ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމަށް ސަރުކާރުގެ ފަރާތުން އިޞްލާހު ހުށައެޅިނަމަވެސް، އެ އޮތޯރިޓީ އުވާލުމާއި ދެކޮޅަށް އެމްޑީޕީގެ ބައެއް މެންބަރުން ވާހަކަދައްކައިފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގައި މައްސަލަތަކެއް ހުރިކަން ފާހަގަވެފައިވާ ކަމަށާއި، އެމިނިސްޓްރީގެ ހިންގުންވެސް ލަސްކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ޓްރާސްޕޯޓް އޮތޯރިޓީ އުވާލައްވަން ހުށައަޅުއްވާފައިވާކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ. ޓްރާނސްޕޯޓް އޮތޯރިޓީ އުވާލުމަށް ހުށައެޅުއްވީ ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ޙުސައިން ޒިޔާދުއެވެ.
އެ ބިލަށް ވާހަކަފުޅު ދައްކަވަމުން އެމްޑީޕީ ސަރުކާރުގެ ފުރަތަމަ ހޯމް މިނިސްޓަރ އަދި ވިލުފުށި ދާއިރާ މެންބަރު ޙަސަން އަފީފް ވިދާޅުވީ، ޓްރާނސްޕޯޓް އޮތޯރިޓީ އުވާލުމަކީ އެންމެ ރަނގަޅުގޮތް ނޫންކަމަށެވެ. އަފީފް ވިދާޅުވީ، ޓްރާނސްޕޯޓް އޮތޯރިޓީއަކީ ވަރަށް ކުރީއްސުރެ ޤާއިމުވެ، ހިނގަމުން އަންނަ އިދާރާއެއްކަމަށާއި، އެ އިދާރާގެ މައްސަލަތަކަކީ އެތަނުގެ މުވައްޒަފުންގެ ސަބަބުން އުފެދިފައިވާ މައްސަލަތަކެއްކަމަށެވެ. އެ އިދާރާގެ މުވައްޒަފުންނާއި އެހެން ވަސީލަތްތައް ޓްރާންސްޕޯޓު މިނިސްޓްރީއަށް ބަދަލުކޮށް މިނިސްޓްރީގައި އެ މަސައްކަތްކުރުމުން މާބޮޑު ބަދަލުތަކެއް އަންނާނެ ކަމަށް ދެކެވަޑައިނުގަންނަވާކަމަށްވެސް އަފީފް ވިދާޅުވިއެވެ.
އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ތްރާސްޕޯޓް އޮތޯރިޓީ އުވާލުމަކުން މި މައްސަލަތައް ހައްލެއް ނުވޭ. އަސްލު މައްސަލައަކީ އެތާ ތިބޭ މީހުން. އެމީހުން ކަންތައް ކުރާގޮތުން މައްސަލަ ނިކުންނަނީ. އެހެންވީމަ ހަމަ އެ މުވައްޒަފުންނާއި އެ ވަސީލްތައް ތްރާނސްޕޯޓް މިނިސްޓްރީއަށް ބަދަލުކޮށް އަނެއްކާ އެ މަސައްކަތް އެތާ ކުރުމަކުންނެއް މާ ބޮޑު ބަދަލުތަކެއް އަންނާނެކަމަށް އަޅުގަނޑަށް ޤަބޫލެއް ނުކުރެވޭ.
– ޙަސަން އަފީފް
މި މައްސަލައަށް ވާހަކަފުު ދައްކަވަމުން އެމްޑީޕީގެ ޗެއަރޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފްވެސް ވަނީ ޓްރާސްޕޯޓް އޮތޯރިޓީ އުވާލުމާއި ދެކޮޅަށް ވާހަކަ ދައްކާފައެވެ. އޭނާ ވިދާލުވީ ޓްރާސްޕޯޓް އޮތޯރިޓީގެ ބާރުަތއް މިނިސްޓްރިއަށް ބަދލުކުރުމަކީ ވަރަށް ދެރަ ކަމެއްކަމަށެވެ.
އަޅުގަނޑު އެދެނީ ކޮމިޓީގަ މިމަޝްވަރާކުރުމަްފަހު އެބާރުތަކަކީ ލާމަރުކަޒީ ޤާނޫނުން ކައުންސިލްތަކަށް ކައުންސިލްތަކަށް ދީފައިވާ ބަރުތައްކަމަށްވާތީ އެބާރުތައް ކައުންސިލްތަކުން ކުރާގޮތަށް މި ބިލް އެގޮތަށް ބަދަލުވެގެން ދިއުން.
– ޙަސަން ލަޠީފް
ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމާއި ގުޅޭގޮތުން ރައީސް ވިދާޅުވެފައިވަނީ، އެ ބަދަލު ގެންނައިރު ޓްރާންސްޕޯޓު އޮތޯރިޓީގައި ތިބި މުވައްޒަފުންނަށް ދެރަ ނުވާނެ ގޮތަކަށް ބައްޓަން ކުރައްވާނެކަމަށެވެ.
ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމަށް އެމްޑީޕީން ހުށައެޅުމަށްފަހު، އެތަން އުވާލުމާއި ދެކޮޅަށްވެސް ވާހަކަފުޅު ދެއްކެވުމުން އިދިކޮޅު މެންބަރުން ވަނީ ޓްރާންސްޕޯޓް އޮތޯރިޓީއަށް ހަދަން އުޅޭއެއްޗެއް ސާފުނުވާކަމަށެވެ. ޓްރާންސްޕޯޓް އޮތޯރިޓިގެ ހުރިހާ ބާރެއް މިނިސްޓްރީއަށް ބަދަލުކުރުމަށް ހުށައެޅުއްވި އިޞްލާހަކީ ލާމަރުކަޒީ ނިޒާމަށް ވަކާލާތުކުރާ ބަޔަކު އެބާރުތައް މަރުކަޒީކުރުމަށް ހުށައެޅުއްވި އިޞްލާހެއްކަމަށް ވިދާޅުވެ އިދިކޮޅު މެންބަރުން ވަނީ ފާޑުވިދާޅުވެފައެވެ
ކޮމެންޓު ފޮނުވާ