މިހާތަނަށް 12 ބިލިއަން ރުފިޔާގެ މަޝްރޫޢު ހިންގިފައިވޭ: އަމީރު

މިހާތަނަށް 12 ބިލިއަން ރުފިޔާގެ މަޝްރޫޢު ހިންގިފައިވޭ: އަމީރު

Author
މުޙައްމަދު ޝަޒައިމް
17 މާރޗް 2021 06:25
0

މިސަރުކާރުން މިހާތަނަށް 12 ބިލިއަން ރުފިޔާގެ މަޝްރޫޢު ވަނީ ކުރިއަށް ގެންގޮސްފައިވާކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

34 ރަށުގެ ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމު ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ ސަރުކާރުގެ މިވީ ދުވަސްތަކުގައި މިހާތަނަށް ބާރަ ބިލިޔަނަށްވުރެ ގިނަ ރުފިޔާގެ މަޝްރޫޢު ހިންގިފައިވާކަމަށެވެ. މިއީ މިވީ މުއްދަތުގައި ޚާއްސަކޮށް ކޯވިޑް-19 ގެ ގޮންޖެހުންތަކާއިއެކު ކުރެވުނު ވަރަށް މަތީ މިންވަރެއްގެ އަދަދެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

‏ނެޝަނަލް ޓެންޑަރ މެދުވެރިކޮށް މި ސަރުކާރުން މިހާތަނަށް 12 ބިލިއަން ރުފިޔާގެ މަޝްރޫޢުވަނީ ހަވާލުކޮށްފައި. މިއީ ކުރީ ސަރުކާރުން ހިންގާފައިވާ ތަރައްޤީގެ މަޝްރޫޢުތަކަށްވުރެ އެތައް ގުނައެއް އިތުރު އަދަދެއް.

– މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރު

34 ރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އިންޑޑިޔާގެ ޖޭ.އެމް.ސީ ޕްރޮޖެކްޓްސް ލިމިޓެޑް، އެސް.އެމް.ސީ އިންފްރާސްޓްރަކްޗާޒް ޕްރައިވެޓް ލިމިޓެޑް، ޓްރިވޭނީ އިންޖިނިއަރިން އެންޑް އިންޑަސްޓްރީޒް ލިމިޓެޑް އަދި ވިޝްވަރާޖް އެންވައަރޮމެންޓް ޕްރައިވެޓް ލިމިޓެޑް އާއިއެވެ. ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޕްލޭނިން މިނިސްޓްރީގެ ފަރާތުންނެވެ.

ރާއްޖޭގެ 34 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމްކުރުމުގެ މަޝްރޫއުއަކީ އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން-އޮފް-ކްރެޑިޓް ފެސިލިޓީތަކުގެ ދަށުން ރާއްޖޭގައި ހިންގޭ ބޮޑު 9 އުމްރާނީ ތަރައްގީގެ މަޝްރޫއު ތަކުގެ ތެރެއިން ޖިއޮގްރަފީގެ ގޮތުން އެންމެ ބޮޑަށް ފެތުރިފައިވާ މަޝްރޫއުއެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި މަޝްރޫއުއަށް ހޮވާފައިވާ 34 ރަށަކީ 16 އަތޮޅަކަށް ނިސްބަތްވާ ރަށްތަކެވެ. އެގޮތުން ހއ، ހދ، ށ، ނ، ޅ، ކ، އއ، އދ، ވ، މ، ފ، ދ، ތ، ލ، ގއ، އަދި ގދ އަތޮޅުގެ ރަށްތައް ހިމެނެއެވެ.

މެދުނުކެނޑޭނޭހެން، އަދި ރައްކާތެރިކޮށް ސާފު ފެނުގެ ސަޕްލައި މަގުފަހިކޮށްދޭނެ މި މަޝްރޫއުގެ ފައިދާ ސީދާ ގޮތުން 34 ރަށެއްގެ 35،000 ރައްޔިތުންނަށް ކުރާނެކަމަށް ލަފާކުރެވެއެވެ. އަދި ފެނުގެ ނިޒާމު ގާއިމްކުރެވުމުން، މި ރަށްތަކުގެ ފެނުގެ ނިޒާމު މެދުވެރިކޮށް ވަށައިގެންވާ ރަށްތަކާއި އަތޮޅުތަކަށް ހޫނު މޫސުމުގައި ފެނަށްޖެހޭ ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ. އެހެންކަމުން މި މަޝްރޫއުގެ ފައިދާ ނުސީދާކޮށް ގިނަ އަދަދެއްގެ ބަޔަކަށް ކުރާނެއެވެ. މި މަޝްރޫއުއަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގެ 5 އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ކޮންމެ ރަށެއްގައި ސާފު ފެނާއި ނަރުދަމާގެ ނިޒާމެއް ގާއިމްކޮށްދިނުމަށް ވެފައިވާ ވައުދާއި ގުޅިފައިވާ މަޝްރޫއުއެކެވެ. އަދި 16 އަތޮޅެއްގެ މައްޗަށް ބެހިފައިވާ މި މަޝްރޫއުގެ ސަބަބުން ދިވެހި ސަރުކާރުން ލާމަރުކަޒީ ނިޒާމެއް ގާއިމްކުރުމަށްޓަކައި ކުރަމުންގެންދާ މަސައްކަތް އިތުރަށް ފުރިހަމަ ވެގެންދާނެއެވެ.

34 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ މަޝްރޫއުގެ ކޮންޓްރެކްޓް ހަވާލުކުރުމުގެ ރަސްމިއްޔާތު މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މުޙައްމަދު އަސްލަމް، މިނިސްޓަރ އޮފް ފިނޭންސް އިބްރާހިމް އަމީރު، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ މަލްޓިލެޓަރަލް ސެކްރެޓަރީ ޑރ. ހާލާ ހަމީދު، އަދި އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑެޕިއުޓީ ހައި ކޮމިޝަނަރ އޮފް ބައިވެރިވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ބ ބިރުބޮޑު
ތިޔަމަޝްރޫއު ތަކަކީ ޔާމީނުސަރުކާރުން ފަންޑް ހޯދައިގެން ފަށާފައިވާ މަޝްރޫއުތަކެއް އާމަޝްރޫއެއް ކަލޭމެންނަކަށް ނުފެށޭ ޔާމީނު ސަރުކާރުން ފަށާފައިވާ ހުރިހާ މަޝްރޫއުތަށް ނިންމުން މިއެގަންޖާ 19ގެ ސަރުކާރަށްއޮތީ ވަރަށްސާފް އިނގޭތޯ