އަހަރަކުވެސް ބާއްވަމުން އަންނަ އިޙްޔާ ފޯރަމްގެ ފުރަތަމަ ފޯރަމްމިރޭޞާއްވަންނިންމައިފިއެވެ.
ރަމަޟާންމަހުގެ ރޭތައް އިޙްޔާކޮށް ދިރުވުމަށްޓަކައި ކޮންމެއަހަރަކުވެސް އިޙްޔާ ފޯރަމް އަންނަނީ ބާއްވަމުންނެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ފޯރަމް މިރޭ އޮންނައިރު، މި ފޯރަމް އޮންނާނީ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ ހޯލުގައި މިރޭ 21:30 ގައެވެ. މިފޯރަމްގެ މިރޭގެ މައުޟޫއެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "ރަމަޟާންމަހާއި ނަބަވީ ފިލާވަޅު" މި މަޢުޟޫއެވެ. އެގޮތުން މިރޭގެ މި މައުޟޫއަށް ވާހަކަދެއްކުމަށް ބައިވެރިވެވަޑައިގަންނަވާނީ އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު އަލީއާއި ޑރ. ޢަބްދުއްޞައްތާރު ޢަބްދުއްރަޙުމާންއެވެ.
މިރޭގެ ފޯރަމަށް ޢާންމުންނަށް ވަދެވޭނެކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ. އެގޮތުން އެޗްޕީއޭގެ އުޞޫލްތަކާ އެއްގޮތަށް ޖަލްސާއަށް އާއްމުންނަށް ވަދެވޭނެ އިންތިޒާމް ހަމަޖައްސާފައިވާނެކަމަށް އެ މިނިސްޓްރީން ބުންޏެވެ. އިޙްޔާ ފޯރަމަކީ ކޮންމެ އަހަރެއްގެ ރަމަޟާންމަހު ބައްވަމުން އަންނަ ފޯރަމެކެއެވެ. އެހެން އަހަރުތަކާ އެއްގޮތަށް މިއަހަރުވެސް މި ފޯރަމް އޮންނާނީ ހޯމަ ވިލޭރެއާއި ހުކުރު ވިލޭރޭގައެވެ.
ރަމަޟާން މަހުގެ ރޭތައް އިޙްޔާކުރުމުގެ ޕްރޮގްރާމަކީ ދީނީ ގޮތުން ރައްޔިތުންނަށް ކަންކަން އޮޅުންފިލުވައިދިނުމަށް ރާއްޖޭގައި ހިންގާ އެންމެ ޚާއްޞަ އެއް ޕްރޮގްރާމެވެ. މިއީ 1980ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހު އިސްލާމިކް މިނިސްޓްރީން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
ކޮންމެ އަހަރެއްގެ ރަމަޟާންމަހު ކުރިއަށްގެންދާ އިޙްޔާ ފޯރަމްގައި ރައްޔިތުންނަށް ދީނީ މަޢުލޫމާތު ދެއްވުމަށްޓަކައި ރާއްޖޭގައި ތިބި ޤާބިލު ޢިލްމުވެރިން ބައިވެރިވެވަޑައިގެން ތަޤްރީރުކުރައްވައެވެ. މިއަހަރުވެސް މިފަދަ ޢިލްމުވެރިން ތަޤްރީރުދެއްވުމަށް ވަނީ ހަމަޖެހިފައެވެ. ކޮންމެ އަހަރަކުވެސް އިޙްޔާ ފޯރަމަށް ގިނަ ޢަދަދެއްގެ ކިޔަވާ ދަރިވަރުންނާއި ޢާންމުން ވަދެއެވެ. އަދި ޢާންމުން ބޭނުންވާ ސުވާލު ހުށައެޅުމުގެ ފުރުޞަތުވެސް ލިބިގެންދެއެވެ.
ކޮމެންޓު ފޮނުވާ