ވޯޓު ކަރުދާހާއި ވޯޓު ފޮށިތައް ރަށްތަކަށް ފޮނުވަން ފަށައިފި

ވޯޓު ކަރުދާހާއި ވޯޓު ފޮށިތައް ރަށްތަކަށް ފޮނުވަން ފަށައިފި

Author
މުޙައްމަދު ޖިމީ
05 އޭޕްރިލް 2021 01:30
0

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ބޭނުންވާ ވޯޓު ކަރުދާހާއި އެނޫންވެސް ތަކެތި ރަށްރަށް ފޮނުވުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ފަށައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާލުވީ ވޯޓު ކަރުދާހާއި، ވޯޓު ފޮއްޓާއި، އެނޫންވެސް އިންތިޚަބަށް ބޭނުންވާ ތަކެތި މިއަދު އިންތިޚާބު ކުރިއަށްގެންދާނެ މަރުކަޒުތަކަށް ފޮނުވަން ފަށާފައިވާއިރު މިއަދު އެ ތަކެތި ފޮނުވީ ޏ.އަތޮޅަށާއި، ހދ.އަތޮޅަށާއި، ތ.އަތޮޅަށާއި، ލ.އަތޮޅަށާއި، ގއ.އަތޮޅަށެވެ. އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، އަންނަ ބުރާސްފަތި ދުވަހުގެ ކުރިން ހުރިހާ ރަށަކަށް ތަކެތި ފޮނުވާ ނިމޭނެކަމަށެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު އޮންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ. އެ އިންތިޚާބުގައި ވޯޓްލުމުގެ ހައްގު ލިބިގެން ވަނީ 273128 މީހުންނަށެވެ. މީގެ ތެރޭގައި 5134 މީހުންނަކީ މިމަހުގެ 10ވަނަ ދުވަހާހަމަޔަށް 18 އަހަރު ފުރޭ މީހުންކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ. އަދި އޭޕްރީލް 10 ވަނަ ދުވަހާ ހަމައަށް 18 އަހަރު ފުރޭ އެންމެނަށް އިންތިހާބުގައި ވޯޓުލެވޭނެކަމަށް އިލެކްޝަންސްއިން ބުންޏެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި މާލެ ސަރަހައްދުގައި 600 ވޯޓުލާ މަރުކަޒު ގާއިމް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި މާލެ ސަރަހައްދުގައި ޓެންޓު ޖަހައިގެން ވޯޓުލުމަށް 40 މަރުކަޒު ޤާއިމްކުރާނެއެވެ. ޕެންޑަމިކާއި ގުޅިގެން ކޮންމެ ވޯޓުފޮށްޓަކަށްވެސް އެންމެ ގިނަވެގެން ވޯޓުލެވޭނީ 550 މީހުންނަށްކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. ލ ވޯޓުލާ މީހުންނަށް ވީހާވެސް ފަސޭހަކުރުމަށްޓަކައި 550 އަށްވުރެ ގިނައިން މީހުން ވޯޓުލާ ފޮށިތައް ދެބަޔަކަށް ބަހައި، އެއަށްވުރެ އަދަދު ވަނީ މަދުކޮށްފައެވެ. މާލޭގެ އިތުރަށް ރަށްރަށާއި ވޯޓުފޮށި ބެހެއްޓުމަށް ރަޖިސްޓަރ ކޮށްފައިވާ ރިސޯޓްތަކުގައިވެސް ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާނީ ޖުމްލަ 3934 ކެނޑިޑޭޓުންނެވެ. މީގެ ތެރޭގައި ހިމެނެނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ 2264 ކެނޑިޑޭޓުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާ 1670 ކެނޑިޑޭޓުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.