ސަރީފްގެ ސުވާލެއް: ކޮން އިންތިޚާބެއްގަތޯ ވޯޓުލާ ދުވަހާއިހަމައަށް 18 އަހަރު ފުރޭ މީހުންނަށް ކުރިމަތިލެވުނީ؟

ސަރީފްގެ ސުވާލެއް: ކޮން އިންތިޚާބެއްގަތޯ ވޯޓުލާ ދުވަހާއިހަމައަށް 18 އަހަރު ފުރޭ މީހުންނަށް ކުރިމަތިލެވުނީ؟

Author
މުޙައްމަދު ޖިމީ
27 މާރޗް 2021 01:03
0

މިހާތަނަށް ރާއްޖޭގައި ބޭއްވި ކޮންމެ އިންތިޚާބަކަށްވެސް ކުރިމަތިލުމުގެ ފުރުޞަތު ދީފައިވަނީ އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލެވޭ މުއްދަތަށް ޢުމުރު ހަމަވާ މީހުންނަށްކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޤާނޫނު އަސާސީން ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ އެތަކެއް ހައްގުތަކަކާއި، އިންތިޚާބުތަކާއި ބެހޭ ޤާނޫނުން ކަށަވަރުކުރާ އެތަކެއް ހައްގެއް ނިގުޅައިގަތުމަށްފަހު ބާއްވާ އިންތިޚާބެއް ދުސްތޫރީގޮތުން ޞައްޙަ ނުވާނެކަމުގައި ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު ޢަބްދުﷲ ދީދީ ވިދާޅުވުމާއި ގުޅިގެން، އީސީގެ ރައީސް ޝަރީފް ވަނީ ވޯޓުލާ ދުވަހާއި ހަމައަށް 18 އަހަރު ފުރޭ މީހުންނަށް ކުރިމަތިލުމަށް ފުރުޞަތު ދެވިފައިވަނީ މިހާތަނަށް ކޮން އިންތިޚާބެއްގައިތޯ ސުވާލުކުރައްވާފައެވެ. ޝަރީފް ވިދާޅުވީ، ކޮންމެ އިންތިޚާބެއްގަވެސް ފުރުޞަތު ދެނީ، އިންތިޚާބަށް ކުރުމަތިލުމަށް ހުޅުވާލެވޭ މުއްދަތުގަ އުމުރު ހަމަވާ ފަރާތްތަކަށް ކަމަށެވެ.

މިހާތަނަށް ރާއްޖޭގައި ބޭއްވުނު ކޮން އިންތިޚާބެއްގައިތޯ ވޯޓުލާ ދުވަހާއި ހަމައަށް 18 އަހަރު ފުރޭ މީހުންނަށް ކުރިމަތިލެވޭ ގޮތަށް އޮތީ؟ ކޮންމެ އިންތިޚާބެއްގަވެސް ކުރުމަތިލުމަށް ހުޅުވާލެވޭ މުއްދަތުގަ އުމުރު ހަމަވާ ފަރާތްތަކަށް ކުރިމަތިލެވޭނީ.

– އީސީގެ ރައީސް އަޙްމަދު ޝަރީފް

އަންނަ މަހުގެ 10 ވަނަ ދުވަހު ކައުންސިލް އިންތިޚާބު ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން މަސައްކަތް ކުރަމުންދާއިރު، ރާއްޖޭގައި އިއުލާންކޮށްފައިވާ އާންމު ޞިއްޚަތުގެ ކުއްލި ނުރައްކަލާއިއެކު ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ އެތަކެއް ހައްގުތަކެއް ނިގުޅައި ގެނަވިފައިވާކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވެފައިވެއެވެ. މިހާލަތުގައި ކައުންސިލް އިންތިޚާބު ބާއްވާއިރު، ޤާނޫނު އަސާސީން ލިބިދޭ ހައްގުތައް އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށާއި، ޕާޓީތަކަށާއި، އަދި ވޯޓުލުމަށް ޤާނޫނު އަަސާސީން ކަށަވަރުކޮށްދޭ ހައްގުތައްވެސް، ކަށަވަރުކޮށްދޭން ޖެހޭކަމަށް ޑރ.އަބްދުﷲ ދީދީ ވިދާޅުވިއެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވީ ޞިއްޚީ ކުއްލި ހާލަތާއިއެކު ލޯކަލް ކައުންސިލް އިންތިޚާބު 1 އަހަރުގެ މުއްދަތަށް ލަސްކުރުމަށް ފާސްކުރެވުނު ޢައިރު ދުސްތޫރީ ވަޤުތީ ޤާނޫނުން އިންތިޚާބު ފަސްކުރެވުނު މުއްދަތުގެ ތެރޭގައި18 އަހަރު ފުރި ވޯޓު ލުމުގެ ހައްގު ލިބިދޭ މީހުންނަށް އެހައްގު ވަނީ ނުގުޅައިގެންފައިކަމަށެވެ. މިއީ ޤާނޫނީ ގޮތުން ބޮޑެތި ސުވާލު އުފެދޭ ޤާނޫނު އަސާސީއާއި ކަނޑައެޅިގެން ތަޢާރަޒުވާ ކަންކަމަށް ވާއިރު މިހާލަތުގައި ބޭއްވޭ އިންތިޚާބެއް ސައްޚަވާނެ ގޮތެއް ނޯންނާނެކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.