ހައްޔަރުކުރަންވީ މުޒާހަރާކުރި މީހުންނެއް ނޫން، ރޭޕިސްޓުންނާއި ފެއިލްވެފައިވާ ވެރިން

ހައްޔަރުކުރަންވީ މުޒާހަރާކުރި މީހުންނެއް ނޫން، ރޭޕިސްޓުންނާއި ފެއިލްވެފައިވާ ވެރިން

Author
މުޙައްމަދު ޖިމީ
27 މާރޗް 2021 10:43
0

ރ.މަޑުއްވަރީގައި 14 އަހަރުގެ އަންހެންކުއްޖަކު ރޭޕްކޮށްފައިވާ މައްސަލަ ހިންދާލުމަށް މަސައްކަތްކުރކަމަށް ތުހުމަތުކުރެވޭތީ، އެ މައްސަލާގައި މުޒާހަރާކޮށްގެން ހައްޔަރުކުރި ޢާންމުން ދޫކޮށްލުމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު ގޮވާލައްވައިފިއެވެ.

މަޑުއްވަރީގައި ކުޑަ އަންހެން ކުއްޖެއް ރޭޕްކުރިކަމުގެ ތުހުމަތު ފުލުހަކަށާއި، ޓީޗަރެއްގެ އިތުރުން އިތުރު ބަޔަކަށްވެސް ކުރެއެވެ. ނަމަވެސް ރޭޕްކުރިކަމުގެ ތުހުމަތުގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުނުކޮށް، ފުލުހުން ވަނީ، އެރަށުގައި ހިނގި މުޒާހަރާގެ ތެރެއިން 10 މީހަކު ހައްޔަރުކޮށްފައެވެ.

އެކަމާއި ގުޅިގެން މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވަނީ އެ އެންމެން ދޫކޮށްލުމަށް ގޮވާލައްވާފައެވެ. އަދި ހައްޔަރުކުރަންވީ އެކަމާއި ގުޅޭގޮތުން އަޑު އުފުލާ މީހުން ނޫންކަމަށާއި، ހައްޔަރުކުރަންވީ ނުވަތަ ބަންދުކުރަންވީ ރޭޕިސްޓުންނާއި، ފެއިލްވެފައިވާ މުއައްސަސާގެ ވެރިންކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ރޭޕް ކޭސް ހިންދާލަން މަސައްކަތްކުރާކަމަށް ތުހުމަތުކުރެވޭތީ، މުޒާހަރާ ކުރަން ނިކުތް މީހުންގެ ތެރެއިން ހައްޔަރުކޮށްފައިވާ ޢާންމުންގެ ހުރިހާ އެންމެން ވަގުތުން ދޫކޮށްލުމަށް ގޮވާލަން. ބަންދު ކުރަންވީ ރޭޕިސްޓްސް! ފިޔަވަޅު އަޅަންވީ ފެއިލްވެފައިވާ މުއައްސަސާތަކުގެ ވެރިންނަށް! ޢާންމުންނެއް ނޫން!

– މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް

މަޑުއްވަރީގައި ޢުމުރުން14 އަހަރުގެ ކުއްޖަކު ރޭޕް ކުރި ކަމަށް ބުނާ މައްސަލައެއްގައި މަޑުއްވަރީގެ މަސްލަހަތު ގެއްލި، އެރަށުގެ ރައްޔިތުން އަންނަނީ އެކަން ކުރި މީހުން ހައްޔަރުކުރުމަށް ގޮވާލަމުންނެވެ. ނަމަވެސް މިހާތަނަށް އެކަން ކުރި މީހަކު ހައްޔަރުކޮށްފައި ނުވާތީ ފުލުހުންނާއި ސަރުކާރަށް ބޮޑެތި ފާޑުކިއުންތަކެއް ވަނީ އަމާޒުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.