އަންނަ ހޮނިހިރު ދުވަހު ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބު ބާއްވާއިރު، އިންތިޚާބާއި ގާތްވާވަރަކަށް ރަށްރަށުގައި މަޝްރޫޢުތައް ގިނަވެ، މަޝްރޫޢުތައް އިފްތިތާހު ކުރުުމުގެ މަސައްކަތް ދަނީ ބާރަށް ކުރެވެމުންނެވެ.
ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީއަށް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރުމަށް އޮތް އެންމެ ބޮޑު ހުރަކީ ރިޔާސީ އިންތިޚާބުގައި ވެފައިވާ ވައުދުތައް ނުފުއްދި ކައުންސިލް އިންތިޚާބާއި ކުރިމަތިވުމެވެ. ނަމަވެސް ކައުންސިލް އިންތިޚާބުގައިވެސް އެމްޑީޕީން ބޭނުން ކުރަމުންދަނީ ނިމިދިޔަ މަޖިލިސް އިންތިޚާބުގައި ބޭނުންކުރި ސިޔާސަތވެ. އިންތިޚާބަށް ހަފްތާއަކަށް ވުމުން ރަށްރަށުގައި ކުއްލި މަޝްރޫޢުތައް ގިނަވެ، މަޝްރޫޢުތަކުގެ ބިޔަ ރަސްމިއްޔާތުތައް ނުހަނު ފޯރީގައި ދަނީ ބާއްވަމުންނެވެ.
ކޯވިޑް-19 އާއިއެކު މާލެ ސަރަހައްދުން ރަށްރަށަށް ދަތުރު ކުރާނަމަ 10 ދުވަހުގެ ކަރަންޓީން ވާންޖެހޭއިރު، ސަރުކާރުގެ މަޝްރޫޢުތަކަށް ޚާއްސަ އިނާޔަތެއް އެޗްޕީއޭއިން ވަނީ ދެއްވާފައެވެ. އެޗްޕީއޭއިން ދެއްވާފައިވާ މި އިނާޔަތުގެ ދަށުން އެމްޑީޕީގެ މަޖިލިސް މެމްބަރުންނާއި، ކުންފުނިތަކުގެ ވެރިން ރަށްރަށް ވަޑައިގެން އެއްވެސް ގައިދުރުކަމެއްނެތި ކެމްޕެއިން ހަރަކާތްތައް ގެންދަވަނީ ބާއްވަމުންނެވެ.
އަތޮޅުތަކުގައި އެމްޑީޕީން ބާއްވާ ރަސްމިއްޔާތު ތަކުގައި އެދާއިރާއަކަށް ވާދަކުރާ އެމްޑީޕީގެ ކެނޑިޑޭޓުން ތިއްބަވަނީ އެންމެ ކުރީސަފުގައެވެ. ޤާނޫނު އަސާސީން އިންތިޚާބު ތަކުގައި ކެމްޕެއިން ކުރުމާއި، ހަމަހަމަ ފުރުސަތު ދޭންޖެހޭކަމަށް ބުނެފައިވާއިރު ކޯވިޑް-19 އާއިއެކު މިފުރުސަތު ވަނީ ވަރަށް ބޮޑަށް ހަނިވެފައެވެ. ނަމަވެސް ކެމްޕެއިން ކުރުމުގެ ހުރަސް އޮތީ ހަމައެކަނި އިދިކޮޅު ފަރާތްތަކަށެވެ. އިންތިޚާބުގައި އިދިކޮޅު ފަރާތްތަކުން ކެޑިނޭޅި ހަމަހަމަ ފުރުސަތު ދިނުމަށް ގޮވާލަމުންދާއިރު، މިކަމުގައި އެއްވެސް އިޖާބައެއް އެއްވެސް އިދާރާއަކުން ދީފައި ނުވެއެވެ.
އިންތިޚާބަށް ކުރިމަތިވެފައިވާ ހުރަސްތަކާއި ގުޅިގެން އެކި ފަހަރުމަތީން އިލެކްޝަން ކޮމިޝަންގައި ބޭއްވުނު ޤައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުމުގައިވެސް އިލެކްޝަން ކޮމިޝަނުންވެސް އަދި ސަރުކާރު ހިންގާ މައިޕާޓީންވެސް ވަނީ އިދިކޮޅު ފަރާތްތަކަށް ހަމަހަމަ ކަމާއިއެކު ކެމްޕެއިން ކުރުމުގެ ފުރުސަތު ނެތްކަމަށް ވިދާޅުވެފައެވެ. އަދި އެމްޑީޕީގެ ކެންޑިޑޭޓުންނަށް، މިއަދު ވެރިކަމުގައި އެމްޑީޕީ އޮތުމުން އެފުރުސަތު ލިބެމުންދާކަމަށް އެމްޑީޕީން ވަނީ އެއްބަސްވެފައެވެ.
ކޯވިޑް-19 އާއި ގުޅިގެން އެޗްޕީއޭގެ ގައިޑްލައިންތައް ހުރި ގޮތުން އިންތިޚާބު ބޭއްވުމަށްވެސް އަދި އެނޫން ކަމެއްގައިވެސް އެޗްޕީއޭގެ ނިންމުމަށް ނޫނީ އެއްވެސް ނިންމުމެއް ނިންމުމުގެ ބާރެއް ރާއްޖޭގެ އެއްވެސް މުވައްސަސާއަކަށް ނެތެވެ. އިންތިޚާބަށް އެއްމަހަށްވުރެ ކުޑަ ދުވަސް ކޮޅަކަށްވެފައިވާއިރު، އެޗްޕީއޭގެ ގައިޑްލައިނުން ހުއްދަ ނުކުރާ އެތައްކަމެއް ސަރުކާރު ހިންގާ މައިޕާޓީއަށް ދަނީ ލިބެމުންނެވެ.
ކޯވިޑް-19 މަތިކޮށް، އެމްޑީޕީ ފިޔަވައި އެހެން އެއްވެސް ޕާޓީއަކަށް ރާއްޖޭގެ އެއްވެސް ރަށަކަށް އުސޫލުން ބޭރުން ދަތުރުކުރެވޭނެ ގޮތެއްނެތެވެ. ކެމްޕެއިން ކުރެވޭނެ ގޮތެއް، ހުއްދައެއް ނުދެއެވެ. އިދިކޮޅު ޕީޕީއެމްއިން ހުއްޓުމެއްނެތި ކެމްޕެއިން ކުރުމަށް މަސައްކަތް ކުރަމުންދާއިރު، އެބޭފުޅުންނަށް ޕާޓީގެ ދޮރުން ބޭރުވުމަށްވެސް ސަރުކާރުން ވަނީ މަނާކޮށްފައެވެ. ގިނަ ފަހަރަށް އިދިކޮޅު ކޯލިޝަންގެ މައި އޮފީސްގެ ދެރުތަކުގެ ސަލާމަތީ ކަންކަންވެސް މިއަދު ބަލަހައްޓަވީ ދިވެހި ފުލުހުންނެވެ.
އިންތިޚާބު ހޮނިހިރު ދުވަހު ބާއްވާއިރު، ޤާނޫނީ ގޮތުން އެކި ބޭފުޅުން އުފައްދާ ސުވާލަކީ މިހާލަތުގައި ބާއްވާ އިންތިޚާބެއް ސައްޚަ ވެދާނެތޯއެވެ. އިންތިޚާބީ އެތައް ހައްގެއް ހަނިކޮށް ބޭއްވޭ މިފަދަ އިންތިޚާބެއް ސައްޚަ ވެދާނެ ކަމާއިމެދު ޤާނޫނީ ފުންނާބުއުން ބޭފުޅުން ގެންދަވަނީ ސުވާލު އުފައްދަވަމުންނެވެ.
3 Responses
އިދިކޮޅުން ކިހާވަރެއް ދިނީމަ ޖަހާލި ހަބަރެއްތަ މީ
މުޅިންވެސް ތެދު ހަގީގަތް
އިދިކޮޅުން ވެރިކަމުގަ އޮތްއިރު ރީދޫ ޖަނގިޔާއެއް ލައިގެން ގަލާހާޖާ ކޮށްލަން ގޮނޑުދޮށަށް ނުދެވޭ. ވަރަށް ތާހިރު ތިވާހަކަ ދައްކަން.