ރައީސުލްޖުމްހޫރިއްޔާ ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖައްސަވައިފި

ރައީސުލްޖުމްހޫރިއްޔާ ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖައްސަވައިފި

Author
ޢަލީ އާދަމް
05 އޭޕްރިލް 2021 07:50
0

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖައްސަވައިފި އެވެ.

ރައީސް ޞާލިޙް ވެކްސިންގެ ދެވަނަޑޯޒް ޖެއްސެވީ މާލޭގައި އެންމެ ފުޅާކޮށް ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށްގެންދާ ސޯޝަލް ސެންޓަރުގައި ގާއިމްކޮށްފައިވާ ވެކްސިން ސެންޓަރުންނެވެ. އެމަނިކުފާނު ވެކްސިންގެ ފުރަތަމަ ޑޯޒްވެސް ޖެއްސެވީ، ރާއްޖޭގައި އެންމެ ފުރަތަމަ ވެކްސިން ދޭން ފެށި ދުވަހު ހަމަ އެ ސެންޓަރުންނެވެ.

ވެކްސިންގެ ދެވަނަ ޑޯޒް ޖެއްސެވުމަށްފަހު ކުރެއްވި ޓްވީޓެއްގައި ރައީސް ވަނީ ފުރަތަމަ ޑޯޒް ޖެހިފަހުން 8 ހަފްތާ ވެފައިވާ ފަރާތްތަކުން އަވަހަށް ދެވަނަ ޑޯޒް ޖެހުމަށް އިލްތިމާސްކުރައްވާފަ އެވެ. އަދި ވެކްސިންގެ ފުރަތަމަ ޑޯޒް އަދި މިހާތަނަށް ނުޖަހާ ފަރާތްތަކުންވެސް ވީއެންމެ އަވަހަށް ވެކްސިން ޖެހުމަށް ރައީސް ވަނީ އިލްތިމާސް ކުރައްވާފައެވެ.

ކޯވިޑް-19އިން ދިފާޢުވުމަށް ޖަހާ ވެކްސިން ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ދޭން ފަށާފައިވަނީ މިމަހުގެ 3 ވަނަ ދުވަހުއެވެ. ރާއްޖެއިން ކޯވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހި މީހުންގެ ޖުމްލަ އަދަދު އިއްޔެގެ ނިޔަލަށް ވަނީ 3737 އަށް އަރާފައެވެ.

މިމަހުގެ 3 ވަނަ ދުވަހުން ފެށިގެން އާއްމުކޮށް ހުޅުވާލައިގެން ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ފެށިނަމަވެސް އެޗް.ޕީ.އޭއިން މީގެ ކުރިން ވަނީ ޚާއްސަ ހާލަތްތަކުގައި ތިބި މީހުންނަށް ވެކްސިންގެ ދެވަނަ ޑޯޒް ޖަހައިދީފަ އެވެ.

ވެކްސިންގެ ދެވަނަޑޯޒް ދިނުން ކުރިއަށްގެންދަނީ ސޯޝަލް ސެންޓަރުގެ އިތުރުން، ނޭޝަނަލް އާޓްގެލެރީ، ހުޅުމާލޭ ވެކްސިން ސެންޓަރ، އަދި ސެނެހިޔާގައި ހެނދުނު 10:00 އިން މެންދުރުފަހު 3:00 އާ ހަމައަށެވެ. އަދި ވިލިމާލެ ޒުވާނުންގެ މަރުކަޒުގައި ވެކްސިން ދިނުން ކުރިއަށްދާނީ ހެނދުނު 10:00 އިން މެންދުރު 2:00 އާ ހަމައަށެވެ.

މީގެ އިތުރުން މާލެ ސަރަހައްދުގައި ވެކްސިންގެ ފުރަތަމަ ޑޯޒް މިހާރު ޖަހައިދެނީ ރައްޔިތުންގެ މަޖިލީހުގައި ގާއިމްކޮށްފައިވާ ވެކްސިން ސެންޓަރާއި ޓްރީޓޮޕް ހޮސްޕިޓަލުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.