ބޯޑަރު ހުޅުވި ފަހުން ލައްކަ އަކަށްވުރެ ގިނަ ފަތުރުވެރިންނަށް މަރުހަބާކީ މަހަކަށް މި މަސް!

ބޯޑަރު ހުޅުވި ފަހުން ލައްކަ އަކަށްވުރެ ގިނަ ފަތުރުވެރިންނަށް މަރުހަބާކީ މަހަކަށް މި މަސް!

ކޯވިޑް19ގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށް އަލުން ބޯޑަރު ހުޅުވާލިފަހުން ފާއިތުވެ މިދިޔަ ދުވަސްތަކުގެ ތެރެއިން މިމަހަކީ އެއް މަހެއްގައި ލައްކަ އަކަކަށްވުރެ ގިނަ ފަތުރުވެރިންނަށް ރާއްޖޭން މަރުހަބާކީ ފުރަތަމަ މަހެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބު ދައްކާގޮތުން އިއްޔެގެ ނިިޔަލަށް މިމަހު ރާއްޖެއަށް 103،219 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ އެވެ. މި ހިސާބުތަކަށް ބަލާލާއިރު އެވްރެޖް ގޮތެއްގައި ރާއްޖެއަށް މިމަހު ދުވާލަކު 3،559 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން ޖުމްލަ އެއްލައްކަ ފަތުރުވެރިން ގެންނައުމަށްވެސް ގާތްގަނޑަކަށް 5 މަސްދުވަސް ނެގިއެވެ. އެހެންނަމަވެސް މިދިޔަ ޑިސެމްބަރު މަހުން ފެށިގެން ކޮންމެ މަހަކުވެސް ލައްކައަކާ ގާތްކުރާވަރަށް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރަމުން ގެންދިޔަ އެވެ.

މިމަހުގެ މިހާތަނަށް ރާއްޖެއަށް ލައްކަ އަކަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވާއިރު މިއަހަރުގެ މިހާތަނަށް ރާއްޖެއައި ފަތުރުވެރިންގެ އަދަދުވެސް މިހާރު ވަނީ 3 ލައްކަ އާ ގާތްކޮށްފައެވެ. އެގޮތުން އިއްޔެގެ ނިޔަލަށް މިއަހަރު 292،204 ފަތުރުވެރިން ރާއްޖެ އައިސްފައި ވެއެވެ. އެއީ ޖަނަވަރީ މަހު ރާއްޖެ އައި 92،103 ފަތުރުވެރިންނާއި މިދި މަހު އައި 96،882 ފަތުރުވެރިންނާއި މިމަހުގެ މިހާތަނަށް އައި ފަތުރުވެރިންގެ އަދަދު ހިމަނައިގެންނެވެ.

ފަތުރުވެރިން ރާއްޖެ އަންނަ އަދަދުތަށް މިހެން ހުރިއިރު، މިއަހަރުގެ މިހާތަނަށް އެއްދުވަހު އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައީވެސް ފާއިތުވެދިޔަ ހަފްތާ ބަންދުގައެވެ. އެގޮތުން ހުކުރު ދުވަހު 5،516 ފަތުރުވެރިން، ހޮނިހިރު ދުވަހު 5،109 ފަތުރުވެރިން އަދި އާދީއްތަ ދުވަހު 5،168 ފަތުރުވެރިންނަށް ރާއްޖޭން ވަނީ މަރުހަބާ ކިޔާފައެވެ.

ބޯޑަރު ހުޅުވާލުމުން ރައްޖެއައި ފުރަތަމަ ފަތުރުވެރިން – ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

ރާއްޖެއަށް މިއަހަރު މިހާތަނަށް އައި ފަތުރުވެރިންގެ23.4 އިންސައްތަ ހިއްސާކުރަނީ އިންޑިއާގެ ފަތުރުވެރިންނެވެ. އަދި21.4 އިންސައްތަ ހިއްސާކުރަނީ ރަޝިއާއަށް ނިސްބަތްވާ ފަތުރުވެރިންނެވެ.

ޓޫރިޒަމް މިނިސްޓްރީން ލަފާކޮށްފައިވަނީ މި އަހަރު 1.5 މިލިއަން ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށެވެ. އަދި މި އަމާޒަށް ވާސިލްވެވޭނެ ކަމުގެ ވަރަށްބޮޑު ޔަގީންކަމެއް އޮތް ކަމަށްވެސް އެމިނިސްޓްރީން ވަނީ ބުނެފައެވެ. އެހެންކަމަށް ވާނަމަ އެވްރެޖްކޮށް މަހަކު 1 ލައްކަ 25 ހާސް ފަތުރުވެރިން ރާއްޖެ ގެންނަންޖެހެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *