ބަނޫ އިސްރާއީލް މީހުން އުފައްދާ ޒާތުގެ ސުވާލު ނުއުފެއްދުމަށް ވިދާޅުވެ ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީ، އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފަށް ރައްދު ދެއްވައިފިއެވެ.
ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީ ރައްދު ދެއްވާއި މިވަނީ، ޤާނޫނު އަސާސީން ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ އެތަކެއް ހައްގުތަކަކާއި، އިންތިޚާބުތަކާއި ބެހޭ ޤާނޫނުން ކަށަވަރުކުރާ އެތަކެއް ހައްގެއް ނިގުޅައިގަތުމަށްފަހު ބާއްވާ އިންތިޚާބެއް ދުސްތޫރީގޮތުން ޞައްޙަ ނުވާނެކަމުގައި ވިދާޅުވުމުން، އެ ވާހަކަފުޅަށް އިޝަރާތްކުރައްވާ އީސީ ޝަރީފް ކުރެއްވި ސުވާލެ އަމާޒުކުރެއްވުމުންނެވެ. ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވީ ޞިއްހީ ކުއްލި ހާލަތާއިއެކު ލޯކަލް ކައުންސިލް އިންތިޚާބު 1 އަހަރުގެ މުއްދަތަށް ލަސްކުރުމަށް ފާސްކުރެވުނު ޢައިރު ދުސްތޫރީ ވަޤުތީ ޤާނޫނުން އިންތިޚާބު ފަސްކުރެވުނު މުއްދަތުގެ ތެރޭގައި18 އަހަރު ފުރި ވޯޓު ލުމުގެ ހައްގު ލިބިދޭ މީހުންނަށް އެހައްގު ވަނީ ނުގުޅައިގެންފައިކަމަށެވެ. މިއީ ޤާނޫނީ ގޮތުން ބޮޑެތި ސުވާލު އުފެދޭ ޤާނޫނު އަސާސީއާއި ކަނޑައެޅިގެން ތަޢާރަޒުވާ ކަންކަމަށް ވާއިރު މިހާލަތުގައި ބޭއްވޭ އިންތިޚާބެއް ސައްޚަވާނެ ގޮތެއް ނޯންނާނެކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
ޑރ.ދީދީގެ އެވާހަކަފުޅަށް އިޝާރާތްކުރައްވާ އީސީގެ ރައީސް ޝަރީފް ވަނީ ވޯޓުލާ ދުވަހާއި ހަމައަށް 18 އަހަރު ފުރޭ މީހުންނަށް ކުރިމަތިލުމަށް ފުރުޞަތު ދެވިފައިވަނީ މިހާތަނަށް ކޮން އިންތިޚާބެއްގައިތޯ ސުވާލުކުރައްވާފައެވެ. ޝަރީފް ވިދާޅުވީ، ކޮންމެ އިންތިޚާބެއްގަވެސް ފުރުޞަތު ދެނީ، އިންތިޚާބަށް ކުރުމަތިލުމަށް ހުޅުވާލެވޭ މުއްދަތުގަ އުމުރު ހަމަވާ ފަރާތްތަކަށް ކަމަށެވެ.
ޝަރީފްގެ އެވާހަކަފުޅަށް ރައްދު ދެއްވަމުން ޑރ.ދީދީ ވަނީ، ބަނޫއިސްރާއީލް މީހުން އުފައްދާ ޒާތުގެ ސުވާލު ނުއުފައްދަވާ އިލެކްޝަންސް ކޮމިޝަނުގެ ދުސްތޫރީ މަސްއޫލިއްޔަތު ފުރިހަމަގޮތުގައި އަދާކުރެއްވުން ރަނގަޅުވާނެކަމަށް ވިދާޅުވެފައެވެ. އަދި ދިމާވި “ނެސެސިޓީ” ގެ ޙާލަތެއްގެ ސަބަބުން އިންތިޚާބު 1 އަހަރުގެ މުއްދަތަށް ވުރެ ބޮޑަށް ފަސްކުރެވިގެންދިޔަ އިރު، އިންތިޚާބަށް ކުރިމަތިލުމަށް އަލުން ހުޅުވާލުމަކާ ނުލައި، އަދި ވޯޓުލާ މީހުންގެ ލިސްޓް އަޕްޑޭޓް ކުރުމަކާ ނުލައި ޤާނޫނުއަސާސީން ލާޒިމްކުރާ އިންޞާފުވެރި އިންތިޚާބެއް ބޭއްވިދާނެތޯވެސް ޑރ.ދީދީ ސުވާލު ކުރެއްވިއެވެ.
އިންތިޚާބަށް ކުރިމަތިލުމަށް އަލުން ހުޅުވާލުމަކާ ނުލައި، އަދި ވޯޓުލާ މީހުންގެ ލިސްޓް އަޕްޑޭޓް ކުރުމަކާ ނުލައި ޤާނޫނުއަސާސީން ލާޒިމްކުރާ އިންޞާފުވެރި އިންތިޚާބެއް ބޭއްވިދާނެތޯ؟!
— Dr. Ahmed Abdulla Didi (@AABDULLADIDI) March 27, 2021
އަންނަ އޭޕްރީލް މަހުގެ10 ވަނަ ދުވަހު ބާއްވާ އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ޖުމްލަ 3،934 ކެނޑިޑޭޓުން ވާދަކުރެއެވެ. އެ އިންތިޚާބުގައި 272،480 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.
ކޮމެންޓު ފޮނުވާ