ފަރުޟު ރޯދައެއް ޤަޟާކުރަން އޮތްނަމަ އެރޯދައެއް ޤަޟާކުރުން އަވަސްކުރުމަށް ޚުޠުބާގައި ގޮވާލައްވައިފި

ފަރުޟު ރޯދައެއް ޤަޟާކުރަން އޮތްނަމަ އެރޯދައެއް ޤަޟާކުރުން އަވަސްކުރުމަށް ޚުޠުބާގައި ގޮވާލައްވައިފި

Author
މުޙައްމަދު ޖިމީ
26 މާރޗް 2021 12:54
0

ފަރުޟު ރޯދައެއް ޤަޟާކުރަން ޖެހިފައިވާނަމަ އަވަހަށް އެރޯދައެއް ޤަޟާކުރުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ގޮވާލައްވައިފިއެވެ. ރާއްޖޭގެ މިސްކިތްތަކުގައި މިއަދު ކުރި ހުކުރު ނަމާދުގެ ޚުޠުބާ ޚާއްޞަކޮށްފައިވަނީ ޝަޢުބާން މަހުގެ ފަނަރަ ވިލޭރެއާއި ދުވަހުގެ މާތްކަމުގެ މައްޗަށެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ދެއްވި ޚުޠުބާގައި ވަނީ، ރަމަޟާން މަހުން ފާއިތުވެފައިވާ ރޯދަތައް މި މަހު ޤަޝާ ކުރަން އަވަސްވެގަތުމަށް ގޮވާލައްވާފައެވެ. އަދި ޚުޠުބާގައި ވަނީ ޝަޢުބާންމަހުގެ ފުރަތަމަ ފަނަރަ ފާއިތުވެއްޖެ ނަމަ ސުއްނަތް ރޯދަހިފުން ހުއްޓައިލުމަށް ގޮވާލައްވާފައެވެ.

އެހެނީ ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައި ވަނީ "ޝައުބާން މަސް ދެބައި ވެއްޖެ ނަމަ ފަހެ ތިޔަބައިމީހުން ރޯދަ ނުހިފާހުށިކަމެވެ!" މި ޙަދީޘުން ދޭހަވަނީ ޢާންމުކޮށް ހިފަމުންދާ ސުއްނަތް ރޯދަ ފިޔަވައި، މި ދުވަސްތަކުގައި ސުއްނަތް ރޯދަ ނުހިފުމަށް އަމުރު ކުރެއްވިކަމެވެ. އެކަމަކު އޭނާއަކީ ފާއިތުވި ރަމަޟާންމަހުގެ ރޯދައެއް ޤަޟާ ކުރަން ޖެހިފައިވާ މީހަކު ނަމަ، ނުވަތަ ނަދުރު ރޯދައެއް ހިފަން ޖެހިފައިވާ މީހަކު ނަމަ، ނުވަތަ
އާދަކޮށް ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހާއި ބުރާސްފަތި ދުވަހު ރޯދަހިފުމަށް އާދަވެފައިވާ މީހަކު ނަމަ، ނުވަތަ އާދަކޮށް، ދެދުވަހުން އެއް ދުވަހު ރޯދަހިފާ މީހަކު ނަމަ، ޝަޢުބާން މަސް ދެބައިވުމުން ވެސް އެފަދަ ރޯދަ ހިފުން މަނާ ވެގެންނެއް ނުވެއެވެ.

ޝަޢުބާން މަހުގެ ފަނަރަ ވިލޭރޭގެ މާތްކަމާ ބެހޭގޮތުން ވާރިދުވެފައިވާ ޙަދީޘްތަކަކީ، އިތުބާރުހުރި ބޮޑެތި ޢިލްމުވެރިން ޤަބޫލު ނުކުރައްވައި، ރައްދު
ކުރައްވާފައިވާ ޙަދީސްތަކެއްކަމަށާއި، ޝަޢުބާން މަހުގެ ފަނަރަ ވިލޭރެއަށް ޚާއްޞަވެގެންވާ ނަމާދެއް، އަދި އެ ދުވަހު ހިފަން އަންގަވާފައިވާ ރޯދައެއް ވެސް ނެތްކަމަށްވެސް ޚުޠުބާގައި ހާމަކުރެއްވިއެވެ. އަދި އެ ދުވަހަށާއި އެ ރެއަށް ޚާއްޞަވެގެންވާ ވަކި ދުޢާއެއް ވެސް ނެތްކަމަށްވެސް ވިދާޅުވިއެވެ.

ޝަޢުބާން މަހުގައި ފާހަގަ ކުރެވޭ މުހިއްމު ކަމަކީ ހިޖުރައިން ދެވަނަ އަހަރު މުސްލިމުންގެ ޤިބުލަ އަލްމަސްޖިދުލް އަޤްޞާއިން އަލްމަސްޖިދުލް ޙަރާމަށް ބަދަލު ކުރެއްވުންކަމަށާއި، މިއީ ލޮބުވެތި ރަސޫލާގެ ވަރަށް ބޮޑު އުއްމީދުފުޅެއްކަމަށްވެސް ވިދާޅުވިއެވެ. އެއީ އެކަލޭގެފާނު، އިބްރާހީމުގެފާނުގެ ޤިބުލައަށް ކުރިމަތިފުޅު ލައްވަން ބޭނުންފުޅުވީތީކަމަށާއި، ﷲ ތަޢާލާއަށް އަށް އަދަބުވެރިވެ ވަޑައިގަތުމުގެ ގޮތުން ބަސްފުޅެއް ވިދާޅުނުވެ މައްޗަށް ބައްލަވަމުން ގެންދެވިކަމށްވެސް ޚުޠުބާގައި ވިދާޅުވިއެވެ. އެންމެ ފަހުން ﷲ ތަޢާލާ، ރަސޫލު ﷲ ގެ އުއްމީދު ޙާސިލުކޮށްދެއްވިކަމަށްވެސް ޙާމަކުރެއްވިއެވެ.

މާތް ﷲ ޤިބުލަ ބަދަލު ކުރެއްވުމުން، ޔަހޫދީން އެކަމާ ވަރަށް ރުޅި އައެވެ. މުޙައްމަދުގެފާނަކީ ކޮންމެ ދުވަހަކު އައު ޚިޔާލެއް ނެރުއްވާ ބޭކަލެކޭ ކިޔައި، ފާޑު ކިޔެވެ. އެމީހުން ދެއްކީ ކޮން ކަހަލަ ވާހަކައެއްތޯއެވެ؟ އެމީހުން ބުނީ ކުރީގެ ގޮތަކީ ބާޠިލު ގޮތެއްނަމަ ކުރިން ކުރި ހުރިހާ ނަމާދުތައް އެވަނީ ގެއްލި ގޮސްފަ ނޫންހެއްޔެވެ. ޙައްޤު ގޮތުގައި ނަމަ މިއަދު އެ ޙައްޤު ބަދަލު ކުރާނީ ކިހިނެއް ހެއްޔެވެ؟ މާތް ﷲ ޔަހޫދީންނަށް ރައްދު ދެއްވައި ވަޙީ ކުރެއްވިއެވެ. "ތިމަން ރަސްކަލާނގެ ނަސްޚު ކުރައްވައިފި އާޔަތެއް، ނުވަތަ ތިމަން ރަސްކަލާނގެ ހަނދުމަނައްތަވައިފި އާޔަތެއްގެ ބަދަލުގައި، އެއަށްވުރެ ހެޔޮ ނުވަތަ ހަމަ އެފަދަ އާޔަތެއް ތިމަން ރަސްކަލާނގެގެނެސްދެއްވާ ހުށިމެވެ. ހަމަކަށަވަރުން، ކޮންމެ ކަމެއްގެ މައްޗަށް ﷲ ކުޅަދުންވަންތަވެ ވޮޑިގެންވާކަން ކަލޭގެފާނު ދެނެވަޑައި ނުގަންނަވަމުތޯއެވެ؟" އޭރު މަދީނާގެ މުޖުތަމަޢުގައި ފާޑުފާޑުގެ ދޮގު ވާހަކަތައް ފަތުރާ މީހުންނާ ބެހޭގޮތުން ﷲ ވަޙީ ކުރެއްވި ބަސްފުޅެއްގެ މާނާގައި ވެއެވެ. "މީސްތަކުންގެ ތެރެއިން ހަމަބުއްދި ނުވާ މީހުން ބުނާނެތެވެ. އެއުރެން (އެބަހީ: މުސްލިމުން) އިހު ތިބި ޤިބްލަ ފިޔަވައި، އެހެން ފަރާތަކަށް އަނބުރައިލި ކޮން އެއްޗެއް ހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! އިރުމައްޗާއި ހުޅަނގު މިލްކުވެ ވޮޑިގެންވަނީ ﷲއަށެވެ. އެކަލާނގެ އިރާދަކުރައްވާ މީހަކަށް ސީދާވެގެންވާ ތެދުމަގަށް މަގުދައްކަވަތެވެ."

– ހުކުރު ޚުޠުބާ

ޚުޠުބާގައި ވަނީ  ވޭތުވެދިޔަ އަހަރުގެ ފަރްޟު ރޯދައެއް ޤަޟާކުރަން ޖެހިފައިވާ ނަމަ، އެ ރޯދަ އަވަހަށް ޤަޟާކުރުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވެވަޑައިގެންފައެވެ. ހީވާގިކަމާއެކު ރަމަޟާން މަހަށް އިސްތިޤުބާލުކުރަން ތައްޔާރުވުމަށާއި، ރަމަޟާން މަހުގެ އަޅުކަމަށް ވަގުތު ދެވޭ ގޮތަށް ވަގުތުތައް ރާވާލުމަށް ޚުޠުބާގައި އިރުޝާދު ދެއްވިއެވެ. އަދި ފިޠުރު ޒަކާތް ދެއްކުމަށް ނިޔަތް ގަނެ، އެ މަސް ނިމުމުގެ ކުރިން ފިޠުރު ޒަކާތް ދެއްކުމަށްވެސް ޚުޠުބާގައި ވަނީ ހަނދާންކޮށްދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.