މުޖީބުއް ރަޚްމާންއަކީ ޒަމާނީ ޑިމޮކްރަސީއާއި ސިޔާސީ މިނިވަންކަން ހޯދެވުމަށް މަސައްކަތް ކުރެއްވި ލީޑަރެއް 

މުޖީބުއް ރަޚްމާންއަކީ ޒަމާނީ ޑިމޮކްރަސީއާއި ސިޔާސީ މިނިވަންކަން ހޯދެވުމަށް މަސައްކަތް ކުރެއްވި ލީޑަރެއް 

Author
މުޙައްމަދު ޝަޒައިމް
17 މާރޗް 2021 05:45
0

ޝެއިޚް މުޖީބުއް-ރަޚްމާނަކީ މިޒަމާނުގެ ޑިމޮކްރަސީއާއި ސިޔާސީ މިނިވަންކަން ހޯއްދަވައިދެއްވުމަށް ރައްޔިތުންނާއި ގާތުން ގިނަގުނަ މަސައްކަތެތަކެއް ކޮށްދެއްވި ހަރުދަނާ ލީޑަރެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ބަންގާބަންދު ޝެއިޚް މުޖީބުއް-ރަޚްމާން ދުނިޔޭގެ އަލިކަން ދެކެވަޑައިގެންތާ 100 އަހަރު ފުރޭ މުނާސަބަތުގައި ނެޝަނަލް ޕެރޭޑް ގްރައުންޑްސްގައި މިއަދު ކުރިޔަށްގެންދިޔަ ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ބަންގްލަދޭޝްގެ ފުރަތަމަ ރައީސް އަދި އެ ޤައުމުގެ މިނިވަންކަމުގެ ބާނީ ޝެއިޚް މުޖީބުއް-ރަޚްމާނަކީ މުޅި ދެކުނު އޭޝިއާ ސަރަޙައްދުގެ ތާރީޙުގައިވެސް ފާހަގަކޮށްލެވޭ ލާމަސީލު އެއް ލީޑަރު ކަމަށާއި އެ މަނިކުފާނުގެ ޚިދުމަތުން ލިބިދޭ ފިލާވަޅުތަކަކީ އެތައް ޖީލަކަށް އިބުރަތް ޙާޞިލްކުރެވޭނެ މުހިންމު ފިލާވަޅުތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ބަންގްލަދޭޝްގައި އޮތް ޑިމޮކްރަސީއާއި ސިޔާސީ މިނިވަންކަމުގެ މޭސްތިރިއަކީ ޝެއިޚް މުޖީބުއް-ރަޚްމާނު ކަމުގައި ވިދާޅުވިއެވެ.

ބަންގްލަދޭޝް ސަރުކާރުން އެ ޤައުމުގެ ތަރައްޤީއަށާއި ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅުކުރުމަށްޓަކައި ކުރައްވަމުންގެންދަވާ ބުރަ މަސައްކަތުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުވާލައްވާފައިވެއެވެ. އެގޮތުން ބަންގްލަދޭޝް ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކާއެކު އެ ޤައުމުގެ އިޤުތިޞާދު ކުރިއަރާ ދުވެލި ހަލުވިވެފައިވާ ކަމަށާއި އެޤައުމުގެ ރައްޔިތުންގެ މިންނެތް ބުރަ މަސައްކަތުން ޤައުމުގެ އިޤުތިޞާދު އަލުން އާރާސްތުކޮށް، އަވަހަށް ކުރިއަރާ، ވަރުގަދަ އިޤުތިޞާދެއް ބިނާކުރަމުންދާކަމުގައި ވިދާޅުވިއެވެ.

ބަންގްލަދޭޝް ސަރުކާރުން އެކި ގޮތްގޮތުން ދިވެހިރާއްޖެއަށް ގިނަގުނަ އެހީތަކެއް ވެދެއްވަމުން ގެންދަވާކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވަނީ ބަންގްލަދޭޝް ސަރުކާރަށް ވަރަށް އިޚުލާސްތެރިކަމާއެކު ޝުކުރުދަންނަވާފައިވެއެވެ. މިފަހުން ކޮވިޑް-19 ގެ ޙާލަތުން އަރައިގަތުމަށް ރާއްޖޭގައި ފައްޓާފައިވާ "ކޮވިޑް-19 ދިފާޢު" ވެކްސިން ކެމްޕޭނުގައި އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ބަންގްލަދޭޝްގެ އެއަރފޯސްގެ ޞިއްޚީ ޚިދުމަތްތެރިންގެ ޓީމެއް ރާއްޖެ އައިސް އެހީތެރިކަން ފޯރުކޮށްދީފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރައްވާފައިވެއެވެ. މި އެހީތެރިކަމަކީ ދިވެހިން ވަރަށް އުފަލާއެކު ބަލައިގަތް ކަމެއް ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ވަނީ މިކަމުން ދެ ޤައުމުގެ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން ރަމްޒުކޮށްދޭ ކަމުގައި ވިދާޅުވެފައެވެ.

މި ރަސްމިއްޔާތުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ވަނީ ބަންގްލަދޭޝްގެ ރައީސް ޢަބްދުލް ޙާމިދު އަދި އެޤައުމުގެ ބޮޑުވަޒީރު ޝެއިޚް ހަސީނާއަށް ފަސޭހަފުޅު ވަގުތެއްގައި ދިވެހިރާއްޖެއަށް ޒިޔާރަތްކުރެއްވުމަށް ދައުވަތުދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.