މަޝްހޫރު ދީނީ އިލްމުވެރިއާ އަލް ސަބޫނީ އަވަހާރަ ވެއްޖެ

މަޝްހޫރު ދީނީ އިލްމުވެރިއާ އަލް ސަބޫނީ އަވަހާރަ ވެއްޖެ

Author
ހުސެއިން
19 މާރޗް 2021 08:19
0

ނުފޫޒުގަދަ އަދި މަޝްހޫރު ދީނީ އިލްމުވެރިއެއް ކަމުގައިވާ، ސީރިއާށް އުފަން، ޝެއިޚް މުހައްމަދު އަލީ އަލް-ސަބޫނީ އުމުރުފުޅުން 91 އަހަރުގައި އަވަހާރަ ވެއްޖެއެވެ. އަވަހާރަ ވެފައިވަނީ، ތުރުކީގެ ހުޅަނގު އުތުރުގެ ޕްރޮވިންސްއެއް ކަމުގައިވާ ޔަލޯވާގައެވެ.

ޝެއިޚް މުހައްމަދު އަލީ އަލް-ސަބޫނީ ބޮޑަށް މަޝްހޫރު ވެވަޑައިގެންފައިވަނީ، ދޭހަވާން ފަސޭހަކޮށް ގުރުއާން ތަފްސީކުރައްވާފައިވާ ޢިލްމުވެރިއެއްގެ ގޮތުގައެވެ.

ޝެއިޚް ސަބޫނީ އުފަންވެ ވަޑައިގަތީ ސީރިއާގެ ސިޓީއެއްކަމުގައިވާ އަލެއްޕޯއަށް، 1930 ވަނަ އަހަރުއެވެ. އަދި އެމަނިކްފާނުގެ ބައްޕާފުޅަކީވެސް އަލެއްޕޯގެ އޭރުގެ މަޝްހޫރު ދީނީ އިލްމުވެރިއެކެވެ.

ޝެއިޚް މުހައްމަދު އަލީ އަލް-ސަބޫނީ އެމަނިކްފާހުގެ ހަޔާތްޕުޅުގައި އެންމެ ފުރަތަމަ ތައުލީ ހާސިލް ކުރައްވާފައިވަނީ އަރަބި ބަހަށް ޚާއްސަ ވެވަޑައިގެންނެވެ. އަދި އެއަށްފަހު، ބައްޕާފުޅު ޝެއިޚް ޖަމީލްގެ ފަރާތްޕުޅުން ދީނީ ސައިންސްގެ ޢިލްމު އުގެނިވަޑައިގެންވިއެވެ.

އެމަނިކްފާނު ވަނީ، ޕްރައިމަރީ ސްކޫލުގައި ކިޔާވާ ވިދާޅުވަމުން ގުރުއާން ހިތުން ދަސްކުރައްވާފައެވެ. އަދި ވަރަށް ހަނގު އުމުރުފުޅުގައި މެދު މަދަރުސީ ތަޢުލީމުވެސް ފުރިހަމަ ކުރެއްވިއެވެ. އެއަށްފަހު ކިޔަވާ ވިދާޅުވެފައިވަނީ، ސީރިއާގެ ބައެއް މަޝްހޫރު ދީނީ އިލްމުވެރިންގެ އަރިހުގައެވެ.

ޝެއިޚް މުހައްމަދު އަލީ އަލް-ސަބޫނީގެ މުދައްރިސުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މަޝްހޫރު ބައެއް ދީނީ ޢިލްމުވެރިންގެ ތެރޭގައި، ޝެއިޚް މުހައްމަދު ނަޖީބު ސިރާޖުއްދުއްދީން، ޝެއިޚް އަހުމަދު އަލް-ޝަމާ، ޝެއިޚް މުހައްމަދު ސާއިދު އަލް-އިދުލިބީ، ޝެއިޚް މުހައްމަދު ރާޢިބު އަލް-ތައްބާޚުގެ އިތުރުން ޝެއިޚް މުހައްމަދު ނަޖީބު ޚަޔާތު ހިމެނިވަޑައި ގަންނަވައެވެ.

މީގެ އިތުރުން ތައުލީމު ހާސުލް ކުރެއްވުމަށްޓަކާ ޝެއިޚް މުހައްމަދު އަލީ އަލް-ސަބޫނީވަނީ އެތައް މިސްކިތެއްގައިވެސް ކިޔަވާ ވިދާޅުވެފައެވެ. އެހެންނަމަވެސް، އެމަނިކްފާނުގެ ރަސްމީ ތައުލީމު ހާސިލް ކުރައްވާފައިވަނީ ސަރުކާރުގެ ސްކޫލްތަކުގައެވެ. ޕްރައިމަރީ ތައުލީ ޙާސިލްކުރެއްވުމަށްފަހު، އެމިކްފާނު އެއްހަރުގެ މުއްދަތަކަށް މަދުރަސާ އަލް-ތިޖާރިއްޔާގައި ތައުލީމު ހާސިލް ކުރައްވާފައި ވެއެވެ. އެހެންނަމަވެސް، އެ މަދަރުސާގައި ދަރިވަރުންނަށް އިންޓަރެސްޓް (ރިބާ)ގެ މުއާމަލާތްތައް ކިޔަވާދެމުން ގެންދާތީ އެމަދުރަސާއިން ވަކިވެވަޑައިގަތެވެ. އެއަށްފަހު ގުޅިވަޑައިގަތީ، ސީރިއާގެ އަލެއްޕޯގައި ހުންނަ މަޝްހޫރު ޚަސްރަވިއްޔާ ސްކޫލް އޮފް ޝަރީޢާއެވެ.

މި މަދުރަސާއިން، އިސްލާމީ ތައުލީމު ހާސިލްކުރެއްވުމަށްފަހު ގްރޭޖުއޭޓް ވެވަޑައިގަތީ 1949 ގައެވެ. ގްރޭޖުއޭޓް ވެވަޑައިގަތުމާއެކު ސީރިއާގެ މިނިސްޓްރީ އޮފް އައުޤާފްގެ ފަރާތުން އެމަނިކްފާނު، މިސްރުގެ މަޝްހޫރު އަޒްހަރު ޔުނިވަރސިޓީން ދީނީގޮތުން މަތީ ތައުލީމު ހާސިލް ކުރުމަށް ފޮނުއްވިއެވެ. އެމަނިކްފާނު، އަޒުހަރު ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާއިން ގްރޭޖުއޭޓް ވެވަަޑައިގަތީ 1952 ވަނަ އަހަރުއެވެ.

ގްރޭޖުއޭޓް ވެވަޑައިގަތުމަށްފަހު، ސީރިއާގެ އަލެއްޕޯއަށް ވަޑައިގެން ތަފާތު އެތަކެއް ސްކޫލުތަކެއްގައި ދީނީ ތައުލީމު އުގަންނައި ދެއްވިއެވެ. އަދި އެއަށްފަހު، 28 އަހަރުގެ ދިގު މުއްދަތެއްގައި، މައްކާގައި ހުންނަ އުއްމު އަލް-ޤުރާ ޔުނިވަރސިޓީއާއި އަދި ކިންގ ފަހުދު ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އެޑިއުކޭޝަންގައި އުގަންނާ ދެއްވުމުގައި މަސައްކަތް ކުރައްވާފައި ވެއެވެ. މިގޮތުން، އިސްލާމް ދީނުގެ މިހާރުގެ ދީނީ ގިނަ އިލްމުވެރިން ވަނީ އެމަނިކްފާނުގެ އަރިހުން ދީނީ އިލްމު އުގެނި ވަޑައިގެންފައެވެ.

ފަހުން އެމަނިކްފާނު ވަނީ، މުސްލިމް ވާލްޑް ލީގުގެ އެޑްވައިޒަރެއްގެ ގޮތުން، އެ ލީގުގެ ކައުންސިލް ފޯރ ސައިންޓިފިކް ރިސާރޗް އިން ޤުރުއާން އެންޑް ސުންނަރގައިވެސް މަސައްކަތް ކުރައްވާފައެވެ. މި ކައުންސިލްގައި އަހަރުތަކެއް ވަންދެން މަަސައްކަތް ކުރައްވާފަ އަމިއްލައަށް ޚާއްސަ ވެވަޑައިގަތީ ޤުރުއާންގެ ތަފްސީރު ލިޔުއްވުމަށާއި އަދި ރިސާރޗްގެ މައްސައްކަތްތަކަށެވެ.

އެމަނިކްފާނު ވަނީ، ދުނިޔޭގެ އެތައް ބަހަކަށް ތަރުޖަމާކުރެވިފައިވާ، އިލްމީގޮތުން މުއްސަދި އެތަކެއް ފޮތްތަކެއްވެސް ލިޔުއްވާފައެވެ.

2007 ވަނަ އަހަރު، ދުބާއީ އިންޓަރނޭޝަނަލް ޤުރުއާން އެވާރޑްގެ އޯގަނައިޒިން ކޮމިޓީން ވަނީ، އިސްލާމީ އުއްމަތަށް ޝެއިޚް މުހައްމަދު އަލީ އަލް-ސަބޫނީ އަދާކޮށް ދެއްވާފައިވާ އަގުރި ޚިދުމަތްތައް ފާހަގަކޮށް، އިސްލާމީ އުއްމަތުގެ ޝަޚުސިއްޔަތުގެ ލަގަބު އެމަނިކްފާނަށް އަރުވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.