ހިތްވަރު ހުރެގެން ކުރަން ބޭނުންވިނަމަ ހެލިކޮޕްޓަރ އެގްރީމެންޓްވެސް ބާތިލް ކުރެވުނީސް: ޖެނެރަލް ޝަމާލް

ހިތްވަރު ހުރެގެން ކުރަން ބޭނުންވިނަމަ ހެލިކޮޕްޓަރ އެގްރީމެންޓްވެސް ބާތިލް ކުރެވުނީސް: ޖެނެރަލް ޝަމާލް

Author
ޢަލީ އާދަމް
16 މާރޗް 2021 04:53
0

އެހެން ގައުމަކާއެކު ހަދާ އެގްރީމެންޓެއް ބާތިލުކުރަން ދިވެހި ދައުލަތުން ބޭނުންވެއްޖެނަމަ އެކަން ނުކުރެވޭނެ އެގްރީމެންޓެއް އެއްވެސް ބަޔަކާއެކު ހެދޭނެކަމަށް ގަބޫލު ނުކުރެވޭ ކަމަށް ޗީފް އޮފް ޑިފެންސްފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެ އެވެ.

ދިފާއީ ބާރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޝަމާލް ވިދާޅުވީ އޭރުވެސް ހެލިކޮޕްތަރުގެ އެގްރީމެންޓް ބާތިލް ކުރުމަށް ސަރުކާރުން ކެރިގެން ނުކުންނެވި ނަމަ އެގްރީމެންޓް ބާތިލް ކުރެވުނީސް ކަމަށެވެ. އެހެންކަމުން އޭރުގެ ސަރުކާރުން ހެލިކޮޕްޓަރުގެ އެގްރީމެންޓް ބާތިލް ކުރަން ބޭނުންވެ އެކަން ނުކުރެވުނީ ކަމަށް ގަބޫލުކުރަން ބޭނުންފުޅު ނުވާކަމަށް ޝަމާލް ވިދާޅުވިއެވެ.

" އޭރުވެސް ކުރެވުނީސް، މިއަދުވެސް ކުރެވުނީސް، އެއީ ކީއްވެގެންތޯ؟ މިއީ ސޮވެރިން ދައުލަތެއް. މިނިވަން ގައުމެއް ދިވެހިރާއްޖެ އަކީ، އެހެންވީމާ ދިވެހިރާއްޖޭގެ ސަރުކާރުން ކެރިގެން، އެގްރީމެންޓެއް އެއްވެސް ގައުމަކާއެކީ ބާތިލްކުރަން ބޭނުންވެއްޖެނަމަ އެ ހިތްވަރު ހުރެގެން ކުރަންޖެހޭނީ"- ޝަމާލް

އިންޑިއާއި ރާއްޖެއަށް ފޯރުކޮށްދޭ އަސްކަރީ އެހީތެރިކަމަކީ އިންޑިއާއިން ރާއްޖެއަށް އަތްގަދަކޮށް އިންޑިއާގެ ސިފައިން ރާއްޖޭގައި ބޭތިއްބުމަށް ހިންގާ ހީލަތްތެރި ކަންކަން ކަމަށް ސަރުކާރާއި ދެކޮޅަށް ވާހަކަދައްކާ ގިނަ ފަރާތްތަކުން ބުނެއެވެ. އެގޮތުން އިންޑިއާގެ ސިފައިންނާއި އިންޑިއާގެ އަސްކަރީ އެހީއާ ދެކޮޅަށް އެންމެ ގަދައަށް އަޑު އުފުއްލަވާ ބޭފުޅެއްގެ ގޮތުގައި ކުރީގެ ހޯމް މިނިސްޓަރ އުމަަރު ނަސީރު ފާހަގަކޮށްލެވެއެވެ. މިއަދުގެ ޕްރެސްކޮންފަރެންސް ގައި ޖެނެރަލް ޝަމާލް ވަނީ ނުސީދާ ގޮތެއްގައި އުމަރު ނަސީރަށްވެސް ބަހުގެ ހަމަލާދެއްވާފައެވެ.

ޝަމާލް ވިދާޅުވީ ސިޔާސީ އެއްވެސް ޕްރޮޕެގެންޑާއެއްގައި ސިފައިން ޖާމިން ނުކުރުމަށާއި އެފަދަ ކަމެއްގައި ސިފައިން ނުޖެހޭނެ ކަމަށެވެ. އަދި އެފަދަ ކަންކަމުގައި ސިފައިންގެ މުވައްސަސާގައި ކޮންމެވެސް ހިސާބެއްގައި މަސައްކަތްކޮށްފައިވާ ބައެއް ފަރާތްތަ އުޅެމުންދާތަންވެސް ފެންނަ ކަމަށް ޝަމާލް ވިދާޅުވިއެވެ.

"ޕޮލިޓިކަލް ޕްރޮޕެގެންޑާގެ ތެރެއަށް އަޅުގަނޑުމެންގެ މުވައްސަސާ ވައްދައިގެން އަޅުގަނޑުމެންގެ ސަފުތަކުގައި ކޫރުއަޅުވާލެވޭނެކަމަށް ހީވާކަމަށް ވަންޏާ އެއީ ކުށްހީއެއް"

– ޝަމާލް

ޝަމާލް ވިދާޅުވީ ސިފައިންގެ ލަޝްކަރާއި ޖެނެރަލް އޮފިސަރުންނާއި އެކު އޮތީ ބަދަހި ލަޝްކަރެއް ކަމާއި، ޝަރަފްވެރި ގޮތުގައި ސިފައިންގެ ޚިދުމަތުން ރިޓަޔަރ ކުރައްވާފައި ތިއްބެވި ބޭފުޅުންވެސް އެކަން ގަބޫލުކުރައްވާނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.