އެސްޓީއޯއިން ނެގި 25 މިލިއަން ޑޮލަރުގެ ލޯނު: ރަހުނު ކުރީ ކޯއްޗެއްތޯ؟

އެސްޓީއޯއިން ނެގި 25 މިލިއަން ޑޮލަރުގެ ލޯނު: ރަހުނު ކުރީ ކޯއްޗެއްތޯ؟

Author
މުޙައްމަދު ޖިމީ
05 އޭޕްރިލް 2021 11:53
0

އެސްޓީއޯ މެދުވެރިކޮށް ހޮންގްކޮންގް އެންޑް ޝަންހާއީ ބޭންކިން ކޯޕަރޭޝަން ލިމިޓެޑް (އެޗްއެސްބީސީ) އިން 25 މިލިއަން ޑޮލަރު (385.5 މިލިއަން ރުފިޔާ) ގެ ލޯނެއް މިސަރުކާރުން ނެގުމާއި ގުޅިގެން އެކަމުގެ އަޑީގައިވާ ސިއްރަކީ ކޮބައިތޯ ކުރީގެ ޚަރިޖީ ވަޒީރު އަދި އދ.ގެ އިންސާނީ ހައްގުތަކާިއ ބެހޭ ރެޕަޓުއަރ ޑރ.އަޙްމަދު ޝަހީދު މިސަރުކާރަށް ސުވާލު ކުރައްވައިފިއެވެ.

އެސްއެސްބީސީން ނެގި ލޯނަކީ ކޯވިޑް-19އިން އަރައިގަތުމަށް އެހީވުމުގެ ގޮތުން ދިން ލޯނެއް ކަމަށް އެސްޓީއޯ އިން ބުނެފައިވެއެވެ. ލޯން ނެގީ މިދިޔަ ފެބުރުއަރީ މަހުއެވެ. އެކަމާއި ގުޅިގެން އެމްޑީޕީގެ ކުރީގެ ސަރުކާރުގެ ފޮރިން މިނިސްޓަރ ޑރ.އަޙްމަދު ޝަހީދު ވަނީ އެ ލޯން ނެންގެވީ ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ލޯން ދޭވަރަށްވުރެ އިސްރާފް ބޮޑުވެގެންތޯ ސުވާލު ކުރައްވާފައެވެ. އަދި ލޯން ނެގީ ކޮން އެއްޗެއް ރަހުނުކޮށްގެންތޯވެސް ޑރ.ޝަހީދު ސުވާލު ކުރެއްވިއެވެ.

މީގެ އަޑީގަވާ ސިއްރަކީ ކޮބައިތޯ؟ ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ލޯން ދޭވަރަށްވުރެ އިސްރާފު ބޮޑީތޯ؟ ކޮމާޝަލް ލޯނެއްވެސް ފިނޭންސް މިނިސްޓްރިއަށް ނުލިބުނީތޯ؟ ރަހުނު ކުރީ ކޮން އެއްޗެއްތޯ؟

– ޑރ.އަޙްމަދު ޝަހީދު

 

ސަރުކާރުން 25 މިލިއަން ޑޮލަރުގެ ލޯނެއް ނެގުމުން ޑރ.ޝަހިދު ފަޑުވިދާލުވެފައިވާއިރު، މިސަރުކާރުން ދަރަނި އިންތިހާއަށް ނަގަމުން އަންނަކަމަށް ބުނެ ސަރުކާރަށް ބޯޑެތި ފާޑުކިއުންތަކެއް ވަނީ އަމާޒުވެފައެވެ. އަދި ކާޑުގެ ބާވަތްތައް ޜާއްޖެއަށް ގަތުމަށް ސަރުކާރުން ވަނީ އެސްޓީއޯއަށް ސޮވެރިން ގެރެންޓީއެއްވެސް ދީފައެވެ.

ކޯވިޑް-19ގެ ސަބަބުން ރާއްޖާގެ އިގްތިޞާދަށް ކުރިމަތިވި ދަތިތަކަށް އެހީވުމުގެ ގޮތުން އެސްޓީއޯ މެދުވެރިކޮށް މިހާތަނަށް ބައިނަލްއަގުވާމީ އެކި އިންސްޓިޓިއުޓްތަކުން 62 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 956 މިލިއަން ރުފިޔާ) ގެ ލޯނު ވަނީ ދީފައިވާކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.