ޝެއިޚް ޢަލީ ޒައިދުގެ ގަލަމުން: މަރްޙަބާ! މަރްޙަބާ!

ޝެއިޚް ޢަލީ ޒައިދުގެ ގަލަމުން: މަރްޙަބާ! މަރްޙަބާ!

ގުޅުންހުރި

ބަރަކާތްތެރި ރޯދަމަހަށް އެންމެހާ ލޮބުވެތި އަޚުންނާއި އުޚްތުންނަށް ތަހުނިޔާއާއި މުބާރަކްބާދީ ކިޔަމެވެ. ލޮބުވެތި އަޚުންނާ އުޚްތުންނެވެ! މަތިވެރިވަންތަ ﷲ ގެ ޙަޟްރަތުން ތަނަވަސްވެގެންވާ ރަޙުމަތް ތިޔަ އެންމެ ބޭފުޅުންގެ މައްޗަށް ހުއްޓެވެ. އެރަޙުމަތުގެ ދޮރުކޮޅުތަކާއި ގެން ބަރަކާތްތެރި ރަމަޟާންމަސް މިވަނީ އަޅުގަނޑުމެންނާއި ބައްދަލުކޮށްފައެވެ. ވީމާ މިމައްސަރު، އަޅުގަނޑުމެންނާއި ބައްދަލުކުރިކުރުމަކީ ވެސް އޭގެ ޒާތުގައި ބޮޑުވެގެންވާ ނިޢުމަތެއްކަން ކަށަވަރެވެ.

ކުރީގެ ހެޔޮލަފާ ބޭކަލުން، އެހެން ޢިބާރާތަކުންނަމަ 'ސަލަފުއް ޞާލިޙުން' ރަމަޟާންމަސް އައުމުގެ 6 މަސްދުވަސް ކުރިން، އެބޭކަލުންނާއި އެމައްސަރު ބައްދަލުކުރުމުގެ ތައުފީޤު ދެއްވާތޯ އަރަހުށި ﷲ ތަޢާލާއަށް ގިނަގިނައިން ދުޢާކޮށް އުޅުނެއެވެ. އަދި އެބޭކަލުންނާއި ރަމަޟާން މަސް ބައްދަލުވެެއްޖެނަމަ، ޖެހިގެން އޮތް 6 މަސްދުވަހު، އެބޭކަލުން އެ ރަމަޟާންމަހުގައި އަދާކުރެއްވެވި މާތް އަޅުކަންތައްތައް ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވާތޯ ދުޢާދަންނަވައި އުޅުއްވިއެވެ. ކޮންފަދަ ރިވެތި މިސާލެއް ތޯއެވެ؟

މިއީ އެބޭކަލުން އުޅުއްވި ގޮތެވެ. އެބޭކަލުންގެ ސީރަތެވެ. އެބޭކަލުންގެ ޙަޔާތް މިމައްސަރަށްޓަކައި ޤުރްބާންކުރެއްވެވި ގޮތުގެ ޚުލާޞާ ވާހަކައެކެވެ. ހަމަ އަޅުގަނޑުމެންގެ ފަދަ ކައްޓާ މަހާ ލެއިން އުފެދިފައިވާ ބޭކަލުންނެވެ. ވީމާ އަޅުގަނޑުމެންވެސް އެބޭކަލުންފަދައިން، އެބޭކަލުންގެ ޙަޔާތުންޕުޅުން ނަމޫނާ ނަގައިގެން މިމައްސަރުގެ އެދެވޭ ފައިދާ ނަގާ ބަޔަކަށް ނުވާންވީ ކީއްވެތޯއެވެ؟ ވާނެއެވެ. ވެވޭނެއެވެ. ބޭނުންވަނީ ހިތްވަރާއި ކެރުމެވެ. މުރާލިވުމެވެ.

ރަމަޟާންމަހަކީ ޘަވާބުގެ ގޮތުން އަގުހެޔޮ މޫސުމެކެވެ. ބަލާލި ކޮންމެ ދިމާލަކުން އުފާވެރިކަމާއި ހިތްހަމަޖެހުމެވެ. ނަމަވެސް ޙަޤީޤީ ހިތްހަމަ ޖެހުން ހިތަށް ލިބިގެން ދާނީ، މިމައްސަރުގައި ތިމާގެ ޢަމަލުތައް ބައްޓަންކުރެވޭ ހެޔޮގޮތްތަކެއްގެ މައްޗަށެވެ!

ރޯދަވެރިންނަށް ސުވަރުގޭގައި ޚާއްޞަ ދޮރުކޮޅެއް ވާކަމުގައި އަޅުގަނޑުމެންގެ މާތްނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަންގަވާފައި ވެއެވެ. އެދޮރުކޮޅަކީ "އައްރައްޔާން" އެވެ. މި އީ ގިނަގިނައިން ރޯދަހިފައި އުޅުމުގެ ސަބަބުން އެ ރޯދަވެރިންނަށް ޚާއްޞަ އިސްކަމެއް ދެއްވުމުގެ ގޮތުން، ﷲ ތަޢާލާ އެބައިމީހުންނަށްޓަކައި ކަނޑައަޅުއްވާފައިވާ ދޮރުކޮޅެވެ. ކޮންފަދަ ޝަރަފެއް ތޯއެވެ؟ ކޮންފަދަ ޢިއްޒަތެއް ތޯއެވެ؟ އެންމެހާ އިންސީންނާ ޖިންނީނާ، ހުރިހާ މަޚުލޫޤުންގެ ކުރިމަތީގައި ރޯދަވެރިން އުފަލުންހުރެ އެދޮރުކޮޅުން ވަދެގެންދާނެއިރު، އެމަންޒަރުގައި ވަނީ ކޮންފަދަ ފުރިހަމަ ކަމެއްތޯއެވެ؟ ވިސްނާ ފިކުރުކުރައްވާށެވެ!

ރޯދައިގެ މާތްކަން އަންގައިދޭ ބައެއް ޙަދީޘް ވިދާޅުވެލައްވާށެވެ! ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވިދާޅުވި ބަސްފުޅެއްގައިވެއެވެ. (قد جاءكم شهر مبارك ، افترض الله عليكم صيامه ، تفتح فيه أبواب الجنة ، و تغلق فيه أبواب الجحيم ، و تغل فيه الشياطين ، فيه ليلة خير من ألف شهر ، من حرم خيرها ، فقد حرم) رواه النسائي

މާނައަކީ "ހަމަކަށަވަރުން ބަރަކާތްތެރިވެގެންވާ މައްސަރެއް ތިޔަބައިމީހުންގެ ގާތަށް އަތުވެއްޖެއެވެ. ﷲ ތިޔަބައިމީހުންގެ މައްޗަށް އެމަހުގައި ރޯދަ ހިފުން ފަރުޟުކުރައްވައިފިއެވެ. އަދި އެމަހުގައި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވެއެވެ. އަދި ނަރަކައިގެ ދޮރުތައް ބަންދުކުރެވެއެވެ. އަދި ޝައިޠާނުން ކަސްތަޅުއެޅުވެއެވެ. އެމަހުގައި، އެއްހާސް މައްސަރަށްވުރެން ހެޔޮކަންބޮޑު ރެއެއްވެއެވެ. އެރޭގެ ހެޔޮކަމުން މަޙްރޫމުވެއްޖެމީހާ، ފަހެ ހަމަކަށަވަރުން މަޙްރޫމް ވެއްޖެއެވެ."

އަދި ރަމަޟާންމަހުގެ ރޯދައާ ބެހޭގޮތުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޡްކުރައްވާފައިވެއެވެ. "من صام رمضان إيمانا واحتسابا غفر له ما تقدم من ذنبه" رواه البخاري ومسلم    މާނައީ: "ﷲ ގެ އެއްކައުވަންތަކަމަށް އިމާންވުމާއެކު އެކަލާނގެ ހަޟްރަތުން ސަވާބާއި ދަރުމަ އެދޭ ޙާލު ރަމަޟާންމަހު ރޯދަހިފައިފިމީހާ ދަންނާށެވެ. އެމީހާގެ އިސްވެ ގޮސްފައިވާ ފާފަތައް ފުހެވިއްޖެއެވެ."

 

އެޑިޓަރުގެ ނޯޓް: މިއީ ރޯދަމަަހަށް ޚާއްޞަކޮށް، ދީނީ، އިޖްތިމާޢީ އަދި އަޚްލާޤީ މައްސަލަތަކަށް އަލިއަޅުވާލައި އައްޝައިޚް ޢަލީ ޒައިދު ތައްޔާރުކޮށްފައިވާ ކުރު ލިޔުންތަކެކެވެ! ތަފާތު އެކި މައުޟޫތަކަށް މި ލިޔުންތަކުގައި އަލިއަޅުވައި ލެވޭނެއެވެ. ޝައިޚް ޢަލީ ޒައިދަކީ ގައުމީ ޔުނިވަރސިޓީގެ ލެކްޗަރާއެއްގެ އިތުރުން، ދީނީ އިޖްތިމާޢީ އަދި އަޚްލާޤީ އެކިއެކި ކަންކަމުގައި އަގުހުރި ދަރުސް ތަކެއް ދެއްވާ ބޭފުޅެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ