މަޝްހޫރު ބަޖެޓް އެއަރލައިން އެއަރ އޭޝިއާގެ ސިސްޓަރ ކޮމްޕެނީއެއް ކަމުގައިވާ 'އެއަ އޭޝިއާ އެކްސް' އިން ކުރަމުންއައި އިންޑޮނޭޝިއާ އޮޕަރޭޝަންތައް ހުއްޓާލާ އެކުންފުނީގެ އިންޑޮނޭޝިއާ ބްރާންޗް ލިކުއިޑޭޓް ކުރަން ނިންމައިފިއެވެ.
އެއަރ އޭޝިއާ އެކްސްއިން އިންޑޮނޭޝިއާ އޮޕަރޭޝަންތައް ހުއްޓާލުމަށް މިނިންމީ ކޯވިޑް19 ޕެންޑަމިކްގެ ސަބަބުން ދުނިޔޭގެ އެތަކެއް ބަޖެޓް އެއަރލައިންތަކެއް ހުއްޓުމަކަށް އައިސް މިއަހަރުގެ މާރޗު މަހުން ފެށިގެން ބޯޓުތަކަށް އުދުހެވޭގޮތް ނުވެފައި ވަނިކޮށެވެ. އެއަރ އޭޝިއާގެ ދުރު ދަތުރުތައް ކުރާ ކުންފުނި ކަމުގައިވާ އެއަރ އޭޝިޔާ އެކްސްގައި މައި ކުންފުނީގެ %49 ހިއްސާ އޮވެއެވެ.
ކުންފުނީގެ އިންޑަނޭޝީއާގެ އޮޕްރޭޝަންތައް ހުއްޓާލުމަށް ނިންމާފައި މިވަނީ، ކޯވިޑް19 ޕެންޑަމިކްގެ ސަބަބުން ދެއްކޭނެ ގޮތެއް ނެތިފައިވާ އެކުންފުނީގެ 6.3 ބިލިއަން ރިންގިޓް (1.5 ބިލިޔަން ޑޮލަރު)ގެ ދަރަނި ޚަލާސް ކުރުމަށްޓަކާ ކުންފުނި ރީ ސްޓަރްކްޗަރ ކުރަމުންދާ ދަނިޑިވަޅެއްގައެވެ. އެހެންނަމަވެސް ކުންފުނީގެ މިނިންމުމަށް އިންވެސްޓަރުންނާއި އަދި ކްރެޑިޓަރުންގެ ރުހުން ބޭނުންވާނެއެވެ.
ކުންފުންޏަށް ލޯން ދޫކޮށްފައިވާ ފަރާތްތަކާއެކީ މިހާތަނަށް ކުރެވުނު މަޝްވަތާތައް ދިޔައީ އުދަގޫކޮށް އެހާމެ ގޮންޖެހުން ބޮޑުކޮށްކަމަށް އެއަރލައިންގެ ޑެޕިއުޓީ ޗެއަރމަން ލިމް ކިއަން އޮން ވަނީ ވިދާޅުވެފައެވެ. މިގޮތުން ކުންފުންޏަށް ބަލައިގަންނަން ތަދި ހުށަހެޅުންތަކެއް މިހާތަނަށް ލޯން ދޫކޮށްފައިވާ ފަރާތްތަކުން ހުށަހަޅާފަ ވީނަމަވެސް، ދެފަރާތުން އެއްބަސްވާ ކަންތައްކެއްގެ މައްޗަށް އެއްބަސްވެ، ކުންފުނި ބަގުރޫޓުވުމުން ސަލާމަތްކުރުމަށް ހުރިހާ ފަތާތްތަކުންވެސް ބޭނުންވާ ކަމަށްވެސް އެނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި މީގެ މައިގަޑު ސަބަބކީ، ކުންފުނި ބަގުރޫޓުވުމުން އެއްވެސް ފަރާތަކަށް ހާސިލްވާނެ ފައިދާއެއް ނެތުމެވެ.
އެއަރލައިންގެ އިންޑޮނޭޝިއާ ބްރާންޗް ލިކުއިޑޭޓް ކުރިކަމުގައިވި ނަމަވެސް އެއަރލައިނުން މަސައްކަތް ކުރަމުންދަނީ ގޮންޖެހުންތަކާއި އެކުނަމަވެސް، އެހެނިހެން އޮޕަރޭޝަންތައް އަންނަ އަހަރުގެ ފުރަތަމަ ކުއާޓާރގައި ފެށުމަށެވެ.
އެއަރއޭޝިއާ އެކްސް ބަގުރޫޓުވުމުން ސަލާމަތް ކުރުމަށްޓަކާ މިކުރެވޭ މަސައްކަތް ކާމިޔާބު ކުރެވިއްޖެނަމަ، ކުންފުނިން ހަދާފައިވާ އެހެން ހުރިހާ ކޮންޓްރެކްޓެއްވެސް އަލުން މުރާޖައާކޮށް، ކުންފުނީގެ މަސްލަހަތު ހިމެނޭ ހުރިހާ ވިޔާފާރިތަކަކަށްވެސް ފައިދާކުރާނެ ފަދައިން ވިޔަފާރި ކުރިޔަށް ގެންދިއުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ކުންފުނީގެ ޑެޕިއުޓީ ޗެއަރމަން ލިމް ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ