ކުރިޔަށް އޮތް ލޯކަލް ކައިންސިލް އިންތިޚާބު ވެގެންދާނީ އެތައްގޮތަކުން ޚާއްސަ އިންތިޚާބަކަށް

ކައުންސިލް އިންތިޚާބު 2020: ސިޔާސީ އެތައް މަންޒަރެއްގައި ކުލަ ޖައްސާ ދޭނެ އިންތިޚާބެއް

ކައުންސިލް އިންތިޚާބު 2020: ސިޔާސީ އެތައް މަންޒަރެއްގައި ކުލަ ޖައްސާ ދޭނެ އިންތިޚާބެއް

ލޯކަލް ކައުންސިލް އިންތިާޚާބު 2021 ވެގެން މިދަނީ ހުރިހާ ގޮތަކުންވެސް އާދަޔާ ޚިލާފު، ތަފާތު އިންތިޚާބަކަށެވެ.

މިއިންތިޚާބުގައި މިފަހަރު ރައްޔިތުން ވޯޓުލާން ނިކުންނައިރު ގައުމު މިވަނީ އާދަޔާ ޚިލާފު ޙާލަތެއްގައެވެ. މުޅި ދުނިޔެވެސް ކޯވިޑް ކާރިސާގެތެރެއަށް ޢަރަގުު ވެގެން ގޮސްފައިވާއިރު، މި އިންތިޚާބު މިހާރުވެސް މިވަނީ، ކޯވިޑް ކާރިސާގެ ނުރައްކާތެރިކަމާ ހެދި 1 އަހަރަށް ލަސްކޮށްފައެވެ.

އަދި ހަމަ އެއާއެކު، ކެމްޕޭންކުރުމުގައިވެސް އެތަކެއް ދަތި ހުރަސްތަކަކާއި ކުރިމަތިލާންޖެހި، އެޗްޕީއޭއިން އަޅާފައިވާ ވިޔަވަޅުތަކުގެ ސަބަބުން، އެތައް ބަޔަކަށް އެތަކެއް ގޮންޖެހުންތަކާ ކުރިމަތި ލާން ޖެހިފައިވަނިކޮށް، ވޯޓު ލާންޖެހިފައިވާ މިއިންތިޚާބު ސިޔާސީ ފަރާތްތަކާ އަރާ މިހަމަކުރީ، ސިޔާސީ ގޮތުންވެސް ގަދަ ކޮޅިގަޑުތަކެއްގެ ކޮޅުމަތި ފެންނާން ފަށާފައި ވަނިކޮށެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބެއް!

މިގޮތުން ފާގަވާން އޮތް އެންމެ މުހިންމު ކަމަކީ، މިފަހަރުގެ ކައުންސިލް އިންތިޚާބާއި ކުރިމަތި ލީއިރު އެމްޑީޕީގެ އެތެރޭގައި އޮތް ބައިބައި ވުމާއި ދެކޮޅުވެރިކަމެވެ. 2023ގެ ރިޔާސީ އިންތިޚާބުގެ ޓިކެޓް ލިބިވަޑައި ގަންނަވާނޭ ބޭއްފުޅަކީ ކޮން ބޭފުޅެއްކަން ނޭގުނު ނަމަވެސް، މިހާރުގެ ރައީސް، ރައީސް ސޯލިހު 2023ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ވިސްނުން ގެންގުޅުއްވަމުން ގެންދަވާކަމަށް އަރިސް ބައެއް ބޭފުޅުން މިހާރު ގެންދަވަނީ ވިދާޅުވަމުންނެވެ.

އަދި އެމްޑީޕީގެ ތެރެއިން ކައުންސިލްތަކަށް ވާދަ ކުރައްވާ ކެނޑިޑޭޓުންވެސް، އެޕާޓީގެ އެތެރޭގެ ތަފާތު ފިރުކުރުތަކަށް ބެހިގެން ގޮސްފައިވާއިރު، މި އިންތިޚާބު ކާމިޔާބު ކުރާ އެމްޑީޕީގެ ކެނޑިޑޭޓުންގެ ތެރެއިން މަޖިލިސް ރައީސް ނަޝީދުގެ ބަރުލަމާނީ އެޖެންޑާއަށް ތާއީދު ކުރާނީ ކޮން ކައިންސިލަރުންނެއްތޯ މިއީވެސް ގިނަބަޔަކު ޖަވާބު ހޯދަން ބޭނުވާ ސުވާލެކެވެ.

ނަޝީދު ވިދާޅުވެފައިވަނީ، މިހާރު މިއޮތް ރިޔާސީ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުމުގެ މަސައްކަތް ކުރައްވާނެ ކަމަށް

ހަމަ އެއާއެކު، ލޯކަލް ކައުންސިލް އިންތިޚާބު، ކޯވިޑް ކާރިސާގެ ސަބަބުން ލަސްކުރަން ޖެހުނު ޖެހުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ އެމްޑީޕީގެ ގައުމީ މަޖިލިހުގެ އިންތިޚާބުވެސް ލަސްކުރަން ޖެހުމެވެ. ކުރިން ހަމަޖެހިފައި އޮތް ގޮތުންނަމަ، އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިޚާބު، ލަސްކުރެވުނު ލޯކަލް ކައުންސިލް އިންތިޚާބުގެ ކުރިން ބޭއްވުމަށް އޮތީ ހަމަޖެހިފައެވެ.

އެހެންނަމަވެސް، ލޯކަލް ކައުންސިލް އިންތިޚާބަށްފަހު މި އިންތިޚާބު ބޭއްވިގެންދާއިރު، ބެލެވޭ ގޮތުގައި މިއިންތިޚާބަށް، ލޯކަލް ކައުންސިލް އިންތިޚާބުގެ އަސަރު ނުހަނު ބޮޑުކޮށް ފޯރާނެއެވެ.

އެމްޑީޕީގެ އެތެރޭގެ މަސްދަރުތައް ބުނާ ގޮތުގައި، އެޕާޓީގެ އެތެރޭގައި، ގައުމީ މަޖިލީހުގެ ކޮންޓްރޯލް ނެގުމަށްޓަކާ، ގައުމީ މަޖިލިހުގެ އިންތިޚާބަށް އަމާޒުކޮށް މިހާރުވެސް ވަނީ، ފެކްޝަންތަކާއި ޓީމުތައް އެކުލަވާލެވިފައެވެ. ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހުއާއި، މަޖިލިސް ރައީސް ނަޝީދުއާއި މިދެބޭފުޅުންގެ ދެފެކްޝަނުން މިހާރުވެސް ވަނީ، ފެކްޝަންތަކުން ގައުމީ މަޖިލީހަށް އިންތިޚާބު ކުރާނެ މެމްބަރުން އިޚްތިޔާރު ކޮށް ނިންމާފައެވެ.

އެހެންކަމުން، ލޯކަލް ކައުންސިލް އިންތިޚާބު ނަތީޖާ އެމްޑިޕީއަށް މުހިންމު ވެގެން ދަނީ، މިއިންތިޚާބުން އެހެނިހެން ޕާޓީތަކުގެ މައްޗަށް އެޕާޓީއަށް ހޯދޭނޭ ކާމިޔާބުގެ މައްޗަކަ އެކަންޏެއް ނޫނެވެ. މި އިންތިޚާބުގައި އެމްޑީޕީން ކާމިޔާބު ހޯދާ ފެކްޝަނަކަށް، އެޕާޓީގެ ގައުމީ މަޖިލިސް އިންތިޚާބު ކާމިޔާބު ކުރުމުގެ ފުރުސަތު އިންތިހާއަށް ބޮޑުވެގެން ދާނެއެވެ.

އަދި ގައުމީ މަޖިލިސް އިންތިޚާބަށްފަހު، މަޖިލިސް ރައީސް، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ފަށާނެ މަސައްކަތްތަކަށް އެޕާޓީގެ ގައުމީ މަޖިލިހުގެ މެޖޯރިޓީ މުހިންމު ވެގެންދާއިރު، ކުރިޔަށް އޮތް 2 ވަނަ ދައުރަށް ވެރިކަމަށް ކުރިމަތި ލެއްވުމަށް އިބުރާހިމް މުހައްމަދު ސާލިހު ކުރައްވަން ޖެހިވަޑައިގަންނަވާނެ މަސައްކަތްތަކަށް ރައީސް ސޯލިހަށްވެސް ގައުމީ މަޖިލިހުގެ މެޖޯރީޓީ އެހާމެ މުހިންމު ވެގެން ދާނެއެވެ.

ހަގީގަތުގައިވެސް، އެމްޑީޕީގެ އެތެރޭގެ ސިޔާސީ އޮއިވަރު ދެމެމުންދާ ގޮތުގެ ވަރަށް ފުރިހަމަ މަންޒަރެއް ލޯކަލް ކައުންސިލް އިންތިޚާބުގެ ނަތީޖާއިން ސާފުވެގެން ދާނެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭން ދަތުރެއްގައި، މިއުޒިކާއި ލަވަޔަށް ޕާޓީގެ އިސް ބޭފުޅުން ނައްޓަވަނީ

އިދިކޮޅުން އެކަށީގެންވާ ނަތީޖާއެއް ނެރެފިނަމަ ސަރުކާރު ހޫނު ފެނަށް

މިއަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބަށް ޕާތީތަކުން ކެމްޕޭން ކޮށްފައިވަނީ، ނުހަނު ބޮޑެތި ގޮންޖެހުންތަކެއްގެ ތެރެއިންނެވެ.

މުޅި ދުނިޔެއަށާއި އަދި ގައުމަށް ކުރިމަތިވެފައިވާ ކޯވިޑް19ގެ އާލަމީ ވަބާގެ ސަބަބުން، ޖުމްލަކޮށް، ހުރިހާގޮތަކުންވެސް، މި އިންތިޚާބުގައި ކުރިމަތިވެފައިވާ ގޮންޖެހުންތައް ބޮޑު ކަމުގައިވި ނަމަވެސް، މިގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި އަދި ދަތި އުދަގޫތައް އިދިކޮޅު ފަރާތްތަކަށް ވަކީން ބޮޑު ކަމުގައި ދަންނަވަން ޖެހެއެވެ.

ސަބަބުތައް ބައިވަރެވެ. އިންސާފުން ނަމަވެސް، އަދި ބޭއިންސާފުންނަމަވެސް، އިދިކޮޅު ލީޑަރު އޮންނެވީ ޖަލުގައެވެ. ގޭބަންދަށް ބަދަލު ކޮށްދިނުމަށްވެސް ސަރުކާރުން ދެކޮޅު ހައްދަވައެވެ.

މިނިވަންކަމާއެކު މުޒާހިރާ ކުރުމުގެ ފުރުސަތު އިދިކޮޅު ފަރަތްތަކަށް ނެތެވެ. މިހާރުގެ އިދިކޮޅު ޕާޓީ ޕީޕީއެމް ވެރިކަމުގައި އޮވެ، އެޕާޓީގެ ސަރުކާރުން ފާސްކުރި އެއްވެ އުޅުމުގެ މިނިވަންކަން ހަނިކުރުމުގެ ގާނޫނު ޝިކާރައަކަށް ޚުދު އެޕާޓީވެ، މިއަދުގެ ސަރުކާރުން، މިހައްގު ހަނިކުރުމަށްޓަކާ ގެންދަވަނީ ހަމަ އެގާނޫނުގެ ބޭނުން އިންތިހާއަށް ކުރައްވަމުންވެ.

އަދި، ހަމަ އެއާއެކު، އެއްވެ އުޅުމުގެ ގާނޫނުން ހަނިކޮށްފައި އޮތް އެއްވެ އުޅުުގެ މިނިވަންކަން އެއަށްވުރެ ބޮޑަށް ހަނި ކުރުމުގެ ފުރުސަތު ކޯވިޑް ކާރިސާއާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކުން އިތުރަށް ސަރުކާރަށް މިވަނީ ލިބިދީފައެވެ. އިދިކޮޅު ދެމީހަކު މަގެއްގެ މައްޗަަށް އެއްވެލާއިރަށް، ޖޫރިމާނާ ކުރުމުގެ ފުރުސަތު ސަރުކާރަށް މިވަނީ އޭގެ ކޮޅު ނެތްކޮޅަށް ލިބިދީފައެވެ.

ކޯވިޑް ނުރައްކާ އެންމެ ބޮޑަށް ފެތުރިފައި ވަނިކޮށް، ޕްރޮޖެކްތައް ކުރިޔަށް ގެންދިއުމުގެ ނަމުގައި، ސަރުކާރުގެ އިސްވެރިން ގެންދެވީ ރާއްޖެތެރޭގެ ރަށްރަށަށް ދަތުރުކޮށް، ކެމްޕޭން ކުރަމުންނެވެ. އިދިކޮޅު ފަރާތްތަކަށް މިފުރުސަތެއް ނެތެވެ. އިދިކޮޅު ލީޑަރޝިޕްގެ އެއްވެސް ބޭފުޅަކަށް ކޯވިޑް ކާރިސާގެ ތެރޭގައި އެއްވެސް ރަށަކަށް ކެމްޕޭންކުރަން ދަތުރު ކުރުމުގެ ފުރުސަތު ލިބިގެނެއް ނުދިޔައެވެ.

އެހެންނަމަވެސް، މިހުރިހާ ގޮންޖެހުންތަކާ އެކީވެސް، އިދިކޮޅު ޕީޕީއެމްގެ ކެމްޕޭންތައް އެގޮތް މިގޮތުންނަނަމަވެސް، އެކި ރަށްރަށުގައި ކުރިޔަށް ދިޔަ ތަން ފެނިފައިވެއެވެ. މާނައަކީ، އެޕާޓީގެ ކެނޑިޑޭޓުންނަށް މިއިންތިޚާބުގައި، ދަތި އުދަގޫތަކާ އެކު ނަމަވެސް، އެކަށީގެންވާ ނަތީޖާތަކެއް ނެރެވިދާނެކަމުގެ ކޮންމެވެސް ވަރެއްގެ އަލާމާތްތަކެއް ފެންނާން އެބަހުއްޓެވެ.

ޕީޕީއެމްއިން މާލޭގައި ބޭއްވި ކެމްޕޭން ޖަލްސާއެއްގެ ތެރެއިން

ކޮންމެއަކަސް، މިއިންތިޚާބުގައި، އިދިކޮޅު ޕީޕީއެމްއަށް އެކަށީގެންވަ ނަތީޖާއެއް ނެރެވިއްޖެނަމަ، އެޕާޓީން ސަރުކާރާހަމައަށް ފޯރުކޮށްދޭ މެސެޖު ވަރަށް ސާފެވެ. އުތުރު ތިލަފަޅުގެ މައްސަލާގައާއި، ސަރުކާރުގެ މައްޗަށް ކުރެވުމުންދާ ކޮރަޕްޝަންގެ ތުހުމަތުތަކާއި، އަދި މިނޫނަސް، ސަރުކާރު ނުހިގާކަމަށް ބުނެ އެޕާޓިން ދައްކަމުންދާ ވާހަކަތަކަށް، ރައްޔިތުން އާބަސްބުނެ، ދައުރުގެ ދެބައިކޮށްފަ އެއްބައި ބާކީ ވަނިކޮށް، ރައްޔިތުން ސަރުކާރަށް ދޭ މެސެޖް ވަރަށް ވަރުގަދައެވެ. އަދި އެ މެސެޖު ވަރަށް ސާފުވެސް މެއެވެ.

އެހާލަތުގައި ސަރުކާރަށް މަޖުބޫރު ވެގެންދާނީ، ވޯޓުން ކުރި ހޯދަން ބޭނުންނަމަ، ވަރަށް ގިނަ ކަންކަން ހައްލު ކުރާށެވެ. ސަރުކާރުގެ ވަރަށް ގިނަ ދިމަދިމާލުގައި ޕެޗުއަޅާ، ވަރަށް ގިނަ އިސްލާހީ ފިޔަވަޅުތައް އެޅުމަށް ސަރުކާރަށް މަޖުބޫރު ވެގެން ދާނެއެވެ. ހަމަ އެފަދައިން އެ ހާލަތުގައި، އިދިކޮޅު ލީޑަރު މިނިވަންކުރުމަށް އިދިކޮޅު ޕާޓީން ކުރަމުންދާ މަސައްކަތްތައް އިތުރު ގިޔަރެއް ކުރިޔަށް ޖައްސާލައި، ސަރުކާރު ޕްރެޝަރަށް ވެއްޓި ދިއުމުގެ ފުރުސަތު އިންތިހާއަށް ބޮޑު ވެގެން ދާނެއެވެ.

ރައްޔިތުންގެ ނިންމުން

ކޮންމެ އިންތިޚާބެއްގައިވެސް، ފާއިތުވެދިޔަ ތަނުގައި، ހަގީގަތުގައިވެސް ހަނާ ވެގެން ގޮސްފައިވަނީ ރައްޔިތުންނެވެ.

ސިޔާސީ ބޭބޭފުޅުން ވޯޓު ހޯދަން ދޮރުން ދޮރަށް ހިގާ، އެތަކެއް ވައުދުތަކެއް ވެ، ވައުދު ނުފުއްދި، މަތިމައްޗަށް ވައުދު ވާންޖެހި، ދިވެހިރާއްޖެ ޑިމޮކްރަސީއަށް އަލިވިލުމަށްފަހުވެސް، ރައްޔިތުން އުޅެން ޖެހިފައި މިވަނީ މި ނޫން ދުވަހެއް ނުފެނިގެންނެވެ.

ކޮންމެ އިންތިޚާބަކާ ދިމާކޮށް، ޕާޓީ ކުލައިން ޖަރީވެ، ނުހަނު ފޯރީގައި ވޯޓުލާ، އޭގެ އަހަރެއްވެސް ނުވަނީސް، ބުރަ މަސައްކަތުން ކެމްޕޭންކޮށް، ވޯޓުދީގެން ހޮވި މެމްބަރަށް ހެއްދެވި ނެހެއްދެވިއަށް ގޮވަންޖެހޭ ހާލަތު އައިސްފައިވަނީ ނުހަނު ގިނައިންނެވެ.

ކުރިޔަށް މިއޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭނުގައި އެމްޑީޕީގެ ރައީސް ނަޝީދު ވިދާޅުވެފައިވަނީ، އެޕާޓީއަށް ވެރިކަން ދީގެން ކަމެއް ވެފައި ނެތަސްވެސް، އަދި އެޕާޓީއަށް މަޖިލިސް ދީގެން ކަމެއް ވެފައި ނެތަސްވެސް، އެޕާޓީއަށް ލޯކަލް ކައުންސިލްތައް ދިނީމާ ނަތީޖާ ނެރެވޭނެ ކަމަށެވެ.

ނަޝީދު ވިދާޅުވަނީ މިއިންތިޚާބުގައި ރައްޔިތުން މެޖޯރިޓި ދީފިނަމަ ތަފާތު ވާނެކަމަށް

ގަބޫލުކުރަން ޖެހޭ ހަގީގަތަކީ، މިއީ އާވަހަކަތަކެއް ނުމެ ނޫންކަމެވެ. އަދި މިވާހަކަތަކަކީ އާ ވާހަކަތަކަކަށް ނުވާއިރު، މިއީ އެމަނިކްފާނު ފާއިތުވެދިޔަ ވިއްސަކަށް އަހަރު ދުވަހުގެ ތެރޭގައި ހުރިހާ ކެމްޕޭނެއްގައިވެސް ތަކުރާރު ކުރައްވާ ވާހަކަތަކުގެ މޭރުމެވެ. 2023ގެ ރިޔާސީ އިންތިޚާބުގައިެވސް، ހަމަ މިމޭރުމުން ނަޝީދު ވާހަކަ ދައްކަވާނޭކަން ޔަގީން ކުރާ ކިތަންމެ ބަޔަކު އެބަ ތިއްބެވެ. ހަމަ އެއައެކު ފެންނާން އޮތް މަންޒަރަކީ، މިހާވަހަތަކުގެ އަޑު އަހާ ރައްޔިތުން ތިބިތަނެވެ. އެހެންނަކަމަށް ވާނަމަ، މިމޭރުމުން އެމަނިކްފާނު ވާހަކަ ނުދައްކަވަންވީ ސަބަބެއްވެސް ހަގީގަތުގައި ނެތެވެ.

އެހެންނަމަވެސް، ގަބޫލު ކުރަންޖެހޭ އެއް ހަގީގަތެއް އެބައޮތެވެ. ސިޔާސީ މީހުންނަށް ރައްޔިތުން ގުބޯ ހެއްދެނީ ދެ ސަބަބެއް މެދުވެރި ވެގެން ކަމެވެ. އެއް ސަބަބަކީ، ރައްޔިތު މީހާގެ ހޭލުންތެރިކަން ކުޑަވެ، އޭނާގެ ނިކަމެތިކަން އިންތިހާއަށް ދިއުުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. މިހާލަތުގައި ނިކަމެތި ރައްޔިތު މީހާގެ ނިކަމެތިކަމުގެ ނާޖާއިޒް ފައިދާ ސިޔާސީ ފަރާތަކުން ނަގަނީއެވެ.

ދެވަނަ ސަބަބަކީ، ހެވެއް މޮޅެއް ލިބިދާނެ ކަމުގެ އާހުގައި، ގައުމީ މަސްލަހަތުގެ މައްޗަށް އަމިއްލަ އެދުން އިސްކުރާ ފަރާތްތަކެވެ. ސިޔާސީ މީހުންގެ ފަސްބައިގައި އެލިގަނެގެން މެނުވީ ދިރިއުޅުމެއް، ކުރިއެރުމެއް ނެތްކަމުގައި ދެކެވި، ތިމާގެ ހުރިހާ އެއްޗެއް އެމަގުން ގުރުބާން ކޮށްލަނީއެވެ. އަމިއްލަ ވިސްނުމެއްވެ، ހިތްވަރެއް ކުރިޔަށް ނެރެގެން ކުރިޔަށް ދިއުމުގެ ޚިޔާލާތާއި ފިކުރު އެހާލަތުގައި ނެތިގެން ދަނީއެވެ.

އިންތިޚާބުތަކުގައި، އޮޅުވާލުމާއި، ނުފުއްދޭނެ ވައުދުތައް ވެގެންވެސް، ސިޔާސީ ބައެއް ފަރާތްތަކަށް ކުރިއެރުން ހޯދެނީ، އިސްވެ ދެންނެވުނު ދެ ސަބަބުގެ މައްޗަށް ބަރޯސާ ވާމީހުން އެކުވީމާ، އެފަޅިއަށް މެޖޯރިޓީ ލިބިގެންދާތީއެވެ. ގައުމުގައި ތައުލީމު އުގެނިގެންތިބި، ހެޔޮ ވިސްނޭ މީހުންނަކީ ހަގީގަތުގައި މިއަދު މިވަނީ މައިނޯރިޓީއަށް ވެގެން ގޮސްފައެވެ. ނަތީޖާ ފެންނަމުން މިދަނީ ވޯޓުންނެވެ. ވަރަށް ހިތިކޮންނެވެ.

ކެހި ލިބެމުންދަނީ އަބަދުވެސް ރައްޔިތު މީހާއަށެވެ. މިނޫން ދުވަހެއް އަޅުގަޑުމެން ދެކެން ބޭނުންވާނަމަ، ރުކަކަށް، ތިލަފަތަކަށް، ދޮލަގަކަށް ބެލުމެއް ނެތި، އެންމެ ގާބިލު މީހާއަށް ވޯޓު ދޭންވީއެވެ. އެނޫން ގޮތަކުން ހާލަތު ބަދަލުވާކަށް ނެތެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *