ފުލުހުންގެ އިދާރީ އޮނިގަނޑަށް ބަދަލު ގެނެސް ފުލުހުންގެ ރޭނކުގެ އަދަދު 15 އިން 11 އަށް ދަށްކުރުމަށް ނިންމައިފިއެވެ.
މިބަދަލު ގެނައުމަށް ނިންމީ ދާދި ފަހުން ޢަމަލުކުރަން ފެށި ފުލުހުންގެ ޚިދުމަތުގެ އައު ޤާނޫނުގެ ދަށުންނެވެ. އެ ޤާނޫނު މަޖިލީހުން ފާސްކުރީ 27 ޑިސެމްބަރު 2020 ވަނަ ދުވަހުއެވެ. އަދި އެ ޤާނޫނަށް މާދަމާއިން ފެށިގެން ޢަމަލުކުރަން ފަށާނެއެވެ.
ފުލުހުން ބުނީ ރައީސުލްޖުމުހުރިއްޔާ ތަސްދީގުކުރެއްވި ދިވެހި ފުލުހުންގެ ޚިދުމަތުގެ ގާނޫނު (34/2020) އަށް 27 މާރޗު 2021 ގައި އަމަލުކުރަން ފެށުމުން މިހާރު ބޭނުންކުރާ ބައެއް ރޭންކުތައް އުވިގެންދާނެކަމަށެވެ. އަދި އާގާނޫނުގައި ބަޔާންކުރާ ރޭންކުތަކަށް މުވައްޒަފުން ކަނޑައެޅުމުގެ އިދާރީ މަސައްކަތް ކުރެވެމުންދާކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، މިހާރު ބޭނުންކުރާ 15 ރޭންކުގެ ބަދަލުގައި އައު ގާނޫނުގައި ކަނޑައެޅިފައިވަނީ 11 ރޭންކުކަމަށެވެ. މިބަދަލާއިއެކު ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އިން ފެށިގެން ދަށުގެ ރޭންކުތަކަށް ގްރޭޑް ކަނޑައެޅުމަށްވެސް ޤާނޫނު ލާޒިމުމުރެއެވެ. ފުލުހުން ބުނީ މިހާރު ކުރެވެމުންދަނީ ރޭންކުތަކާއި ގްރޭޑްތަކަށް މުވައްޒަފުން ކަނޑައެޅުމުގެ މަސައްކަތްކަމަށެވެ. އަދި އައު ޤާނޫނާއި ގުޅިގެން އަންނަ އިތުރު ބަދަލުތަކުގެ މައުލޫމާތު ކުރިއަށް ދުވަސްތަކުގައި މީޑިއާތަކާއި ހިއްސާކުރަމުން ގެންދާނެކަމަށް ފުލުހުން ބުންޏެވެ.
އައު ޤާނޫނުގެ ދަށުން ފުލުހުން އަލުން ހުވާކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓު ފޮނުވާ