ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރަކީ އެއްވެސް ތަނެއްގައި ލައްވާނުލައި ހޫރެމުން އޮޔާދާ ކަނދުގަނޑެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.
މުސްތަފާ މިފަދަ ގޮތަކަށް ވިދާޅުވެފައިވަނީ ލީކުކޮށްލާފައިވާ އުތުރު ތިލަފަޅު އެއްބަސްވުމާއިއެކު ސަރުކާރު ވަރަށް ބޮޑަށް ހޫނު ފެނަށް ވެއްޓިފައިވާކަމަށާއި، ދެން ސަރުކާރުން ކުޅެން ޖެހޭނީ އަބަދުވެސް ޑިފެންސަށް ކަމުގައި އުމަރު ވިދާޅުވެ ދެއްކެވި ވާހަތަކާއި ގުޅިގެންނެވެ. އުތުރު ފިލަފަޅުގެ ލީކްވެގެން އުޅޭ އެއްބަސްވުން ލީކު ކުރެއްވީ އުމަރު ނަސީރުއެވެ.
މުސްތަފާ ވިދާޅުވީ އުމަރަކީ އޭނާ ސަރުކާރުގެ ބައެއް މަޤާމުތައް ފުރުއްވިއިރު ކޮރަޕްޝަނަށް މަގުފަހިވާ ގޮތަކަށް ގިނަ ކަންތައްތަކެއް ކުރައްވާފައިވާ ބޭފުޅެއްކަމަށެވެ. އަދި ޤާނޫނީ އިމުން ބޭރުންވެސް ސަރުކާރުތަކާއި ދެކޮޅަށްނިކުމެ ސަލާމަތީ ބާރުތަކަށް ހަރުގަނޑު ހިފައިގެން އަރަން ގޮވާލި މީހެއްކަމަށެވެ. މުސްތަފާ ވަނީ އުމަރު ހިންގަވާފައިވާ ޖަރީމާތައް ބަލައި ޤާނޫނީ ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.
އުމަރު އެއީ އެއްވެސް ތަނެއްގައި ލައްވާނުލައި ހޫރެމުން އޮޔާދާ ކަނދުގަނޑެއް. މިނިވަން 50 ގެ ގަރުދިޔަ ކޮއްތުގަނޑުގެ ފައިސާ މައްސަލަވެސް ބަލައި އަވަހަށް ޖަލުގައި ހައްޔަރު ކުރަންޖެހޭ! އުމަރު ތީ ހަރުގަނޑު ހިފައިގެން ރައްޔިތުންގެ ކުރިމަތީ ބަނޑޭރިގެއަށްވެސް ވަންނަން އުޅުނު މީހެއް.
– މުސްތަފާ ވިދާޅުވިއެވެ.
ރާއްޖޭގެ މިނިވަންކަމަށް ފަންސާސް އަހަރު ފުރުމާ ގުޅިގެން ބޭއްވި ޙަރަކާތްތައް ރާވައި ހިންގުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ އަށްޑިހަ ތިން މައްސަލައެއް ބަލަމުންދާކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ވަނީ ބުނެފައެވެ.
މިނިވަން ފަންސާހުގެ މައްސަލަތަކަށް އިޝާރާތްކުރައްވައި އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީގައި ވިދާޅުވެފައިވަނީ މިނިވަން ފަންސާހާ ގުޅޭ އަށްޑިހަ ތިން މައްސަލައެއް އޭސީސީން ތަހުޤީޤުކުރަމުން ދާކަމަށެވެ. މިފަދަ މައްސަލަތަކަކީ ކޮރެޕްޝަނަށް މަގުފަހިވާގޮތަކަށް ހިންގާފައިވާކަމުގެ ތުހުމަތުގައި ހުށަހެޅިފައިވާ މައްސަލަތަކަށްވާއިރު މިކަންކަން ނުބެލި މިހާދުވަސް ވުމަކީ ދެރަކަމެއްކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
މިނިވަން 50ގެ ހަރަކާތްތަކުގައި ބޭނުންކޮށްފައިވާ ސައުންޑް އެންޑް ލައިޓިންގެ ބޭރުގެ ކުންފުންޏަކާއި ހަވާލު ކުރުމުގައި ބޮޑެތި ކޮރަޕްޝަން ހިންގާފައިވާ އެސީސީން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ