ރ.މަޑުއްވަރީގައި 14 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލަ، މަޖިލީހުގެ ކަމާބެހޭ ކޮމިޓީތަކަށް ހުށަހަޅުއްވައިގެން ބައްލަވައިދެއްވުމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް ހުށައަޅުއްވައިފިއެވެ.
މަޖިލީހުގެ ރައީސްއަށް އާދަމްޝަރީފް ފޮނުއްވެވި ސިޓީގައި ވިދާޅުވެފައިވަނީ، މާލެއިން އުތުރުގެ ރަށެއްގައި 14 އަހަރުގެ އަންހެން ކުއްޖަކު، މިހިނގާ މާރިޗު މަހުގެ ފުރަތަމަ ހަފުތާގެތެރޭގައި އޭނާ ކިޔަވާ ސްކޫލް ކައިރީގައި ހުންނަ ގެސްޓްހައުސް އަކަށް ބަޔަކު ވައްދައި، މަރާލާނެކަމުގެ ބިރު ދައްކައި، ރޭޕްކޮށްފައިވާކަމަށް ކަމާބެހޭ ފަރާތްތަކަށް ކިޔައިދީފައިވާކަމަށް އިތުބާރުހުރި މަސްދަރަކުން މަޢުުލޫމާތު ލިބިފައިވާކަމަށެވެ. މިޙާދިޘާ ހިނގިތާ ގިނަ ދުވަސް ވީއިރުވެސް، އަދި ދަރިވަރުގެ ދުލުން މިވާހަކަތައް ކިޔައިދީފައިވާއިރުވެސް، ރޭޕްކުރިކަމަށް ތުހުމަތުކުރެވޭ މީހުން ސުވާލުކޮށްލަންވެސް ޙާޟިރުކޮށްފައި ނުވުމަކީ އަނިޔާ ލިބުނު މަޢުޞޫމު ކުއްޖާއަށް އިންޞާފު ލިބޭނެކަމާމެދު ސުވާލު އުފެދޭ ކަމެއްކަމަށް އާދަމް ޝަރީފް ހުށައެޅުއްވި މައްސަލާގައިވެއެވެ. އަދި މިއީ، ކަމާބެހޭ މުއައްސަސާތަކުން ޤާނޫނީ ފިޔަވަޅު އެޅުމަށް ފަސްޖެހެމުންދާކަން ދޭހަވާ، އަދި އަންހެނުންނަށް
ރޭޕް ކުރުންފަދަ ސީރިއަސް މައްސަލަތަކާމެދު އެއްވެސް ވަރެއްގެ ސަމާލުކަން ނުދޭކަން ދޭހަވާ ކަމެއްކަމަށްވެސް ވިދާޅުވެފައިވެއެވެ.
ކަންމިހެން އޮތުމާއެކު، އަނިޔާ ލިބުނު މަޢުޞޫމު ކުއްޖާގެ ރަށުގެ ރައްޔިތުން މިކަމުގެ ކަންބޮޑުވުން ފާޅުކުރުމަށް މުޒާހަރާ ކުރުމުން، އެ މުޒާހަރާކުރި މީހުންގެ ތެރެއިން 11 މީހުން މިހާތަނަށް ހައްޔަރުކޮށްފައިވާކަން ފާހަގަ ކުރަމެވެ. އަދި އަނިޔާ ލިބުނު މަޢުޞޫމު ކުއްޖާއަށް އިންޞާފު ނުލިބި، މުޖުރިމުން މިނިވަންކަމާއެކު ދޫވެފައި ތިބުމުން މުޅި މުޖުތަމަޢުގެ މަޞްލަޙަތު ގެއްލެމުންދާކަން ފާހަގަ ކުރަމެވެ. ވީމާ، އިސްވެ ދެންނެވި 14 އަހަރުގެ އަންހެން ކުއްޖާ، ކަމާބެހޭ ފަރާތްތަކަށް ޙާދިޘާ ކިޔައިދީފައިވާތީވެ، ރޭޕް ކުރި މައްސަލަ، ވީއެންމެ އަވަހަކަށް ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީތަކަށް ހުށަހަޅުއްވައިގެން ބައްލަވައިދެއްވުން އެދެމެވެ. އަދި މިޙާދިޘާއާ ގުޅިގެން އެރަށުގެ މަސްރަޙު އިތުރަށް ގޯސް ނުވާނެގޮތަކަށް އަމަލު ކުރެއްވުމަށް ސަރުކާރުން ރާއްވަވާފައިވާގޮތެއް ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ މެދުވެރިކޮށް ވީއެންމެ އަވަހަކަށް ސާފުވާނެގޮތެއް ހައްދަވައިދެއްވުން އެދެމެވެ.
Mi massala serious massalaeh ge gothugai @MohamedNasheed nangavaanekamah yaqeen kuran adhi dhaulathuge muassasaa thakun rashuge masrahu hamayakah elhuvvumah masakkaiy kuravvaanekamah ummeedhu kuran @hrcmv , @PoliceMv https://t.co/SAzuzbYQrN pic.twitter.com/9XRLRzcSbd
— Adam Shareef Umar (@Adamshareefz) March 26, 2021
އާދަމް ޝަރީފް ވިދާޅުވީ، މިމައްސަލަ ސީރިއަސް ކަމެއްގެ ގޮތުގައި މަޖިލީހުގެ ރައީސް ބައްލަވައިދެއްވާނެކަމަށް ޔަޤީންކުރައްވާކަމަށެވެ. އަދި ދައުލަތުގެ މުއައްސަސާތަކުން ރަށުގެ މަސްރަޙު ހަމައަކަށް އެޅުވުމަށް މަސައްކަތްކުރައްވާނެކަމަށް އުއްމީދުކުރައްވާކަަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.
މަޑުއްވަރީގައި ޢުމުރުން14 އަހަރުގެ ކުއްޖަކު ރޭޕް ކުރި ކަމަށް ބުނާ މައްސަލައެއްގައި މަޑުއްވަރީގެ މަސްލަހަތު ގެއްލިފައި ވާއިރު، އެ މައްސަލައިގެ ތުހުމަތު ފުލުހަކަށާއި، ޓީޗަރެއްގެ އިތުރުން އިތުރު ބަޔަކަށްވެސް އެރަށު މީހުން ކުރެއެވެ. ރޭޕް ކުރުމުގެ ހާދިސާ ހިނގި ކަމަށް ބުނަނީ މިމަހުގެ 03 ވަނަ ދުވަހު އެވެ. ފުލުހުންނަށް މައްސަލަ ރިޕޯޓް ކޮށްފައި ވަނީ މިމަހުގެ 11 ވަނަ ދުވަހު އެވެ.
މަޑުއްވަރީގައި ކުރިއަށް ގެންދިޔަ އިހުތިޖާޖު ހޫނުވެ ޕޮލިސް ސްޓޭޝަނަށްވެސް ވަނީ ގެއްލުން ދީފައެވެ. އަދި މަޑުއްވަރީ ހަމަނުޖެހުމުގައި ދައުލަތުގެ މުދަލަށް ގެއްލުންދީ ފުލުހުންނަށް ހަމަލާދީފައިވާ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ