2011ވަނަ އަހަރު ޖަޕާނަށް ކުރިމަތިވި ބާރުގަދަ ބިންހެލުމުގައި ގެއްލުން ލިބިފައިވާ، މަޝްހޫރު ފުކުޝީމާ ނިއުކްލިއަރ ރިއެކްޓަރުން ބާކީވެފައިވާ، އެތައް މިލިއަން ޓަނެއްގެ، ޓްރީޓް ކުރެވިފައިވާ ރޭޑިއޯ އެކްޓިވް ފެން، ޕެސިފިކް ކަޑަށް ދޫކޮށްކުމަށް ޖަޕާން ސަރުކާރުން ނިންމައިފިއެވެ.
ޖަޕާން ސަރުކާރުން، 1.25 މިލިއަން ޓަނުގެ ރޭޑިއޯ އެކްޓިވް ފެން، ކަނޑަށް ދޫކުރަން ފެށުމަށް ހަމަޖެހިފައިވަނީ، ކުރިޔަށް 2 އަހަރު ދުވަހުގެ ތެރޭގައެވެ.
އަންގާރަ ދުވަހު ޖަޕާން ސަރުކާރުގެ ކެބިނެޓުން މި ނިންމި ނިންމުމާއި ގުޅިގެން، ނިއުކުލިއަރ ރިއެކްޓަރ ހުންނަ، ޖަޕާނުގެ ފުކުޝީމާ ޕްރިފެކްޗަރގެ ރައްޔިތުންނާއި އަދި މަސްވެރިން ދަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުންނެވެ.
އަދި މީގެ އިތުރުން ޖަޕާންގެ އަވައްޓެރި ސައުތު ކޮރެއާއި، ޗައިނާ އަދި ދުނިޔޭގެ ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ އެތަކެއް ޖަމްއިއްޔާއަކުންވެސް ގެންދަނީ ޖަޕާން ސަރުކާރުގެ މި ނިންމުމާއި ދެކޮޅު ހަދަމުންނެވެ.
ދުނިޔޭގެ އެތައް ގައުމަކުންނާއި، ޖަމިއްޔާއެއްގެ ދެކޮޅު ހެދުންތަކާ އަދި މުޒާހަރާތަކުގެ ސަބަބުން އަދި، ސަލާމަތީ އެތައް ސަބަބުތަކާ ހެދި، މި ރޭޑިއޯއެކްޓިވް ފެން ނައްތާލާނެ ގޮތަކާއިމެދު ގޮތެއް ނުނިންމި ލަސްވެގެން ދިއުމަށްފަހު، ޖަޕާން ސަރުކާރުން މިމައްސަލާގައި ނިންމުމަކާ ހަމައަށް އައިސްފައިވަނީ، ކެބިނެޓްގެ މިނިސްޓަރުންނަށް، މި ރޭޑިއޯއެކްޓިވް ފެން ނައްތާލުމަށް އެންމެ ރަގަޅު ގޮތަކީ މި ފެން ކަޑަށް ދޫކޮށްގެން ކަމުގައި ގަބޫލު ކުރެވިގެންނެވެ.
2011ވަނަ އަހަރު ޖަޕާނުގެ ފުކުޝީމާ ސަރަހައްދަށް އައި ވަރުގަދަ ބިންހެލުމަށްފަހު އެސަރަހައްދަށް އެރި ސުނާމީގެ ސަބަބުން މި ސަރަހައްދުގެ ނިއުކުލިއަރ ޕްލާންޓަށް ގެއްލުން ލިބި، ރިއެކްޓަރ ފިނިކުރަން ބޭނުން ކުރަމުން އައި ފެނުގެ ތެރެއަށް ރޭޑިއޯއެކްޓިވް މާއްދާތަކުގެ އަސަރުކޮށް، ވިހަފެން ރިއެކްޓަރުން ލީކްވާން ފެށިއެވެ. އަދި އެއަށްފަހު، ރޭޑިއޯއެކްޓިވް ވިހައިގެ އަސަރު ކޮށްފައިވާ މިފެން ވަނީ މި ރިއެކްޓަރުގެ ޓޭންތަކުގައި ޖަމާކުރެވިފައެވެ.
މި ޕްލާންޓް ބަލަހައްޓަމުން ގެންދާ ޓޯކިޔޯ އިލެކްޓްރިކް ޕަވަރ ކޯޕަރޭޝަންއިން ބުނެފައިވަނީ، މި ޕްލާންޓުގައި ހުރި ފެން ރައްކާކުރުމުގެ ކެޕޭސިޓީ އަންނަ އަހަރު ފުލް ވެގެން ދާނެކަމަށެވެ.
ޖަޕާނުގެ ބޮޑުވަޒީރު ޔޮޝިހީޑޭ ސުގާ ވިދާޅުވެފައިވަނީ، އެންމެ ރަގަޅު ގޮތަކީ، މިފެން ކަނޑަށް ދޫކުރުން ކަމުގައެވެ. އަދި ވިދާޅުވީ، ފުކިޝީމާ ނިއުކުލިއަރ ޕްލާންޓް ރޫޅާލުމަށް ހަމަޖެހިފައިވާތީ، ޖަޕާން ސަރުކާރުގެ މި ނިންމުމަކީ އިތިރު ބަދަލެއް ގެނެވޭނެ ނިންމުމެއް ނޫންކަމުގައެވެ.
މި ފެން ކަނޑަށް ދޫކޮށް ނިންމުމަށް އެތައް އަހަރެއް ހޭދަވެގެން ދާނެއެވެ.
މި ޕްލާންޓް ބަލަހައްޓަމުން ގެންދާ ޓޯކިޔޯ އިލެކްޓްރިކް ޕަވަރ ކޯޕަރޭޝަން (TEPCO) އާއި ޖަޕާން ސަރުކާރުގެ އިސް އޮފިޝަލުން ބުނެފައިވަނީ، މި ރޭޑިއޯއެކްޓިވެ ފެނުގައިވާ ޓްރިޓިއަމް ނަމަކަށް ކިޔާ މާއްދާއެއް މި ވިހަ ފެނުގެ ތެރެއިން ވަކި ކުރެވިގެން ނުދާނެ ކަމަށެވެ. އަދި އޮފިޝަލުން ވިދާޅުވެފައިވަނީ، މި މާއްދާއަކީ، ކުޑަ މިންވަރަކުން ދިރޭ ތަކެއްޗަށް ގެއްލުން ދޭ މާއްދާއެއް ނޫންކަމުގައެވެ. އަދި މިފެނުގައިވާ، ދިރުން ހުރި ތަކެއްޗަށް ގެއްލުންދޭ އެހެނިހެން ރޭޑިއޯނިއުކްލައިޑްސްތައް، ކަނޑަށް ދޫކުރުމަށް ރައްކާތެރި މިންވަރަށް ދަށް ކުރެވިގެން ދާނެކަމަށެވެ.
ބައެއް ސައިންސްވެރިން ވިދާޅުވެފައިވަނީ، ނިއުކުލިއަރ މާއްދާތަކުގެ ބާރު ދަށް ކުރެވިފައިވާ، އެހެންނަމަވެސް، މިހާ ގިނަ އަދަދެއްގެ ފެނުން ދިރޭ ތަރެއްޗަށް ދިގު މުއްދަތެއްގައި ކޮށްފާނެ އަސަރުތައް މިހާތަނަށް ދެނެގަނެވިފައި ނުވާކަމުގައެވެ.
TEPCO އިން ބުނެފައިވާ ގޮތުގައި، އެ ކުންފުނިން ގާއިމް ކޮށްފައިވާ، 1.37 މިލިއަން ޓަނުގެ ފެން ރައްކާކުރުމުގެ ކެޕޭސިޓީ، 2022 ވަނަ އަހަރި ފެށިގެން ދާއިރު މުޅިން ފުރިގެންދާނެ ކަމަށެވެ.
އަދި ފެން ރައްކާކުރާ ޓޭންކްތަކުން ފުރިފައިވާ މިސަރަހައްދު އެއް އެއްކޮށް ސާފުކޮށް، މިސަރަހައްދު އަލުން އާރާސްތުކުރުމަށްވެސް ޖަޕާން ސަރުކާރުން ވަނީ ނިންމާފައެވެ. އަދި މީގެ އިތުރުން، ވިރިގެން ގޮސްފައިވާ މައުދަނުގެ ބައިތައް ރިއެކްޓަރ ހިންގި ސަރަހައްދުން ބޭރުކޮށް ތަން ސާފުކުރުމަޓަކާވެސް، މި ސަރަހައްދުގައި ހުރި ޓޭންކުތައް ނަގާ، ރިއެކްޓަރ އެއްކޮށް ރޫޅާލަންޖެހޭ ކަމަށްވެސް ޖަޕާނު ސަރުކާރުންވަނީ ބުނެފައެވެ. ކުރިޔަށް އޮތް އަހަރުތަކުގައި، މިސަރަހައްދުގައި ހުރި، ވިރިގެން ގޮސްފައިވާ މައުދަނުގެ ބާވަތްތައް ބޭރުކުރަން ފެށުމަށް ވަނީ ހަމަޖެހިފައެވެ.
ޖަޕާންސަރުކާރުގެ މި ނިންމުމާއި ގުޅިގެން، އަވައްޓެރި ސައުތު ކޮރެއާ އަދި ޗައިނާއިން ވަނީ ވަރަށް ބޮޑަށް ދެކޮޅު ހަދާފައެވެ. އަދި ޗައިނާއިން ބުނެފައި ވަނީ، ޖަޕާން ސަރުކާރުގެ މި ނިންމުމާއި ގުޅިގެން އެގައުމަށް އަޅާނެ ފިޔަވަޅުތަކެއް ވަރަށް އަވަހަށް ނިންމާނެ ކަމުގައެވެ.
ކޮމެންޓު ފޮނުވާ