮތުން އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެމްބަރުން މިއިންތިޚާބުގައި މާލޭ ސިޓީން އެމްޑީޕީ ބަލިވެގެން ދިޔައި ދިއުން ސިފަ ކުރައްވާފައިވަނީ މާލޭގައި ދިރިއުޅެމުންދާ، ދަފްތަރުގައި ރަޖިސްޓްރީ އޮންނަ މީހުން މާލެއަށް ވޯޓު ލުމުގެ ސަބަބުން އެމްޑީޕީއަށް ކުރިމަތިވެގެން ދިޔަ ނާކާމިޔާބީއެއްގެ ގޮތުގައެވެ.

އަދި އެމްޑިޕީގެ އަނެއްބައި މެމްބަރުން، މާލޭ ސިޓީގައި އެމްޑީޕީ ބަލިވި ސަބަބެއްކަމުގައި ދައްކަވާފައިވަނީ، އެޕާޓީގެ ގިނަ މެމްބަރުންތަކެއް ވޯޓުލާން ނުނުކުތުމުގެ ސަބަބުން ކުރިމަތިވެގެންދިޔަ ނާކާމިޔާބީއެއްގެ ގޮތުގައެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު، ލޯކަލް ކައުންސިލް އިންތިޚާބެއްގައި މިހާތަނަށް އެންމެ ގިނަ އަދަދެއްގެ މީހުން ވޯޓުލާން ނިކުމެފައިވަނީ، އިދާރީ ދާއިރާތައް ހިންގުން ލާމަރުކަޒު ކުރުމަށްފަހު ބޭއްވިގެންދިޔަ ދެވަނަަ އިންތިޚާބުގައެވެ. އެއީ 2014 ވަނައަަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބެވެ. އެ އިންތިޚާބުގައި މާލޭ ސިޓީގައި %62 މީހުން ވޯޓުލާން ނިކުފައި ވެއެވެ. އަދި އޭގެ ކުރިން 2011 ވަނަ އަހަރު ބޭއްވުނު، ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭ ސިޓީން %50 މީހުން ވޯޓު ލާފައިވެއެވެ.

އެހެންނަމަވެސް ފާހަގަ ކޮށްލަންޖެހޭ ނުކުތާއަކީ، 2014 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބަށްފަހު އައި އެއްވެސް ލޯކަލް ކައުންސިލް އިނތިޚާބެއްގައި ވޯޓުލާން ނުކުތް މީހުންގެ އަދަދު ބޮޑުތަކުން އިތުރުވެގެން ގޮސްފައި ނުވާކަމެވެ.

މިގޮތުން ބަލާއިރު، 2017 ވަނައަހަރު ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބގައި %42 މީހުން މާލޭގައި ވޯޓުލާން ނިކުމެފައި ވާއިރު، މިހަރު ނިމިދޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި، ކުރު މުއްދަތެއްގެ ކެމްޕޭނަކަށްފަހު ނަމަވެސް، ފާއިތުވެދިޔަ އިންތިޚާބެކޭ އެއްވަަރަށް މީހު ވޯޓުލާން ނިކުމެފައިވެއެވެ. އެއީ މާލޭގެ ވޯޓުލާ އާބާދީގެ %40 މީހުންވެ.

ކޯވިޑް19ގެ ނުރައްކާތެރި ކަމާހެދި، ރާއްޖޭގެ އެކި ކަންކޮޅުތަކުން، ވޯޓުލާން ނުކުންނަ މީހުގެ އަދަދު އާދަޔާ ޚިލާފަށް މަދުވާނެ ކަމަށް ކުރިން އަންދާޒާ ކުރެވިފައިވި ނަމަވެސް، %67 މީހުން މިއިންތިޚާބުގައި މުޅި ރާއްއިން ވޯޓުލާން ނިކުމެފައި ވެއެވެ. ލޯކަލް ކައުންސިލް އިންތިޚާބަކާ އަޅާ ބަލާއިރު، އަދި އަމުދުން ކޯވިޑް19 ކާރިސާގެ ތެރޭގައި މުޅި ގައުމު ވަނިކޮށް، %70 އާއި ގާތް ކުރާ އަދަދަކަށް މުޅި ރާއްޖެއިން ވޯޓުލާން މީހުން ނިކުުތުމަކީ ހަގީގަތިވެސް މިއިންތިޚާބުގައި ވޯޓު ނުލާން ނިންމި މީހުން އަދަދު އެހެން އަހަރުތަކާ އަޅާބަލާއިރު ގިނަ ނޫންކަން ވަރަށް ރަގަޅަށް ދައްކުވައިދޭ ހެއްކެކެވެ.

އެހެންކަމުން، ފާއިތުވެދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި، މާލޭ ސިޓީން އެމްޑީޕިއަށް ކުރިމަތިވި ނާކާމިޔާބީއަކީ، އެޕާޓިގެ ގިނަ އަދަދެއްގެ މެމްބަރުންތަކެއް ވޯޓުލާން ނުނިކުތުމުގެ ސަބަބުން ކުރިމަތިވި ނާކާމިޔާބީއެއްކަމުގައި އެޕާޓީގެ ބައެއް މަޖިލިސް މެމްބަރުން ސިފަ ކުރަމުންދާ ދިއުމަކީ، އެކަމުގެ ހެކި ހިސާބު އަދަދުތަކުން ފެންނާން އޮތްކަމެއްގެ ގޮތުގައި ފެންނާކަށް ނެތެވެ.

 

މާލޭ ދަފްތަރު

 

މާލޭ ސިޓީން އެމްޑީޕީއަށް ކުރިމަތިވެދިޔަ، ނާކާމިޔާބީ، އެޕާޓީގެ އެކި މެމްބަރުން އެކި ގޮތްގޮތަށް ސިފަކުރަމުން ގެންދަވާއިރު، އެންމެ ފަހުން އިވިގެން ދިޔަ އެންމެ އާދަޔާ ޚިލާފު އެއް ސަބަބެއްގެ ގޮތުގައި ފާހަގަ ވެގެންދިޔައީ، މާލޭ ދަފްތަރުގެ ވާހަކަތަކެވެ.

މާލޭ ރައްޔިތުންނަކީ ވަކި ގިންތިއެއްގެ ބައެއް ކަމުގައި ދެކެވި، މާލޭގައި ކުއްޔަށް އުޅެމުންދާ ރާއްޖެތެރޭގެ ރައްޔިތުންނަކީ، ވަކި ގިންތިއެއްގެ ބައެއްގެ ގޮތުގައި ދެކެމުން އަންނަ އައުމަކީ ޒަމާނުއްސުރެ ބައެއް ދިވެހިންގެ ހިތްތަކުގައި އަށަގެންފައި އޮންނަ އޮތުމެކެވެ.

އެހެންނަމަވެސް، ފަހަކަށް އައިސް މިސަގާފަތް ބަދަލުވެ، ނަސްލީ ތަފާތުކުރުންތަކަށް މުޖުތަމަޢުގެ ތެރޭގައި އޮންނަ ޖާގަ ކުޑަވެ، ތަފާތު ކުރުންތަކަށް އަމަލީގޮތުން އޮތް ފުރުސަތު އިންތިހާއަށް ކުޑަވެގެން ގޮސްފައިވާ ކަމީ، އައިސްފައިވާ ހެޔޮ ބަދަލެއްގެ ގޮތުގައި ފާހަގަ ކުރަންވެސް ޖެހޭ ކެމެކެވެ.

އެތަ ޒަމާނެއްވަންދެން، މާލޭގައި ދިގުމުއްދަތަކަށް ދިރިއުޅެމުންދާ، މާލެ ނޫން އެހެން ރަށްރަށަށް ނިސްބަތްވާ މީހުންގެ ދަފްތަރެއް އޮވެއެވެ. މި ދަފްތަރުގެ މަގުސަދަކީ، އަމިއްލަ ރަށް ދޫކޮށް، ގިނަ ފަހަރަށް މަޖުބޫރީ އެތަކެއް ސަބަބުތަކާ ހެދި، މާލެއަށް ހިޖުރަކޮށް މާލޭގައި ދިރިއުޅެންޖެހިފައިތިބޭ މީހުންނަށް މާލޭގެ ރައްވެހިކަމުގެ ހައިސިއްޔަތު ފޯރުކޮށް ދިނުމުގެ މަގުސަދުގައި އެކުލަވާލެފިފައި އޮންނަ ދަފްތަރެކެވެ.

ސަބަބަކީ، މި ފަރާތްތައް މާލޭގެ ދަފްތަރުގައި ޖެހުމުން މާލެއިން ބޯހިޔާވަހިކަން ލިބިދިނުމާއި، އަދި މިނޫނަސް އެހެނިހެން އިދާރީ ބައެއް ކަންކަމުގައި، މިފަދަ ފަރާތްތަކުގެ ހިސާބު ކިތާބުތައް ބެލެހެއްޓުމުގައިވެސް ލުއި ފަސޭހަތަކެއް ލިބިގެން ގޮސްފައި އޮންނާތީއެވެ.

ރައީސް ޔާމިންގެ ވެރިކަމުގައި ހުޅުމާލޭގައި އަޅާފައިވާ ހިޔާ ފްލެޓްތައް. މި ފްލެޓްތަކުން ދަފްތަރު ރައްޔިތުންނަށް ވަނީ ފްލެޓް ދީފައި

އަދި މާލޭ ދަފްތަރުގައި އަމިއްލަ އިޚްތިޔާރުގައި، ޖެހިފައި ތިބޭ، ދިވެހި ރައްޔިތުން އާންމު އިންތިޚާބުތަކުގައި، މާލޭގެ ފޮށިތަކަށް ވޯޓުލަމުން ދާތާވެސް އެތަކެއް އަހަރުތަކެއް ފާއިތުވެގެން ހިގައްޖެއެވެ.

މިގޮތުން އެމްޑީޕީން ފާއިތުވެދިޔަ ތަނުގައި ކާމިޔާބު ކޮށްފައިވާހާ އިންތިޚާބެއް ކާމިޔާބު ކޮށްފައިވަނީވެސް، މާލޭ ދަފްތަރުގައި ތިބި ރައްޔިތުންގެ ވޯޓާ އެކީގައެވެ. ފާއިތުވެދިޔަ ރިޔާސީ އިންތިޚާބު، އެމްޑީޕީ އެކުލެވޭ ކޯލިޝަނުން އިންތިޚާބު ކާމިޔާބުކޮށް، އަދި އެޕާޓީން މަޖިލިސް ސުޕަރ މެޖޯރިޓީ ހޯދާފައިވަނީ ވެސް ހަމަ، ދަފްތަރުގައި ޖެހިގެންތިބި، ރާއްޖޭތެރެއަށް ނިސްބަތްވާ ދިވެހި ރައްޔިތުންގެ ވޯޓު ހޯދައިގެންނެވެ.

މިހެން މި ސަބަބުތައް އޮއްވާ، މިއަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގައި، އެމްޑިޕީއަށް މާލޭ ސިޓީ ގެއްލިގެން ދިޔައީ، މާލޭ ދަފްތަރުގައި ޖެހިގެންތިބި ރައްޔިތުންގެ ސަބަބުން ކަމުގައި ސިފަކުރުމަކީ، ކޮން ބާވަތެއްގެ ދިރާސާއެއްގެ ނަތީޖާއެއްކަން، ނުވަތަ ކޮން އިންސާފަކުން ވިސްނާ ވިސްނުމެއްކަމެއް ސާފެއް ނުވެއެވެ.

ކޮންމެއަކަސް، ސާފުވާން އޮތް ހަގީގަތަކީ، މާލޭ ދަފްތަރުގައި ތިބީވެސް ހަމަ ދިވެހި ރައްޔިތުންކަމެވެ. އެ ރައްޔިތުންނަށް ވޯޓު ލުމުގެ ހައްގުވެސް ލިބިދޭން ޖެހޭކަމެވެ. އަދި ހަމަ އެއާއެކު، އިންތިޚާބެއްގެ ނަތީޖާ، ދަފްތަރުގައި ތިބި ރައްޔިތުން ނަގަންޖެހޭކަމަށް ދެކެވޭނަމަ، އިންތިޚާބެއްގެ ނަތީޖާއާއިމެދު މިދެކޭ ދެކުންތަކުގެ ނަތީޖާ ފަހުން ނިކުމެދާނެ ގޮތަކާ ގުޅޭގޮތުން ރައްޔިތުންގެ ހިތްތަކުގައި އުފެދޭނޭ ބިރުވެރިކަމާއި، ގިލަންވެރިކަމާ ހާސްކަން އެތައް ގުނައަކުން ބޮޑުވެގެން ދާނެކަމާ މެދުވެސް ޝައްކެއް ނެތެވެ.

 

އިންތިޚާބުގެ ނަތީޖާއާމެދު ފިނި ހިތަކުން ވިސްނާލުން މުހިންމު

 

އިންތިޚާބުތަކުގައި ބަލިވުމާއި މޮޅުވުން އެއީ ޑިމޮކްރަސީގެ ތަބީއަތެވެ.

އަދި އެއީ، ޑިމޮކްރަސީގެ ހަގީގީ ދިރުމެވެ. އެއްބަޔަކު ބަލިވެ، ބަލިވީ މީހުން ބަލި ގަބޫލުކުރުމާއި، މޮޅުވާ މީހުން، ލިބުނު ކާމިޔާބީގެ މައްޗަށް ކިބުރުވެރިވެ ބޮޑާވެ ނުގަތުމަކީ، ޑިމޮކްރަސީގައި ގާއިމް ވެފައި އޮންނަން ޖެހޭ ރިވެތި ސިފައެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭން އިވެންޓެއްގައި ޕާޓީގެ އިސް ބޭފުޅުން ނައްޓަވަނީ

އެހެންނަމަވެސް، ޑިމޮކްރަސީއަށް ފައްކާވެފައި ނުވާ، ކެރި ފޯރުންތެރި ނޫން ގިނަ ގައުމުތަކުގައި، ނަމެއްގައި ޑިމޮކްރަސީ އޮތަސް، އިންތިޚާބުތަކުގެ ތަނީޖާއަށްފަހު، އޮންނަނީ ކޮންމެވެސް އެއް ސިފައެއްގައި ނަތީޖާ ބަލައި ނުގަތުމުގެ ސަގާފަތެކެވެ.

ބަލިވުމުގެ ޒިންމާ ކޮންމެވެސް އެއްބައެއްގެ ބޮލުގައި އަޅުވާ، އޭގެއިން ތަސައްލީ ހޯދުމުގެ އާދައެވެ. ގިނަ ފަހަރަށް ބަލިވާން ޖެހުނު ހަގީގީ ސަބަބާމެދު ވިސްނާލާކަށް، އަމިއްލަ ނަފްސުގެ މައްޗަށް ވެރިވެފައި ހުންނަ ޖަޒުބާތުތައް ފުރުސަތެއް ނުދެއެވެ.

ނަތީޖާއަކަށް ވެގެންދަނީ، ލިބޭ ނާކާމިޔާބީން އިބުރަތެއް ހާސިލް ކުރުމެއް ނެތި، ކުރިޔަށް ނެރެވެނީ ދެކޮޅުވެރިކަމާއި، ގަދަ ބަސް ބުނުމާއި، ގޮތް ދޫނުކުރުމުގެ ސިޔާސަތުތަކެވެ.

އެހެންނަމަވެސް ގަބޫލު ކުރަންޖެހޭ ހަގީގަތަކީ، ކޮންމެ އިންތިޚާބަކަށްފަހުވެސް، ހިސާބު ޖަހަންޖެހޭ ކަމެވެ. ބަލިވި ހަގީގީ ސަބަބުވެސް ހޯދަން ޖެހޭކަމެވެ. ތިމާމެންގެ އަމިއްލަ ނަފުސުގައި ގޯހެއް ހުރި ނަމަ، އެކަން ބަލައިގަތުމުގެ ހިތްވަރު ހުންނަން ޖެހޭ ކަމެވެ. ހިސާބު ޖަހައިގެން، ކުޑަކޮށް ފަހަތައް ޖެހިލާފަ، ހަގީގަތުގެ މައްޗަށް އަލުން ހިތްވަރު ކުރުމުގެ އާދަ ކުރިޔަށް ނުނެެރެވި، ކޯޅޭ ކޯޅުމަކުން ގައުމަށް ލިބޭނެ ހެވެއް ނޯންނާނެކަމެވެ.

ކަމުގެ ހަގީގަތަކީ، ހުރިހާ ސިޔާސީ ޕާޓީއަކުންވެސް، ލޯކަލް ކައުންސިލް އިންތިޚާބުގެ ނަތީޖާއިން ހިސާބު ޖަހަންޖެހޭކަމެވެ. ފިނިހިތަކާއެކު ވިސްނާލަން ޖެހޭކަމެވެ. ދިވެހި ރައްޔިތުންނަކީ، އިންތިޚާބުތަކުން ނަތިޖާ ނެރެދޭ ބައެއްކަން ހުރިހާ ސިޔާސީ ފަރާތަކުންވެސް މިއަދު ގަބޫލުރަން މިއޮތީ މަޖުބޫރު ވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *