ރާއްޖޭގެ 34 ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ކުރުމަށް އިންޑިޔާގެ ކުންފުޏަކާއި ހަވާލުކޮށްފިއެވެ.
ރާއްޖޭގެ ފަރާތުން މި ކޮންޓްރެކްޓުގައި ސޮއި ކޮށްފައިވަނީ ޕްލޭނިން މިނިސްޓްރީގެ ފަރާތުންނެވެ. މިމަސައްކަތް ހަވާލުކުރި އިންޑިޔާގެ 4 ކުންފުންޏަކ، ޖޭ.އެމް.ސީ ޕްރޮޖެކްޓްސް (އިންޑިއާ) ލިމިޓެޑް، އެސް.އެމް.ސީ އިންފްރާސްޓްރަކްޗާޒް ޕްރައިވެޓް ލިމިޓެޑް، ޓްރިވޭނީ އިންޖިނިއަރިން އެންޑް އިންޑަސްޓްރީޒް ލިމިޓެޑް އަދި ވިޝްވަރާޖް އެންވައަރޮމެންޓް ޕްރައިވެޓް ލިމިޓެޑެވެ. މި މަޝްރޫއުގެ ޓެންޑަރިން މަރުހަލާ ކުރިއަށް ގޮސްފައި ވަނީ ފިނޭންސް މިނިސްޓްރީންނެވެ.
މިއީ އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން-އޮފް-ކްރެޑިޓް ފެސިލިޓީތަކުގެ ދަށުން ރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ އުމްރާނީ ތަރައްގީގެ ބޮޑު 9 މަޝްރޫއުގެ ތެރެއިން ކޮންޓްރެކްޓް ހަވާލުކުރެވޭ ދެވަނަ މަޝްރޫއުއެވެ. އެގޮތުން އެންމެ ފުރަތަމަ ކޮންޓްރެކްޓް ހަވާލުކުރެވިފައިވަނީ އައްޑޫގެ މަގުތައް ތަރައްގީކޮށް ޑްރެއިންޖެ ސިސްޓަމްތައް ގާއިމްކުރުމަށް ކުރިއަށް ގެންދެވޭ މަޝްރޫއުގެއެވެ. މި ކޮންޓްރެކްޓްގައި ސޮއި ކުރެވިފައިވަނީ ފެބްރުއަރީ 21، 2021 ގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް. ޖެއިޝަންކަރް ދިވެހިރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރޭގައެވެ.

ރާއްޖޭގެ 34 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމްކުރުމުގެ މަޝްރޫއުއަކީ އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން-އޮފް-ކްރެޑިޓް ފެސިލިޓީތަކުގެ ދަށުން ރާއްޖޭގައި ހިންގޭ ބޮޑު 9 އުމްރާނީ ތަރައްގީގެ މަޝްރޫއު ތަކުގެ ތެރެއިން ޖިއޮގްރަފީގެ ގޮތުން އެންމެ ބޮޑަށް ފެތުރިފައިވާ މަޝްރޫއުއެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި މަޝްރޫއުއަށް ހޮވާފައިވާ 34 ރަށަކީ 16 އަތޮޅަކަށް ނިސްބަތްވާ ރަށްތަކެވެ. އެގޮތުން ހއ، ހދ، ށ، ނ، ޅ، ކ، އއ، އދ، ވ، މ، ފ، ދ، ތ، ލ، ގއ، އަދި ގދ އަތޮޅުގެ ރަށްތައް ހިމެނެއެވެ.

މި މަޝްރޫއު ފަންޑް ކުރެވޭނީ ޑިސެމްބަރ 2018 ގައި ރައީސް ޞާލިޙް އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރޭގައި އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. މި މަޝްރޫއުގެ މަސައްކަތް 2 އަހަރު ދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށް ލަފާކުރެވެއެވެ.
ކޮމެންޓު ފޮނުވާ