ޗައިނާގެ އިރުމަތީ ސިޓީއެއް ކަމުގައިވާ ޔިވޫގައި ކޯވިޑް19 ވެކްސިން ތަހުލީލު ކުރުމުގެ ގޮތުން އާންމު ރައްޔިތުންނަށް ހުޅުވާލުމާއިއެކު، މިވެކްސިން ޖެހުމަށް އެ ސިޓީގެ އެތައްސަތޭކަ ބަޔަކު ކިއު ހަދައިފިއެވެ.
ވެކްސިންތައް އާންމު ކުރުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ކްލިނިކަލް ޓްރަޔަލްތައް އަދި ފުރިހަމަ ވެފައިނުވާ މިވެކްސިން، ތަހުލީލު ކުރުމަށްޓަކާ އާންމުނަށް ހުޅުވާލުމާއިއެކު، ހެނދުނު 7 ޖެހުމުގެ ކުރިން، ހޮސްޕިޓަލްގެ ދުވާލުގެ ޚިދުމަތް ރަސްމީކޮށް ފެށުމުގެވެސް ކުރިން އެތައް ބަޔަކުވަނީ ހޮސްޕިޓަލް ދޮށަށް ޖަމާވާން ފަށާފައެވެ. މީގެ ތެރޭގައި ބައެއް އާއިލާތައްވެސް ހިމެނެއެވެ. އަދި މިވެކްސިން ލިބިގަތުމަށް އެތައް އިރެއް ވަނީ ހޭދަކޮށްފައެވެ. އަމިއްލައަށް ވޮލްނަޓިއަރ ކޮށްގެން މިވެކްސިން ޖެހުމަށް ބޭނުންވާ ފަރާތްތަކަށް އެސިޓީގެ ހޮސްޕިޓަލުގެ ނަރުހުން މިވެކްސިން ޖަހައިދެނީ 60 އެމެރިކާ ޑޮލަރަށެވެ.
ޔިވޫ ސިޓީގެ ސިއްޙީ އިދާރާތަކުން ހަމަޖައްސާފައިވާ ގޮތުގައި ވެކްސިން ޖެހުމަށް އަމިއްލައަށް އެދޭ ކޮންމެ ފަރާތަކަށްވެސް، 60 ޑޮލަރު ދެއްކުމަށްފަހު މިވެކްސިން ޖެހުމުގެ ފުރުސަތު އޮންނާނެއެވެ.
ކޯވިޑް ވެކްސިންގެ ތަހުލީލު ކުރުމުގެ މަރުހަލާގައި އާންމުނަށް މިވެކްސިންގ ޖެހުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޗައިނާގެ މައި ސަރުކާރުގެ އެހީގައި މިވެކްސިންގ ތައްޔާރުކުރަމުންދާ ފަރާތުން ހާމަކުރާ ގޮތުގައި އާންމުނަށް ހުޅުވާލައިގެން ކުރިޔަށް މިދަނީ ވެކްސިންގ ޓެސްޓު ކުރުމަށްޓަކާ ކުރިޔަށް ގެންދަންޖެހޭ ކްލިނިކަން ޓަރަޔަލްގެ ބައެކެވެ.
ކޯވިޑާއި ދެކޮޅަށް ދުނިޔޭގެ ގައުމުތަކުން ކުރަމުން އަންނަ ހަގުރާމާއިގައި އެންމެ ބޮޑު ކާމިޔާބެއް ހޯދާފައިވާ އެއްގައުމަކީ ޗައިނާއެވެ. މިއަހަރު ޖޫންމަހު ޗައިނާއިންވަނީ 20 މިލިއަން މީހުން ދިރިއުޅެމުންދާ އެގައުމުގެ ވެރިރަށް ބޭޖިންގެ ބޮޑު ސަރައްހައްދެއް ލޮކްޑައުންކޮށް، ފުޅާ ދާއިރާއެއްގައި ކޯވިޑަށް ޓެސްޓުކޮށް ބަލި ފެތުރުން ކޮންޓްރޯލް ކޮށްފައެވެ. ކޯވިޑް19 އެންމެ ފުރަތަމަ ދުނިޔޭގައި ފެތުރުރެންފެށީ ބޭޖިންގެ ސަރަހައްދެއްގެ ފުޑް މާރުކޭޓަކުންނެވެ. ޗައިނާގައި މިހާތަނަށް އައިއިރު 85578 މީހުން ކޮވިޑަށް ޕޮޒިޓިވްވެ، 4634 މީހުން ވަނީ މިބލީގައި މަރުވެފައެވެ.