ޅ.ފެލިވަރުން ބަޔަކު ޕޮޒިޓިވްވެ އެ އަތޮޅުގެ ރަށްތަކަށް ބަލި ފެތުރިގެން ދިޔައީ ސަރުކާރުގެ އިހުމާލުންކަމަށާއި، ބަލި ވަރަށް ހަލުވިކަމާއެކު ފެތުރޭތީ އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާ މަޖިލީހަށް ކުއްލި މައްސަލައެއް ހުށައަޅައިފިއެވެ. ކުއްލި މައްސަލަ ހުށައެޅުއްވީ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމްއެވެ.
ޝިޔާމް ހުށައެޅުއްވި ކުއްލި މައްސަލާގައި ވަނީ ދިވެހިރާއްޖޭގެ މަސްވެރި ކަމުގެ ސިނާޢަތުގައި އެންމެ އިސްދައުރެއް އަދާކުރާ ޅ.ފެލިވަރުން ކޯވިޑް19ގެ ކޭސްތަކެއްފެނި، މުވައްޒަފުންގެ ތެރެއިން ގިނަ ބަޔަކު ހުން އައިސް ބަލިވަމުން ދިޔަކަން ފެލިވަރުގެ މެނޭޖުމެންޓަށް އެނގުނު ނަމަވެސް އެކަން މުވައްޒަފުންނަށް ހާމަނުކޮށް އެކަމާ ގުޅޭ މައުލޫމާތު މެނޭޖުމެންޓުގެ ފަރާތުން ސިއްރުކޮށްފައިވަނިކޮށް މިބަލި އަތޮޅުތަކުގެ އެހެން ރަށްތަކަށް ފެތުރި އަދި ޚާއްސަ ހުއްދައިގެ ދަށުން މާލެއިން އެކިޓީމްތައް ފެލިވަރަށް ދަތުރުކޮށް އޭގެފަހުން އަތޮޅުގެ އެކިރަށްރަށަށްވެސް ދަތުރުކޮށް މިޙާލަތަށް ދިއުމުގައި ސަރުކާރުގެ އިހުމާލުއޮތްކަމަށް ރައްޔިތުންގެ ޝަކުވާތައް ލިބެމުންދާކަމަށެވެ.
ފެލިވަރުން ޕޮޒިޓިވްވި މީހުންގެ ޢަދަދު މިހާތަނަށް ތިންސަތޭކައަށްވުރެ މަތީގައިވާއިރު، އަތޮޅުގެ އެހެން ރަށްރަށުގައިހަލުވިކަމާއެކު ކޯވިޑް ފެތުރި، ފެލިވަރުގެ އިތުރުން ނައިފަރާއި ހިންވަރާއި ކުރެންދޫ އަދި އޮޅުވެލިފުށި މޮނިޓަރިންގެ ޙާލަތުގައި
އޮތުމުގެ ސަބަބުން ރައްޔިތުންނަށް ވަރަށްބޮޑު ހާސްކަމާއި ބިރުވެރިކަން އުފެދިފައިވާތީއާއި އަދި މިޙާލަތުގައިވެސް ޅ.އަތޮޅު ހޮސްޕިޓަލްގައި ކޯވިޑް19 އަށް ޓެސްޓްކުރެވޭނެ ނިޒާމެއް ޤާއިމްވެފައި ނެތުމާއި، ސާމްޕްލްގެ ނަތީޖާއަށް އެތައް ދުވަހަކު
އިންތިޒާރު ކުރަންޖެހިފައިވާކަމަށް އެ މައްސަލާގައި ބުނެފައިވެއެވެ. އަދި ނައިފަރު ފަދަ ތޮއްޖެހިފައިވާ އާބާދީއެއްގައި ގިނަ ޢަދަދެއްގެ ގެތަކެއް މޮނިޓަރިންއަށް ލަމުންދިއުމުން އާމްދަނީ ހުއްޓިފައިވުމާއި ގިނަ ޢަދަދެއްގެ ބަޔަކު އައިސޮލޭޓްވެ މުޅި ރަށް އެއްކޮށް ހުއްޓުމަކަށް އަންނަންޖެހިދާނެ ފަދަ ޙާލަތަކަށް އަތުވެދާނެ ކަމުގެ ބިރު އޮތުމާއި، މިހާރު ހެލްތް ޕްރޮޓެކްޝަން އެޖެންސީން ޢަމަލުކުރަމުންދާ ގައިޑްލައިންއަކީ ނައިފަރު ކަހަލަ ތޮއްޖެހިފައިވާ އާބާދީއަކަށް އެންމެ އެކަށޭނަ ގައިޑްލައިންއެއް ނޫންކަމާއި އޭގެ ސަބަބުން ފްރޮންޓްލައިންގައި މަސައްކަތްކުރާ ޓީމަށް މެނޭޖް ކުރުމަށް ވަރަށް ބޮޑު ދަތިތަކެއް ކުރިމަތިވެފައިވާކަމަށްވެސް ޝިޔާމް ހުށައެޅުއްވި ކުއްލި މައްސަލާގައިވެއެވެ.
މިޙާލަތުން އަރައިގަތުމަށްޓަކައި ރައްޔިތުންނަށް ސަރުކާރުން ޚާއްސަ އެހީތެރިކަން ފޯރުކޮށްދިނުމަށާއި އެގޮތުން ސަރުކާރުގެ އިހުމާލުގެ ސަބަބުން ރައްޔިތުންނަށް މި ލިބުނު ބޮޑު ގެއްލުމުގެ ބަދަލު ހޯދައިދިނުމަށާއި، ރައްޔިތުން ލޯނުތަކަށް ދައްކަންޖެހޭ
ފައިސާ މަޑުޖައްސާދިނުމަށާއި، ކަރަންޓުބިލުތަކަށް ލުޔެއް ހަމަޖައްސަވާ ދެއްވާ، ޅ. އަތޮޅުގެ ރަށްތަކަށް ކުރިމަތިވެފައިވާ މި ދަތި ޙާލަތުން އަރައިގަތުމަށްޓަކައި ވީއެންމެ އަވަހަށް އެކަށީގެންވާ ރަނގަޅު ފިޔަވަޅުތައް އެޅުމަށް ގޮވާލާ މިކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 110ވަނަ މާއްދާގެ ދަށުން މި ކުއްލި މައްސަލަ ހުށައަޅަމެވެ.
– ޝިޔާމް ހުށައެޅުއްވި ކުއްލި މައްސަލާގައިވެއެވެ.
ނައިފަރުގެ ފެލިވަރުން އުފެދުނު ކޯވިޑް ކްލަސްޓަ ބޮޑުވެ އަތޮޅުގެ އެހެން ރަށްތަކަށް ފެތުރިފައިވާއިރު، އެރަށްތައް ވަނީ މޮނިޓަރިންއައް ލައި އެރަށްރަށް އަރައި ފޭބުން މަނާކޮށްފައެވެ. ކޯވިޑާއި ގުޅިގެން ޅ.އަތޮޅުގެ ރަށްރަށުގެ ރައްޔިތުން ދިރިއުޅެމުން އަންނަނީ ވަަރށް ބޮޑު ދައްޗެއްގައިކަމަށް އެ ރަށްތަކުގެ ބައެއް މީހުން ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ