ބާރު މިނުން 7.2 މެގްނިޓުޑްގެ ބާރުގަދަ ބިންހެލުމެއް، ޖަޕާނުގެ އިރު އުތުރަށް އަތުވެއްޖެއެވެ.
މި ބިންހެލުން އައިސްފައިވަނީ، މިއަދު ހަވީރު ޖަޕާން ގަޑިން 6:09 ގައި، އެގައުމުގެ އިރު އުތުރުގައި އޮންނަ މިޔާގި ޕްރިފެކްޗަރގެ ހިމެނޭ ސަރަހައްދަށެވެ. މިއީ ވެރިކަން ކުރާ ސިޓީ ޓޯކިޔޯއާއި 54 ކިލޯ މީޓަރު ދުރުގައި އޮންނަ ސިޓީއެކެވެ. އަދި މި ބިންހެލުމުގެ އަސަރު، ޓޯކިޔޯ ސަރަހައްދަށް 4 މެގްނިޑިއުޓްގެ މިންގަޑުގައި ވަނީ ކޮށްފައެވެ.
މިޔާގީ ޕްރީފެކްޗަރ ސަރަހައްދަށް މިއައި ބިނެހެލުމާއި ގުޅިގެން، ޖަޕާންގެ މީޓިއޮރޮލިކަން އޭޖެންސީންވަނީ ސުނާމީގެ އިންޒާރުވެސް މިސަރަހައްދުގައި ނެރެފައެވެ. އަދި މި ސަރަހައްދުގައި ތިބި މީހުން ސަލާމަތީ ފިޔަވަޅެއްގެ ގޮތުން އުސްތަން އެރުމަށްވެސް ކަމާ ގުޅުންހުރި މުވައްސަސާތަކުން ވަނީ އިރުޝާދު ދީފައެވެ.
ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ޖަޕާނުގެ ގަޑިން 6:30ގައި ބިންހެލުން އައި ސަހައްދަށް 1 މީޓަރަށް އުސް ސުނާމީ އެއްވަނީ އަރާފައެވެ.
އަދި ކުރިހަރާ އާއި މިޔާގި ޕްރީފެކްޗަރ ހިމެނޭ ސަރަހައްދުގައި 200 ގެއަކުން ކަރަންޓު ކެޑިފައިވާއިރު، ޓޮހޮކު ބުލެޓް ޓްރެއިންގެ ޚިދުމަތްތައްވެސް މި ސަރަހައްދުގައި މެދުކަނޑާލާފައިވާކަމަށްވެސް ޖަޕާނުގެ ގައުމީ ޓީވީން ވަނީ ރިޕޯޓު ކޮށްފައެވެ.
މި ބިންހެލުމާއި ގުޅިގެން ޖަޕާނު ސަރުކާރުން މިހާރުވަނީ، ބޮޑުވަޒީރުގެ އޮފީހުގައި ކްރައިސިސް މެނޭޖެމަންޓް ސެންޓަރެއް ގާއިމް ކޮށްފައެވެ. އަދި، ސަރަހައްދީ ސަރުކާރުތަކާއި ގުޅިގެން، އޭޖެންސީތަކުންނާއި މިނިސްޓަރީތަކުން މި ބިންހެލުމުން ލިބުނު ގެއްލުންތައް މިހާރު ބަލަމުންދާ ކަމަށްވެސް ޖަޕާން ސަރުކާރުންވަނީ ބުނެފައެވެ.
މި ބިންހެލުން އައިސްފައި މިވަނީ، 2011 ވަނަ އަހަރު، 9 މެގްނިޓިއުޑްގެ ބާރުމިނުގައި ޖަޕާނަށް އައި، ގްރޭޓް އީސް ޖަޕާން ބިންހެލުމަށް 10 އަހަރު ފުރުނުތާ 9 ދުވަސް ފަހުންނެވެ. މި ބިންހެލުމުގެ ސަބަބުން، ބިންހެލުން އައި ސަރަހައްދަށް ސުނާމީއެއް އަރާ، އަދި އެ ސަރަހައްދުގެ ނިއުކުލިއަރ ޕްލާންޓަށް ގެއްލުންވެ، ނިއުކްލިއަރ ރޭޑިއޭޝަން ބޭރުވެ، 15،000 މީހުން މަރުވިއެވެ. އަދި އެ ބިންހެލުމަކީ ދުނިޔޭގެ ތާރީޚުގައި އައިސްފައިވާ 5 ވަނައަށް އެންމެ ބާރުގަދަ ބިންހެލުމެވެ.
ކޮމެންޓު ފޮނުވާ