އާޤާނޫނުގެ ދަށުން ޚިދުމަތް ދިނުމުގެ އެންމެ ބޮޑު ފަލްސަފާއަކީ ޚިދުމަތް ލާމަރުކަޒު ކުރުން: ޢިމްރާން

އާޤާނޫނުގެ ދަށުން ޚިދުމަތް ދިނުމުގެ އެންމެ ބޮޑު ފަލްސަފާއަކީ ޚިދުމަތް ލާމަރުކަޒު ކުރުން: ޢިމްރާން

Author
މުޙައްމަދު ޖިމީ
06 އޭޕްރިލް 2021 10:21
0

ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނެގެ ދަށުން ގެނައުމަށް ވިސްނިފައިވާ އެންމެ ބޮޑު ބަދަލަކީ ފުލުހުންގެ ޚިދުމަތް ލާމަރުކަޒީކޮށް ފޯރުކޮށްދިނުމުގެ ވިސްނުންކަމަށް މިނިސްޓަރ ޢިމްރާން ޢަބްދުالله ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ އއ.ތޮއްޑޫ ޕޮލިސް ޕޯސްޓް ހުޅުވުމަށް އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ މިފަލްސަފާގެ ތެރެއިން ޚިދުމަތް ފެށިގެން މިދަނީ ކޮންމެ ރައްޔިތަކަށްމެ, އެރައްޔިތަކު ހުރިތަނަކުން, ކޮންމެ ވިޔަފާރިއަކަށް އެވިޔަފާރިއެއް ހުރި ހިސާބަކުން, ކޮންމެ ދަނޑަކަށް އެދަނޑެއް އޮތް ބިމަކުން ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކަމަށެވެ. ރައްޔިތުންނާއި, ރައްޔިތުންގެ މުދަލަށް ރައްކާތެރިކަން ފޯރުކޮށްދިނުން ދައުލަތުގެ މައްޗަށް ލާޒިމްކޮށްފައިވުމުގެ ނަތީޖާއަކަށްވަނީ ޚާއްޞަކޮށް މިސަރުކާރުން އަތޮޅުތެރޭގައި ފުލުހުންގެ ޚިދުމަތް ހަރުދަނާކުރުމަށް ބޮޑަތި މަސައްކަތްތަކެއްކޮށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިއީ އަތޮޅުތެރޭގައި ފުލުހުންގެ ޚިދުމަތް ފުޅާކުރުމަށް ސަރުކާރުން އިސްކަންދެއްވާ މިންވަރު ހާމަކޮށްދޭކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިމަޝްރޫއު ނިމިގެންދާއިރު ރައްޔިތުންނަށް އެރައްޔިތަކު ހުރި ރަށަކުން, ޚިދުމަތް ކަށަވަރުވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ރައްޔިތުންގެ ސަލާމަތަށް, ރައްޔިތުންގެ އަމާންކަމަށް, ރައްޔިތުންގެ ޞުލުހައަށް ފުލުހުންގެ ފަރާތުން ލިބެންޖެހޭ ފުރިހަމަ ޚިދުމަތް ކައިރިން އަވަހަށް ލިބިގެންދާނެގޮތަށް ކަންކަން ބައްޓަންކުރެވިގެންދާނެކަމަށް

– ޢިމްރާން ޢަބްދުﷲ

ތޮއްޑޫއަށް އިޝާރާތްކުރައްވާ މިނިސްޓަރ ވިދާޅުވީ ގެސްޓްހައުސްގެ ވިޔަފާރީގެ ޚިދުމަތް ފުޅާދާއިރާއެއްގައި ދޭ ރަށަކަށްވެފައި, ދަނޑުވެރިކަމުގެ މައި ރަށަކަށްވާއިރު ތޮއްޑޫގެ ދަނޑުވެރިކަމަށާއި, ޓޫރިޒަމްގެ ޚިދުމަތަށް އަމާންކަމާއި, ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ ސަރުކާރާއި, ޚާއްޞަކޮށް ފުލުހުންގެ މުއައްސަސާގެ މައްޗަށް އޮތް ވަރަށްބޮޑު ޒިންމާއެއްކަމަށެވެ. އެޒިންމާ ފުރިހަމަކުރުމަށް ކައުންސިލާ މުއައްސަސާތަކާ ގުޅިގެން ފުލުހުން ކުރެއްވި މަސައްކަތް މިނިސްޓަރ ފާހަގަކުރެއްވިއެވެ. ތޮއްޑޫގައިވެސް މިނިސްޓަރ ތަކުރާރުކުރެއްވީ ރަށުގެ ވެށި ކުށުން ދުރުކުރުމަށް އެންމެ މުހިއްމުކަމަކީ ރައްޔިތުން ފުލުހުންނާއެކުގައި ބައިވެރިވެ, ގުޅިގެން މަސައްކަތްކުރުންކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.