އާންމުކޮށް ހުޅުވާލައިގެން މަޝްވަރާތައް ބޭއްވުމަށް، ރަޝިއާގެ ރައީސް ލަޑިމިރު ޕުޓިން އެމެރިކާގެ ރައީސް ޖޯ ބައިޑްންއަށް ދިން ދައުވަތަށް ބައިޑްން އިޖާބަ ދެއްވާފައި ނުވާތީ އެކަމާ ހިތާމަކުރާ ކަމަށް، ރަޝިއާ ސަރުކާރުން ބުނެފިއެވެ.
"ރަޝިއާއި އެމެރިކާގެ ގުޅުމުގައި މިހާރު އެޅިފައިވާ މަރު ތަޅުން ސަލާމަތް ވެވޭނެ ގޮތެއް އޮތްތޯ ބެލުމަށް އަދި ފުރުސަތު ވަނީ ހުޅުވާލެވިފައި،" ރަޝިއާގެ ޚާރިޖީ ވުޒާރާއިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވެއެވެ.
"ބަލައިގަތުމާއި ނުގަތުމުގެ ހުރިހާވެސް އިޚްތިޔާރެއް އޮތީ އެމެރިކާގެ ކިބައިގައި."
އެމެރިކާގެ ރައީސް މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި ރަޝިއާގެ ރައީސް ޕުޓިންއަކީ ގާތިލެއްކަމުގައި ވިދާޅުވެފައި ވަނިކޮށް، ފާއިތުވެދިޔަ ހަފްތާގައި، ޕުޓިން ވަނީ ވީޑިއޯ މެދުވެރިކޮށް ވާހަކަ ދެއްކުމަށް ބައިޑްންއަށް ދައުވަތު ދެއްވާފައެވެ.
ޕުޓިން ހުށަހަޅުއްވާފައިވަނީ، "އެއްވެސް ފޮރުވުމެއް ނެތި، އަދި މެދުވެރިއެއްވެސް ނެތި" ދެ ލީޑަރުން، ވަގުތުން ދުރަށް ދައްކާގޮތަށް، މި ހަފްތާގެ ހުކުރު ދުވަހު، ނުވަތަ ހޯމަދުވަހު މަޝްވަރާތައް ބޭއްވުމަށެވެ.
ބައިޑްން ހުކުރު ދުވަހު ވިދާޅުވެފައިވަނީ، ދެބޭފުޅުންގެ ވާހަކަތައް "ކޮންމެވެސް ދުވަހަކުން" ބާއްވާނެ ކަމުގައެވެ.
ފާއިތިވެދި ހަފްތާގެ އަންގާރަ ދުވަހުމ ABC ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި، ރަޝިއާގެ އިދިކޮޅު ލީޑަރު ނަވާލްނީ މަރާލުމުގެ މަގުސަދުގައި، އޭނާއަށް ވިހަދިން ކަމުގެ ތުހުމަތުވެސް ކުރެވިފައިވާ، ރަޝިއާގެ ރައީސަކީ ގާތިލެއް ކަމުގައި ގަބޫލު ކުރައްވަންތޯ ޕްރެސެންޓަރު ސުވާލު ކުރެއްވުމުން، ގަބޫލު ކުރައްވާ ކަމުގައި ބައިޑްން ވަނީ ވިދާޅުވެފައެވެ.
ބައިޑްންގެ މިވާހަކަ ފުޅަށް ރައްދު ދެއްވުމުގެ ގޮތުން، ޕުޓިންވަނީ، ޖެއްސުން ކުރުމުގެ ރާގަކުން، "ދެމީހުންނަށްވެސް އެކަކު އަނެކަކު ދެނެގަތުމަށް ފަގުތުކޮޅެއް ނަގާނެ" ކަމަށް ވިދާޅުވެ، އުމުރުފުޅުން 78 އަހަރުގެ ބައިޑްންއަށް ފުރިހަމަ ސިއްޙަތަކަށް އެދޭކަމަށް ވިދާޅުވެފައެވެ.
ބައިޑްގެ ވާހަތަކާ ގުޅިގެން، ފާއިތުވެ ދިޔަ އަހަރުތަކުގައި، ގޯސް ނުވާހާ މިންވަރަށް ރަޝިއާ އެމެރިކާގެ ގުޅުން ވަނީ ގޯސް ވެގެން ގޮސްފައެވެ.
އަދި ރަޝިއާއިން ވަނީ، ދެގައުމުގެ ގުޅުން އިތުރަށް ކުރިޔަށް ގެންދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށްޓަކާ، ވޮޝިންގޓަންގައި ހުންނަވާ އެގައުމުގެ ސަފީރު އަބުރާ ގައުމަށް ގެންދަވާފައެވެ. މިއީ ފާއިތުވެދިޔަ ކައިރި މާޒީއެއްގައި، މިދެގައުމުގެ ދެމެދުގައި ގާއިމްވެފައިވާ ޑިޕްލޮމެޓިކް ގުޅުމުގެ ތެރޭގައި ހިގާފައިވާ ކަމެއް ނޫނެވެ.