ފުރިހަމަ ލާމަރުކަޒީ ނިޒާމެއް ނުފެނިެއްޖެނަމަ ކައުންސިލްތަކަށް ބާރުތައް ދިނުމަށް ގެނައި އިޞްލާހުތައް އުވާލައްވާނެކަމަށް، ލާމަރުކަޒީ ކޮމިޓިގެ މުގައްރިރު އަދި ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް ވިދާލުވެއްޖެއެވެ.
ކައުންސިލްތަކުގެ އިހްތިޞާސް ކަނޑައެޅުމާއި، ކައުންސިލްތަކަށް ބާރުތައ ްލިބޭގޮތަށް ލާމަރުކަޒީ ނިޒާމުގެ ޤާނޫނަށް އިޞްލާހު ހުށައެޅުއްވީ އަލީ ނިޔާޒްއެވެ. އެ އިޞްލާހުތައް މަޖިލީހުން ފާސްކޮށް މިހާރު އަންނަނީ އަމަލުކުރެވެމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމަށް ހުށައެޅުއްވި ބިލަށް ވާާހަކަފުޅު ދައްކަވަމުން އަލީ ނިޔާޒް ވިދާޅުވީ، ލާމަރުކަޒީ ނިޒާމް ޤަބޫލުކުރާ ބަޔަކީ ހަމައެކަނި އެމްޑީޕީކަމަށެވެ. އޭނާ ވިދާލުވީ، ރައްޔިތުންނަށް ދިމާވެފައިވާ ހުރިހާ މައްސަލަތަކެއްގެ ހައްލަކީ މަރުކަޒީ ސިޔާސަތުން ލާމަރުކަޒީ ސިޔާސަތަށް ބަދަލުވެގެން ދިއުންކަމަށެވެ. ޢަލީ ނިޔާޒް ވިދާޅުވީ، ޚިދުމަތްތައް ރައްޔިތުންނާއި ގާތުން ދިނުމަށާއި، ބާރުތައް ކައުންސިލްތަކަށް ދޫކޮށްލުމަށް އެއްވެސް ޖެހިލުމެއް އޮވެގެންނުވާނެކަމަށެވެ.
އަލީ ނިޔާޒް ވިދާޅުވީ، ހަގީގީ މާނާގައި ކައުންސިލްތައް ލާމަރުކަޒީ އުސޫލުން ނުހިނގައިފިނަމަ ޤާނޫނަށް ގެނައި އިޞްލާހުތައް އުވާލައްވަން ހުށައަޅުއްވާނެކަމަށެވެ.
މިނިސްޓްރީތަކަށް ޖަމާވެފައިހުރި ވަރަށް ގިނަ ވަރަށް ގިނަ މަސައްކަތް ކައުންސިލްތަކަށް ކުރެވޭނެ. ކައުންސިލްތަކަށް އެބާރު ދޭންވާނެ. އެ ބާރުތައް ދީގެން އަޅުގަނޑުމެން މިފަހަރު އިރާދަކުރެއްވިއްޔާ ފުރިހަމަ ލާމަރުކަޒީ ނިޒާމެއް ޤާއިމްކުރުމަށް މި މަސައްކަތްކުރަނީ. އެ މަސައްކަތް ހިނގާތަން އަޅުގަނޑުމެން ދައްކަންޖެހޭނެ. އެހެން ނޫންކަމށްވާނަމަ އަޅުގަނޑު އެނބުރިއައިސް 8 ވަނަ އިޞްލާޙުގައި ހުރި ކަންތައްތައް އުވާލުމަށް އަޅުގަނޑު ހުށައަޅަނަން. އޭރުން ރާއްޖޭގައި މި ނިޒާމެއް ނޯންނާނެ. އޮތުމުގެ ބޭނުމެއް ނެތް.
– ޢަލީ ނިޔާޒް
ޢަލީ ނިޔާޒް ވިދާޅުވީ ދާދި ފަހުން ހެދިފައިވާ ރާއްޖޭގެ %70 މީހުން ޤަބޫލުކުރަނީ ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގުމަށްކަމަށެވެ.
ޓްރާންސްޕޯތް އޮތޯރިޓީ އުވާލުމަށް މަޖިލީހަށް ހޫށައަޅުއްވާފައިވާ ބިލަށް ވާހަކަފުޅު ދެއްކެވި އެމްޑީޕީގެ ގިނަ މެންބަރުން ވަނީ އެ އޮތޯރިޓީ އުވާލުމާއި ދެކޮޅަށް ވާހަކަފުޅު ދައްކަވާފައެވެ. ނަމަވެސް ޓްރާންސްޕޯޓް އޮތޯރިޓީގައި ގިނަ މައްސަލަތަކެއް އެބަހުރިކަމަށް ޤަބޫލުކުރައްވާކަމަށާއި، އެ އޮތޯރިޓީ އުވާލައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާވެސް ވަނީ ވިދާޅުވެފައެވެ.
ޓްރާނސްޕޯޓް އޮތޯރިޓިގެ ހުރިހާ ބާރެއް މިނިސްޓްރީއަށް ބަދަލުކުރުމަށް ހުށައެޅުއްވި އިޞްލާހަކީ ލާމަރުކަޒީ ނިޒާމަށް ވަކާލާތުކުރާ ބަޔަކު އެބާރުަތއް މަރުކަޒީކުރުމަށް ހުށައެޅުއްވި އިޞްލާހެއްކަމަށް ވިދާޅުވެ އިދިކޮޅު މެންބަރުން ވަނީ ފާޑުވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ