ސަރުކާރާއި ދެކޮޅަށް މުޒާހަރާކުރުމަށް ރަށްރަށަށްކުރާ ދަތުރުތަކަށްވެސް ދައުލަތުން ފައިސާ ދެއްވަން ނުޖެހޭތޯ ވިދާޅުވެ ކުރީގެ ފޮރިން މިނިސްޓަރ އަދި އދ.ގެ ރެޕަޓުއަރ ޑރ.އަޙްމަދު ޝަހީދު ދައުލަތަށް ސުވާލެއް އަމާޒުކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ދާއިރާތަކަށް ކުރާ ދަތުރުތަކަކީ ރަސްމީ ދަތުރުކަށް ވަނީ ބަދަލުކޮށްފައެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެ މެންބަރުން ތަމްސީލުކުރައްވާ ދާއިރާތަކަށް ކުރައްވާ ދަތުރުފުޅުތަކަކީ، ރަސްމީ ދަތުރުތަކެއްގެ ގޮތުގައި ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ޢާންމު ކޮމިޓީން ނިންމައިވާކަން ހާމަކުރައްވީ އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުއެވެ.
މަޖީލީހުގެ ޤަވާއިދުގައި ބަޔާންކޮށްފައިވަނީ މަޖިލީހުގެ ޖަލްޖަލްސާއް ހިނގަމުންދާ ވަގުތެއްގައި، މަޖިލީހުގެ ބޭނުމަށްް ދިވެހިރާއްޖޭގެ ސަރަޙައްދުގެ ތެރޭގައި ނުވަތަ ދިވެހިރާއްޖޭގެ ސަރަޙައްދުންްް ބޭރަށް، މެންބަރަކު ނުވަތަ މެންބަރުންތަކެއް ދަތުރުކުރުމުގެ ހުއްދަ، މަޖިލީހުގެ ރައީސަށްް ދެވިދާނެކަމަށެވެ. އަދި މަޖިލީހުގެ އެކައުންޓުންވެސް ޚަރަދުކުރެވިދާނެކަމަށް ބަޔާންކޮށްފައިވެއެވެ.
އެކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެފައިވަނިކޮށް ޑރ.ޝަހީދުވެސް ވަނީ އެކަމަށް ފާޑުވިދާޅުވެފައެވެ. ޝަހީދު ވަނީ ސަރުކާރާއި ދެކޮޅަށް މުޒާހަރާ ކުރުމަށް ރައްޔިތުން ކުރާ ދަތުރުތަކަށްވެސް ދައުލަތުން ފައިސާ ހަމަޖައްސައިދޭން ނުހެތޯ ސުވާލުކުރައްވާފައެވެ.
ރައްޔިތުން ސަރުކާރާ ދެކޮޅަށް މުޒާހަރާކުރަން ކުރާ ދަތުރުތަކަށްވެސް ހަމަ ތިޔަ މޭރުމުން، ޑިމޮކްރަސީގެ ނަމުގައި ދައުލަތުން ފައިސާ ދެއްވާކަށް ނުޖެހޭތޯ؟
– ޑރ.އަޙްމަދު ޝަހީދު
ކައުންސިލް އިންތިޚާބާއި ދިމާކޮށް މަޖިލީހުގެ މެންބަރުން ކުރާ ދަތުރުތައް ރަސްމީ ދަތުރުތަކަށް ހެދުމަށް މަޖިލީހުން ނިންމާފައިވާއިރު، މަޖިލީހުގެ ރައީސް ވިދާލުވީ، މެންބަރަކު ދާއިރާއަށް ދަތުރެއް ކުރައްވާނަމަ އެކަން ލިޔުމުން މަޖިލީހަށް އެނެގވުމުން ރަސްމީ ދަތުރެއްގެ ގޮތުގައި ކަނޑައަޅުއްވައި ދެއްވާނެކަމަށެވެ.
މަޖިލީހުގެ މެމްބަރުންނަކީ މިހާރުވެސް މުސާރަބޮޑު ބަޔަކަށްބާއިރު އިތުރު އިނާޔަތްތަކާއި، ތަފާތު ނަންނަމުގައި މަޤާމުގެ ބޭނުންކޮށް ނާޖައިޒް އިނާޔަތް ނަގާތީ ގިނަ ބައެއްގެ ކަންބޮޑުވުން ވަނީ އަމާޒުވެފައެވެ.
ކޮމެންޓު ފޮނުވާ