ރާއްޖޭގެ 12 ރަށެއްގެ ޞިއްހީ މަރުކަޒުތައް، އިތުރު ޚިދުމަތްތަކާ ވަޞީލަތްތަކާއެކު، ހޮސްޕިޓަލްތަކަށް ބަދަލުކުރައްވާނެކަމަށް ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ، ދުނިޔޭގެ ޞިއްޙަތު ދުވަހުގެ މުނާޞަބަތުގައި ދެއްވި ޚިޠާބުގައެވެ.
ހެލްތު މިނިސްޓަރގެ ޚިޠާބުގައި މި ސަރުކާރުން އަތޮޅުތެރެއަށް އަމާޒުކޮށްގެން ހިންގާ ޞިއްޙީ ފަރުވާގެ ބޮޑެތި މަޝްރޫޢުތަކަކީ، މިހާތަނަށް ރާއްޖޭގައި އެ ދާއިރާގައި މިހާތަނަށް ދެކެފައިނުވާފަދަ އިންޤިލާބީ ކުރިއެރުންތަކެއްކަމަށް ވިދާޅުވިއެވެ. ގުދުރަތީ ގޮތުން ރާއްޖެ އުފެދިފައިވާ ގޮތަށް ބަލާ އިރު މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެންވަރު ރަނގަޅު ޚިދުމަތް ދިނުމަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭކަމަށާއި، އެއީ ޚަރަދުބޮޑު އުނދަގޫ ކަންކަން ކަމުގައިވީނަމަވެސް ސަރުކާރުގެ އަމާޒަކީ މާލެއާ ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ލިބެންހުރި ޞިއްޙީ ޚިދުމަތްތަކުގެ ތަފާތުތަށް ކުޑަކޮށް ޞިއްހީ ފަރުވާއަށް މާލެއައުމަށް ބަރޯސާވާންޖެހޭ މިންވަރު ދައްކުރުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އެންމެ އުއްމީދީ ބަދަލުތައްގޮތުގައި ފާހަގަކޮށްލެވޭ ކަންކަމުގެ ތެރޭގައި، އަތޮޅުތެރޭގެ ސަރަހައްދީ 5 ހަސްފަތާލުގެ "އޮޕްޓިމައިޒޭޝަން" މަޝްރޫޢުގެދަށުން، މި ހަސްފަތާލުތަކުގައި މުޅިން އަލަށް ފަށާ ޚާއްޞަފަރުވާގެ ޚިދުމަތްތަކާ، ތަހުލީލުކުރުމުގެ ޒަމާނީ ވަޞީލަތްތައް ޤާއިމުކުރުމާ އިންސާނީ ވަޞީލަތްތައް އިތުރުކުރެވިގެންދާނެ. އިމަރޖެންސީ ފަރުވާގެ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން، އިތުރު 26 ރަށަކަށް އެމްބިއުލަންސް ފޯރުކޮށްދީ މުޅި ރާއްޖޭގައި އިމަރޖެންސީ އަވަސްފަރުވާ ދިނުމަށް ބޭނުންވާ ވަޞީލަތްތައް ޤާއިމުކުރެވި މިކަމުގެ ފަންނީ ޚިދުމަތްތެރިން ތަމުރީނު ކުރެވޭނެ. 12 ރަށެއްގެ ޞިއްހީ މަރުކަޒުތައް އިތުރު ޚިދުމަތްތަކާ ވަޞީލަތްތަކާއެކު، ހަސްފަތާލުގެ ފެންވަރަށް ތަރައްޤީ ކުރެވިގެންދާނެ. މީގެ އިތުރުންވެސް ހެލްތު ސެންޓަރުތަކާ ހަސްފަތާލުތަކުގެ އާބާތުރަފިލުވާ އުމުރާނީ ތަރައްޤީތައް ގެނެވިގެންދާނެ. ކެންސަރަށް ފަރުވާދެވޭ ފުރިހަމަ ޤައުމީ މަރުކަޒެއް ފުރަތަމަ ފަހަރަށް ޤާއިމު ކުރެވިގެންދާނެ.
– ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް
ހެލްތު މިނިސްޓަރގެ ވާހަކަފުޅުގައި ރައްޔިތުންނާއި ގާތުން ޞިއްހީ ޚިދުމަތްދީ ޞިއްހީ ރައްކާތެރިކަން ދުރާލާ ކަށަވަރު ކުރުމުގެ ތެރެއިން މިހާރާއި ކުރިމަގުގެ ޖީލުތަކުގެ ޞިއްހީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް، ޕްރައިމަރީ ހެލްތުކެއަރގެ އައު މަޝްރޫއެއް މުޅި ޤައުމުގައިފެށިގެންދާނެކަމަށް ވިދާޅުވިއެވެ. އަދި ޕްރައިމަރީ ހެލްތު ކެއަރ ގެ ވިސްނުމަކީ، ހެލްތު ކެއަރ ވޯރކަރުން ކުރީ ސަފުގައި ތިބެގެން އަދި އެހެނިހެން ހެލްތު ޕްރޮފެޝަނަލުންގެވެސް ދައުރު ފުޅާކޮށް ޓީމެއްގެ ގޮތުގައި، ރަށުފެންވަރުގައި، ރައްޔިތުންނާއި ގާތުން ޚިދުމަތްތައް ފޯރުކޮށްދީ، ބަލިވުމުން ޞިއްޙީ މަރުކަޒަށް އައުމުން ފަރުވާ ދިނުމަށްވުރެ، ބަލިތަކުން ރައްކާތެރިވުމަށް ދުރާލާ މަސައްކަތް ކޮށް، ރައްޔިތުންގެ ޖިސްމާނީ، ނަފުސާނީ އަދި އިޖްތިމާޢީ ދުޅަހެޔޮކަން ކަށަވަރުކުރުންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ވެކްސިން ޕްރޮގްރާމް އިތުރަށް ހަރުދަނާ ކޮށް ކޮރޯނާ ވައިރަސް އާއި އަދި މިނޫންވެސް ޤައުމީ ވެކްސިން ޕަރޮގްރާމްގެތެރެއިންދެވޭ ވެކްސިންތައް ކަށްވަރުކުރެވިގެންދާނެ. ޞިއްޙީ ކުއްލި ނުރައްކަލެއް އަދި މިފަދަ އެހެން ކާރިސާއަކަށް ތައްޔާރުވުމުގެ ގޮތުން، ދާއިމީ ކަރަންޓީނު ފެސިލިޓީތައް ޤާއިމު ކުރުމާއި، މިހާރު ރާއްޖޭގެ އެކި ހިސާބުގައި ޤާއިމު ކުރެވިފައިވާ ކޮވިޑް ފެސިލިޓީތައް ކުރިމަގުގައިވެސް ބޭނުންކުރެވޭނެހެން ބައްޓަންކޮށް ދެމެހެއްޓޭނެ. ކޮވިޑް އިޖާބައިގެ ތެރެއިން އަދި ކޮވިޑް ވެކްސިން ޕްރޮގްރާމުގެ ތެރެއިން އެއްކުރެވިފައިވާ ޒާތީ ޞިއްޙީ މަޢުލޫމާތުތައް ޑިޖިޓަލް ޑޭޓާބޭސްތަކުގައާއި މިފަދަ އެހެނިހެން ޕްލެޓްފޯރމްތަކުގައި ރައްކާތެރިކަމާއިއެކު ބަލަހައްޓާ، މި މަޢުލޫމާތުތަކުގެ އަލީގައި ރައްޔިތުންނަށް ދެވޭ ޞިއްޙީ ޚިދުމަތްތަށް އިތުރަށް ތަރައްޤީ ކުރެވޭނެ. އުއްމީދަކީ މިއަހަރު ނިމުމުގެ ކުރިން ދިވެހި ކޮންމެ ރައްޔިތެއްގެ ފުރިހަމަ ޞިއްހީ މަޢުލޫމާތުގެ ރެކޯރޑެއް ޤަވާޢިދުން އަދާހަމަ ކުރެވޭނެ ނިޒާމެއްގެ ތެރެއިން އެއްކޮށް ބެލެހެއްޓުން.
– ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް
ހެލްތު މިނިސްޓަރ ވިދާޅުވީ، ޞިއްޙީ ޚިދުމަތް ތަރައްޤީ ކުރުމުގައި، ރާއްޖޭގެ ޚާރިޖީ ގުޅުންތަކުގެ ތެރެއިން އެކުވެރި ޤައުމުތަކާއި ދެމެދު އޮންނަ ގުޅުންތައް އަދި ބައިނަލްއަޤްވާމީ ޞިއްޙީ އިދާރާތަކާއިއެކު އޮންނަ ގުޅުންތައްވަނީ އިތުރަށް ބަދަހި ކުރެވިފައިކަމަށެވެ. މިނިސްޓަރގެ ޚިޠާބުގައި ވަނީ ރާއްޖޭގެ ޞިއްޙީ ދާއިރާގެ ތަރައްޤީއަށް ޚާއްޞަކޮށް "ކޮވިޑް އިޖާބަ" އަށް ދެއްވަމުންގެންދަވާ އެހީތެރިކަން ފާހަގަކުރައްވާ އެފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ