މާލޭ "ސްޓްރީޓް ސްކޭޕިންގް ޕްރޮޖެކްޓް"ގެ ދަށުން އިތުރު ތިން ސަރަޙައްދެއްގެ މަގުތަށް ޒަމާނީ ފެންވަރަށް ހެދުމަށް ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން އާރްޑީސީއަށް ހަވާލުކޮށްފި އެވެ.
އެގޮތުން މިއަދު ވަނީ މި މަސައްކަތް ފެށުމަށް އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. އާރްޑީސީއާ މިފަހަރު ހަވާލުކުރި މަގުތަކުގެތެރޭގައި ހިމެނެނީ ހެންވޭރު އުތުރު ސަރަޙައްދުގެ ބައެއް މަގުތަކާއި، މައްޗަންގޮޅި ދެކުނާއި މައްޗަންގޮޅި މެދު ސަރަޙައްދުގެ ބައެއް މަގުތަކެވެ. މި މަސައްކަތަކީ މާލެ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތެވެ.
މި އެއްބަސްވުމުގެ ދަށުން ހެންވޭރު އުތުރުގެ 13 މަގު ހެދުމަށްވަނީ ހަމަޖެހިފައެވެ. އެއީ ވައިލެޓް ހިނގުން، ވައިލެޓް މަގު، ގުލިސްތާން ގޯޅި، ހިރުނދު މަގު، ދުނބުރި މަގު، ރޯޝަނީމަގު، ކުރަނގި ގޯޅި، ކަސްތޫރި މަގު، ސީސަން މަގު، ސަނދުބަރަކާ ގޯޅި، ދީފުރަމް ގޯޅި، ގަލަދުން ގޯޅި އަދި ފިލިގަސް މަގެވެ.
މީގެއިތުރުން މައްޗަން ގޮޅި މެދު ސަރަޙައްދުން ހަދަން ހަމަޖެހިފައިވަނީ 6 މަގެކެވެ. އެއީ ނިކަގަސްމަގު، ކުރިކީލަ މަގު، ޗާންދަނީ މަގު، ކުދިރަތްމާ ގޯޅި، ދިލްބަހާރު ގޯޅި އަދި ޖަވާހިރު ގޯޅިއެވެ. އަދި މައްޗަންގޮޅި ދެކުނުން ހަދަން ހަމަޖެހިފައިވަނީ 5 މަގެކެވެ. އެއީ ބަޑިފަސްގަނޑު މަގު، އާމިނާރަނި ހިނގުން، ބުރުޒު މަގު، ކުރިކީލަ މަގު، އަދި ޗާންދަނީ މަގެވެ.

އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މާލެ ސިޓީގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވީ މަގުތައް ހެދުމުގައި އިސްކަންދެނީ އެންމެ ގިނަ މީހުން ބޭނުންކުރާ، އަދި ބޮޑަށް ހަލާކުވެފައި ހުރި މަގުތަކަށް ކަމަށެވެ. އެގެ ތެރޭގައި ސްކޫލްތަށް ގިނަ ސަރަހައްދާއި ހެންވޭރު ކާނިވާ ސަރަހައްދުން ކުދި ގޯޅިތަށް މޭޔަރ ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލީ މަނިކު ވިދާޅުވީ، މިމަސައްތަތަކަށް އެކުންފުނި އޮތީ ތައްޔާރަށްކަމަށާއި މި މަސައްކަތަށް ނަގަންޖެހޭ ހުއްދަތައް ލިބުމާއެކު، ހަފްތާއެއްހާ ދުވަސްތެރޭގައި މަސައްކަތް ފެށޭނެ ކަމަށެވެ. އަދި މިހާތަނަށް ހަދާ ނިމިފަ ހުރި މަގުތަކުގެ ތަޖުރިބާއިން ތަފާތު ފެންނަމުންދާކަމަށްވެސް އާރްޑީސީގެ އެމްޑީ ވިދާޅުވިއެވެ.
މާލޭ "ސްޓްރީޓް ސްކޭޕިންގް ޕްރޮޖެކްޓް"ގެ މަސައްކަތް ފަށާފައިވަނީ 2020ވަނަ އަހަރުގެ ފެބުރުއަރީ މަހުއެވެ. އެގޮތުން މި ޕްރޮޖެކްޓްގެ ދަށުން ފުރަތަމަ ހަދަންފެށި ބައެއް މަގުތަށް ނިންމާ މިހާރުވަނީ އާންމުކޮށް ހުޅުވާލާފައެވެ.