ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގައި އާއްމު ހިއްސާދާރުން ތަމްސީލު ކުރާނެ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެސްޓީއޯގެ ހިންގާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން ޑިރެކްޓަރުންގެ ބޯޑަށް އާންމު ހިއްސާދާރުންގެ ފަރާތުން އިންތިހާބުކުރަނީ އެއް ޑިރެކްޓަރެވެ. އަދި ސަރުކާރުގެ ފަރާތުން އައްޔަންކުރާ 6 ޑިރެކްޓަރުން އެކުންފުނީގެ ބޯޑުގައި ތިބޭނެވެ.
އެސްޓީއޯގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލްކުރުމަށް ކުރިމަތިލެވޭނީ އެސްޓީއޯގެ ހިއްސާ އޮންނަ، އުމުރުން 30 އަހަރު ވެފައިވާ ދިވެއްސަކަށެވެ. އަދި ވިޔަފާރި އާއި ހިންގުމުގެ ދާއިރާ އިން އެކަށީގެންވާ ތައުލީމާއި ތަޖުރިބާ ލިބިފައިވާ ބޭފުޅުން އެ މަގާމަށް ކުރިމަތިލުމަށް އެސްޓީއޯއިން އެދެ އެވެ.
މި މަގާމަށް ކުރިމަތިލާން ޝައުގުވެރިވާ ހިއްސާދާރުން އަންނަ މަހުގެ 14 ގެ ކުރިން ފޯމު ހުށަހަޅަން ޖެހެ އެވެ. މި ފޯމު ހުށަހަޅަން ޖެހެނީ ކުންފުނީގެ ސެކްރެޓޭރިއޭޓަށް އެޑްރެސްކޮށް އޮންލައިން ޕޯޓަލް ނުވަތަ އީމެއިލް މެދުވެރިކޮށެވެ.
މި މަގާމަށް ކުރިމަތިލާ ހިއްސާދާރުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންނާ އެސްޓީއޯގެ ނޮމިނޭޝަން އެންޑް ރެމިއުނަރޭޝަން ކޮމިޓީން އިންޓަވިއު ކުރުމަށްފަހު އަހަރީ އާއްމު ޖަލްސާ އަށް ހުށަހަޅަން ހަމަޖެހިފައިވަނީ މި އިންޓަވިއު އިން ހޮވޭ ފަރާތްތަކުގެ ނަންތައް ކަމަށް އެކުންފުނިން ބުނެއެވެ.