ދިވެހިރާއްޖޭގައި ހަރުކަށިފިކުރު ފެތުރުން ހުއްޓުވުމާއި ބެހޭގޮތުން ތަޢުލީމީ ދާއިރާ އަހުލުވެރިކުރުމަށްޓަކައި ހިންގާ ""ދަ ރޯލް އޮފް ސީނިއަރ އެޑިޔުކޭޓަރސް އިން އަ ކޮހީސިވް ކޮމިޔުނިޓީ" ވެބިނަރ މިއަދު ފަށައިފިއެވެ.
މި ވެބިނަރގެ މަޤްޞަދަކީ ތަޢުލީމީ ނިޒާމުގެ ތެރެއިން ހަރުކަށިފިކުރުގެ ނުރައްކަލުން ދުރުކުރެވޭނެ ގޮތްތައް ދެނެގަނެ، ތަހައްމަލުކުރުމުގެ އާދަ އަށަގެންނެވުމާއި، އަނެކުންގެ ޙައްޤުތަކަށް އިޚްތިރާމްކުރުގެ ޘަޤާފަތް އަށަގެންނެވުމެވެ. މިސިލްސިލާ ބައްދަލުވުން 2019 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދެވިފައި ވަނީ އަތޮޅުތަކަށް ގޮސް އެފަރާތްތަކާ އަމަލީގޮތުން މަޝްވަރާކުރެވިގެންނެވެ. ނަމަވެސް ކޯވިޑް19 ގެ ޙާލަތައް އަމާޒުކޮށް މި ބައްދަލުވުން ބޭއްވުނީ އޮންލައިން ކޮށެވެ.
ވެބިނަރ ފައްޓަވައިދެއްވުމުގެ ގޮތުން ވާހަކަފުޅު ދެއްކެވީ އެން.ސީ.ޓީ.ސީގެ ޑައިރެކްޓަރ ޖެނެރަލް ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރެވެ. ޑައިރެކްޓަރ ޖެނެރަލްގެ ވާހަކަފުޅުގައި ހަރުކަށި ފިކުރު ހުއްޓުވުމުގައި ސްކޫލްތަކުގެ އިސްވެރިންގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.
މި ވެބިނަރ އަކީ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަން އަދި ޔު.އެން.ޑީ.ޕީ މޯލްޑިވްސް ގުޅިގެން ތަޢުލީމީ ދާއިރާއަށް އަމާޒުކޮށް، ސްކޫލްތަކުގެ އިސްބޭފުޅުންނަށް ހިންގާ ޕްރޮގްރާމެކެވެ. މި ވެބިނަރގެ ސެޝަންތައް ނަންގަވައިދެއްވާނީ އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ވައިސް ޗާންސެލަރ – އެކެޑެމިކް އެފެއާރޒް ޑރ. ސައުދުﷲ ޢަލީއާއި ޔޫ.އެން.ޑީ.ޕީ މޯލްޑިވްސްގެ ކޮންސަލްޓަންޓް ރޮބަރޓް ޓެމްޕްލަރއެވެ. ދެދުވަހުގެ މުއްދަތަށް ހިންގޭ މި ވެބިނަރގައި ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާގެ އިސް ބޭފުޅުންގެ 200 ވުރެ ގިނަ ބޭފުޅުން ބައިވެރިވެވަޑައިގެންފައިވެއެވެ.
ތަޢުލީމީ ދައިރާގައި މަސައްކަތް ކުރައްވާ އިސްބޭފުޅުންނަށް އަމާޒުކޮށްގެން ހިންގާ މި ސިލްސިލާ މަސައްކަތު ބައްދަލުވުން، ވޭތުވެދިޔަ 2019 އަދި 2020 ތެރޭގައި "ގްރޭޓަރ މާލެ" ސަރަހައްދުގެ ސްކޫލްތަކާއި، އައްޑޫ ސިޓީގެ ސްކޫލްތަކާއި، ހުވަދުއަތޮޅުގެ ދެކުނުބުރީގެ ސްކޫލްތަކާއި އަދި ތިލަދުންމަތީ ދެކުނުބުރީގެ ސްކޫލްތަކުގެ އިތުރުން ހައްދުންމަތީގެ ސްކޫލްތަކުގައި މަސައްކަތްކުރައްވާ އިސްބޭފުޅުންނަށް ހިންގިފައިވެއެވެ.
ކޮމެންޓު ފޮނުވާ