ސަޢުދި ޢަރަބިއްޔާއިން ރާއްޖެއަށް ހަދިޔާކުރި ކަދުރު ދޭނެ މީހުން އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފިއެވެ.
ސަޢުދި ޢަރަބިއްޔާއިން މިއަހަރު ވަނީ ރާއްޖެއަށް 25 ޓަނުގެ ކަދުރު ހަދިޔާކޮށްފައެވެ. މިއީ ކުރީ އަހަރުތަކާއި އަޅާބަލާއިރު މަދު ޢަދަދެކެވެ. އިސްލާމިކް މިނިސްޓްރީން ބުނީ، މިއަހަރު ކަދުރު ބަހާނީ ފަގީރުންގެ ދަފުތަރުގައި ހިމެނޭ 10،944 މީހުންގެ ތެރެއިން ކޮންމެ މީހަކަަށް ޕަކެޓެއްކަމަށެވެ. އަދި ކުޑަކުދިން ހިޔާއާއި ފިޔަވަތީގައި ތިބި ކުދިންނާއި، ގުރަައިދޫ މަރުކަޒުގައި ތިބި މީހުންނާއި ކަރެކްޝަންގެ ބެލުމުގެ ދަށުގައި ޖަލުގައި ތިބި މީހުނަށްވެސް ކަދުރު ދޭނެކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި ދިރިއުޅޭ ފަގީރުންނަށް، އިސްލާމިކް މިނިސްޓްރީއާއި މާލެ ސިޓީ ކައުންސިލް ގުޅިގެން އިސްލާމީ މަރުކަޒުގައިކަމަށާއި، ރަށްރަށާއި ސިޓީތަކުގައި އެރަށެއް އަދި އެސިޓީ ކައުންސިލުންކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
ސަޢުދީން ރާއްޖެއަށް ކަދުރު ހަދިޔާކުރީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ. ސަޢުދީން ރާއްޖެއަށް ހަދިޔާކުރި ކަދުރާއި ހަވާލުވެވަޑައިގަތީ އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ޢަލީއެވެ. ސަޢޫދީން ހަދިޔާކުރާ ކަދުރު ކޮންމެ އަހަރަކުވެސް ބަހަމުން އަންނައިރު މިދިޔަ އަހަރު ކަދުރު ބަހާފައިވަނީ ފަޤީރުންނަށް އިސްކަން ދީގެންނެވެ.
ކޮމެންޓު ފޮނުވާ