އަންނަ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި މިހާތަނަށް އައިއިރު 22 މިލިއަން މީހުން ވޯޓުލައިފިއެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން މިއީ 2016 ވަނަ އަހަރު ބޭއްވުނު އެގައުމުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލީހުންގެ %16 މީހުންނެވެ. ދުރާލާ ވޯޓުލާ މީހުންގެ އަދަދު މިއިންތިޚާބުގައި އިތުރުވެގެން ގޮސްފައިވަނީ، ކޯވިޑް19 ކާރިސާގެ ސަބަބުން، ޕޯސްޓު (މެއިލް-އިން-ބެލޮޓު) މެދުވެރިކޮށް ދުރާލާ ވޯޓު ލުމަށް އެމެރިކާގެ ސިއްޙީ އިދާރާތަކުން މިކަމަށް ބާރުއަޅާފައި ވަނިކޮށެވެ. އަދި ވަކިން ޚާއްސަކޮށް ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެޑިޑޭޓު، ކުރީގެ ނާއިބު ރައީސް ޖޯ ބައިޑްންގެ ކެމްޕޭއިންއިން ވަނީ މިކަމަކަށް ބާރުއަޅާ އެތަކެއް ކެމްޕެއިންތަކެއް ކޮށްފައެވެ. އެހެންނަމަވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވަމުން ގެންދަވަނީ ޕޯސްޓު މެދުވެރިކޮށް ގިނަ އަދަދެއްގެ ބަޔަކު ވޯޓު ލާން ނިކުތުމަކީ ވޯޓު އޮޅުވާލުމަށް ލިބޭ ފުރުސަތެއްކަމަށެވެ. އަދި ޓްރަމްޕް ވަނީ އިންތިޚާބުގެ ނަތީޖާ ކޮންމެ ކޮންމެ ހާލަތެއްގައި ގަބޫލުކުރައްވާނެކަމަށް ވިދާޅުވާން ދެކޮޅު ހައްދަވާފައެވެ.
މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ކުރިން ވޯޓުލާ މީހުންގެ އަދަދު އިތުރުވަމުން ދާދިއުމުގެ ނަތީޖާއެއްގެ ގޮތުން މިއިންތިޚާބުގައި ރެކޯޑު އަދަދަކަށް މީހުން ވޯޓުލާން ނިކުތުމުގެ ފުރުސަތު ވަރަށް ބޮޑުކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. މިގޮތުން މި އިންތިޚާބުގައި 150 މީހުން ވޯޓުލާނެކަމަށް މިހާރު ދަނީ ބެލެވެމުންނެވެ. މިއަދަދަށް މީހުން ވޯޓުލައިފިނަމަ، މި އިންތިޚާބު ވެގެންދާނީ، 1908އަށްފަހު އެމެރިކާގައި އެންމެ ގިނައަދަދަކަށް މީހުން ވޯޓުލާން ނިކުތް އިންތިޚާބު ކަމުގައެވެ.
އެމެރިކާގެ ރިޔާސީ އިންތިޚާބަށް ދެހަފްތާއަށް ވެފައިވާއިރު، ދެޕާޓީގެ ކެޑީޑޭޓުންވެސް ގެންދަވަނީ ވަރުގަދައަށް ކެމްޕޭން ކުރައްވަމުންނެވެ. މި އިންތިޚާބުގައި އެމެރިކާގެ ރައްޔިތުންގެ މެދުގައި އެންމެ ބޮޑަށް ބަހުސްކުރެވެމުންދަނީ، އެގައުމުގެ އިގްތިސާދާއި، މިހާރު އެގައުމުގައި ހިގަމުންދާ ނަސްލީ ހަމަނުޖެހުންތަކުގެ އިތުރުން، މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑް19 ކާރިސާގައި އެގައުމުގެ ސަރުކާރުން އަމަލު ކޮށްފައިވާ ގޮތާއި އަދި މިހާރު ސުޕްރީމް ކޯޓުން ހުސްވެފައިވާ ގޮނޑިއަށް ފަޑިޔާރަކު އައްޔަން ކުރުމާއި ގުޅޭގޮތުންނެވެ.
އިންތިޚާބަށް އެންމެ 18 ދުވަހަށް ވެފައިވާއިރު، އެމެރިކާގައި މިހާރުވަނީ 8 މިލިޔަން މީހުން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އަދި މުޅި ދުނިޔޭގައިވެސް އެއްގައުމަކުން އެންމެ ގިނައަދަދަކަށް މީހުން މިބައްޔަށް ޕޮޒިޓިވްވެފައިވާ ގައުމަކީވެސް އެމެރިކާއެވެ. ދެން އެންމެ ގިނައިން ޕޮޒިޓިވް ވެފައިވަނީ އިންޑިއާ އަދި ބްރެޒިން އިންނެވެ. މިބަލީގައި އެމެރިކާގައި މިހާތަނަށް އައިއިރު 2 ލައްކައަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.
ނޮވެމްބަރު 3 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ އެންމެ ފަހުގެ ޚިޔާލު ހޯދުންތަކުން ދައްކާގޮތުގައި މިއިންތިޚާބުގައި ކުރީގައ އުޅެނީ ޑިމޮކްރަޓިކް ޕާޓީގެ ކެޑިޑޭޓް ޖޯބައިޑްންއެވެ.