އަބޫ ދާބީގެ ގައުމީ އެއަރލައިން އިއްތިހާދު އެއަރވޭސްއިން އާންމު ރައްޔިތުންނަށް ދަތުރުކުރެވޭ ގޮތަށް، ޔުނައިޓެޑް އަރަބި އެމިރޭޓްސްއާއި، އިސްރާއީގެ ވެރިރަށް ޓެލްއަވީވްއާއި ދެމެދު ސީދާ ދަތުރުތައް ފަށައިފިއެވެ.
މިއީ ފާއިތުވެދިޔަ އަހަރު އެމެރިކާގައި މިދެގައުމުން ސުލްޙައިގެ އެއްބަސްވުމުގައި ސޮއިކޮށް، ސިޔާސީ ގުޅުން ގާއިމްކުރި ފަހުން، އެންމެފަހުން ދެގައުމުގެ ދެމެދުގައި ގާއިމްވެގެންދިޔަ ވައިގެ މަގުން ސީދާ ދަތުރު ކުރުމުގެ ފުރުސަތެވެ.
އިސްރާއީލާއި ޔުނައިޓެޑް އަރަބި އެމިރޭޓްސްއާއި ދެމެދު ސީދާ ދަތުރުތައް ފެށުން ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ފްލައިޓުގައި، ޔުނައިޓެޑް އަރަބި އެމިރޭޓްސްއިން އިސްރާއީލަށް ކަޑައަޅާފައި ހުންނަވާ ސަފީރު، މުހައްމަދު އަލް ޚަޖާއާއި އިސްރާއީލުގެ ފަރާތުން ޔޫއޭއީގައި ގާއިމް ކޮށްފައިވާ މިޝަންގެ އެންމެ އިސްފަރާތް ކަމުގައިވާ، އީޓަން ނައީޚްވެސް ވަނީ ދަތުރު ކުރައްވާފައެވެ.
"އަހަރުމެންގެ ދެގައުމަށްވެސް ކޯވިޑް19 ކާރިސާއިން އަރައިގަނެވެމުން ދާއިރު، އަހަރުމެން ވަރަށް ބޮޑު އިސްކަމެއް އެބަދެން، ފަތުރުވެރިކަމާ، ޓެކްނޮލޮޖީގެ ރޮގުންވެސް ވެސް ގުޅުން ބަދަހި ކުރުމަށް،" ޔުނައިޓެޑް އަރަބި އެމިރޭޓްސްއިން އިސްރާއީލަށް ކަޑައަޅާފައި ހުންނަވާ ސަފީރު ޚާޖު ވިދާޅުވެފައިވާކަމަށް، ޔޫއޭއީގެ ރަސްމީ ނޫސް އޭޖެންސީ WAMއިން ރިޕޯޓު ކޮށްފައި ވެއެވެ.
އިއްތިހާދު އެއަރވޭސްއިން މައުލޫމާތު ދީފައިވާ ގޮތުގައި ފުރަތަމަ އެ އެއަރލައިންއިން ޓެލްއަވީވްއާއި އަބޫދާބީއާ ދެމެދު ބާއްވަމުން ގެންދާނީ ހަފްތާއަކު 2 ފްލައިޓެވެ. އަބޫދާބީއިން ވަނީ އިސްރާއީލަކީ ޔޫއޭއިން ކަނޑައަޅާފައިވާ ފެހި ލިސްޓުގައި ހިމެނޭ ގައުމެއްގެ ގޮތުގައި ހަމަޖައްސާފައެވެ. މާނައަކީ، އިސްރާއީލުން އަބޫ ދާބީއަށް ދަތުރުކުރާ މީހުން ކަރަންޓީނު ވާކަށް ނުޖެހޭނެއެވެ.
ޔޫއޭއީ އަދި އިސްރާއީލުގެ އެހެން އެއަރލައިންތަކުންވެސް މިހާރުވެސް ވަނީ މި ދެގައުމުގެ ދެމެދުގައި ސީދާ ދަތުރުތައް ބާއްވަން ފަށާފައެވެ.
ފެތުރެމުންދާ ކޯވިޑް19ގެ ސަބަބުން، ދަތުރު ފަތުރުކުރުމަށް ވަރަށް ބޮޑަށް ބުރޫ އަރާފައި ވީނަމަވެސް، އަބޫދާބީ ހިމެނިގެން ގޮސްފައިވަނީ، އިސްރާއީލުގެ ފަތުރުވެރިންގެ މެދުގައި މަޝްހޫރު މަންޒިލަކަށެވެ.
ޔޫއޭއީއާއި އިސްރާއީލް ހިމެނިގެން ގޮސްފައިވަނީ، މުޅި ދުނިޔޭގައިވެސް، އެންމެ ބާރުމިނުގައި ކޯވިޑް19 ވެކްސިން ދެމުންދާ ދެގައުމު ކަމުގައެވެ.
އެމެރިކާއިން މެދުވެރިއެއްގެ ދައުރު އަދާކޮށްގެން، ފާއިތުވެދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު، ޔޫއޭއީއާއި އަވައްޓެރި ބަހުރެއިނުންވަނީ، އިސްރާއީލާއި ސިޔާސީ ގުޅުން ގާއިމް ކޮށްފައެވެ.
ކޮމެންޓު ފޮނުވާ