ރައްޔިތުންނާއި ގާތުން ޒަމާނީ ޚިދުމަތެއް ދިނުމަށް އިސްސަފުގައި އަންހެން އޮފިސަރުންގެ ދައުރު މުހިންމުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާލުވެއްޖެއެވެ.
ސްޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ މަޤާމަށް ފުރަތަމަ ފަހަރަށް 3 އަންހެން ފުލުހުން އިއްޔެ އައްޔަކުރެއްވުމާއި ގުޅިގެންނެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ މަޤާމަށް އައްޔަންކުރެއްވި ފާތިމަތު ނަޝްވާ އާއި މަރިޔަމް އަޒްމާ އަދި އިޒްމިއާ ޒާހިރަށް މަރުޙަބާ ދަންނަވާފައެވެ. ރައީސް ވިދާޅުވީ، ރައްޔިތުންނާއި ގާތުން ޒަމާނީ ޚިދުމަތެއް ދިނުމަށްޓަކައި، އިސް ސަފުގައި އަންހެން ފުލުހުންގެ ދައުރު މުހިންމުކަމަށެވެ.
Congratulations to @IzmiaZahir Mariyam Azma and Fathmath Nashwa for being the first female officers in the history of @PoliceMv to attain the rank of Superintendent of Police. Female officers in leadership positions are crucial for modern community-oriented policing. pic.twitter.com/HLIrMI4dPS
— Ibrahim Mohamed Solih (@ibusolih) April 5, 2021
ސްޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ މަޤާމު ޕްރޮމޯޓްކުރެއްވި ފާތިމަތު ނަޝްވާ ހުންނެވީ އަޕަރ ނޯތު ޕޮލިސް ޑިވިޝަންގެ ކޮމާންޑަރުގެ މަޤާމުގައެވެ. އޭނާ ވަނީ ފުލުހުންގެ ޚިދުމަތުގައި 25 އަހަރު ޚިދުމަތްކުރައްވާފައެވެ.
ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އިޒްމިއާ ޒާހިރު މީގެ ކުރިން ހުންނެވީ ހެޑް އޮފް އޯގަނައިޒޭޝަނަލް ރީފޯރމް ޑިޕާރޓްމަންޓްގެ މަޤާމުގައެވެ. ފުލުހުންގެ ޚިދުމަތުގައި 16 އަހަރު ހޭދަކޮށްފައިވާއިރު އިޒްމިއާ ވަނީ މި މުއްދަތުގައި އެކި ދާއިރާތަކުން އަގުހުރި ގިނަ މަސައްކަތްތަކެއްކޮށްފައެވެ.
ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މަރިޔަމް އަޒުމާއަކީ ފުލުހުންގެ ޚިދުމަތުގައި އެންމެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ އެއް އަންހެން އޮފިސަރެވެ. އެގޮތުން 25 އަހަރަށްވުރެ ދިގުމުއްދަތަކަށް އަޒުމާ ޚިދުމަތްކޮށްފައިވެއެވެ. ސްޕްރިންޓެންޑެންޓްގެ މަޤާމު ލިބިލެއްވިއިރު އަޒުމާ މިވަގުތު ހުންނެވީ ސެންޓްރަލް ޕޮލިސް ޑިވިޜަންގެ ޑިވިޜަން ކޮމާންޑަރުގެ މަޤާމުގައެވެ.
ފުލުހުންގެ އިސް މަޤާމަކަށް ފުރަތަމަ ފަހަރަށް ތިން އަންހެން ފުލުހުން އައްޔަންކުރައްވާފައިވާއިރު، ދާދި ފަހުން ވަނީ ދިވެހި ސިފައިންގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ލެފްޓެނެންޓް ކާނަލްގެ މަޤާމަށް އަންހެން ތިން ސިފައިން ރޭންކްކޮށްފައެވެ. އަދި ސިފައިންގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ސިފައިންގެ ލަފާދޭ މަޖިލީހަށް އަންހެން ދެ އޮފިސަރަކުވެސް އައްޔަންކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ