ތިލަފަޅަކީ ދިވެހިންގެ ތަނެއްކަމަށާއި، އަދި އަދި ދައުރުވަނީ އެއްވެސް އަސްލެއްވެސް ނެތް ޑްރާފްޓެއްގެ ގޮތުގައިވެސް ނުބެލެވޭ ލިޔުމެއްކަމުގައި މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމެއް ކަމަށްބުނެ ދައުރުކުރަމުންދާ ލިޔުންތަކާއި، އަދި ދެކެވެމުންދާ ވާހަކަތައް ކުށްވެރިކޮށް، ސިފައިންގެ ޖެނެރަލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖެނެރަލް ޝަމާލް ވިދާޅުވީ މި ލިޔުމަކީ އެއްވެސް އަސްލެއް އޮތް ލިޔުމެއްނޫންކަމަށެވެ. އަދި އެއީ ޑްރާފްޓެއްކަމަށްވެސް ޤަބޫލެއް ނުކުރައްވާކަމަށެވެ. މިއީ 2013 ވަނަ އަހަރުން ފެށިގެން މަޝްވަރާތައް ކުރެވެމުންގޮސް، ކުރެވިފައިވާ މަޝްވަރާތަކާއި ދެކެވިފައިވާ ވާހަތަކާއި އެއްގޮތަށް ކުރެވިފައިވާ އެއްބަސްވުމެއްކަމަށެވެ.
އެއްވެސް ހަގީތެއްނެތް އަސްލެއްނެތް ގޮތަށް މިވާހަކަތައް ދައްކަވަމުންދަނީ ހަގީގަތް އޮޅުވާލަން. މިއީ ކަނޑައެޅިގެން ޤައުމީ ސަލާމާތާއި ގުޅޭގޮތުން ފަތުރާ ދޮގު ޚަބަރުތަކެއް. މިފަދަ ކަންކަން ކުރާނަމަ އަޅަންޖެހޭ ފިޔަވަޅު އަޅަނެ ގޮތްތެއް ބަލައި އެކަން ކުރެވޭނެ ގޮތެއް އަޅުގަނޑުމެން މިދަނީ ބަލަމުން.
– މޭޖާ ޝަމާލް ވިދާޅުވިއެވެ.
ޝަމާލް ވިދާޅުވީ މިއަހަރުގެ ފެބްރުއަރީ މަހުގެ 21 ވަނަ އިންޑިޔާއާއި ކުރެވުނު އެއްބަސްވުމުގައިވަނީ އުތުރު ތިލަފަޅުގައި ޖެޓީއަކާއި، ހާބަރ ރިޕެއަރ ފެސިލިޓީ (އެޗް.އާރް.އެފް)، ސްލިޕްވޭ، އަދި ބަނދަރަށް ބޭނުންވާ އެހެނިހެން ޢުމްރާނީ ވަސީލަތްތައް ތަރައްޤީކުރުމާއި، މުއާޞަލާތީ ވަސީލާތްތަކާއި ރާޑަރުގެ ޚިދުމަތްތައް ތަރައްޤީ ކުރުމުގައި އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދޭނެކަމަށެވެ.
އަދި އެއްބަސްވުމުގައިވާ ގޮތުގެ މަތިން، އިންޑިއާގެ ފަންނީ މާހިރުން، ދިވެހި މުވައްޒަފުން ތަމްރީނު ކުރުމާއި، ޑޮކްޔާޑް އަދި ބަނދަރުގައި ޤާއިމުކޮށްފައިވާ އެކިއެކި ވަސީލަތްތައް މަރާމާތުކޮށް ބެލެހެއްޓުމުގައި 15 އަހަރު ދުވަހުގެ މުއްދަތަކަށް އިންޑިއާއިން އެހީތެރި ވެދޭނެކަމަށެވެ.
އުތުރު ތިލަފަޅު އެއްބަސްވުން ލީކްކޮށްލާފައިވަނީ ކުރީގެ ހޯމް މިނިސްޓަރ ޢުމަރު ނަޞީރެވެ. އުތުރު ތިލަފަޅު ތަރައްޤީކުރުމަށް އިންޑިއާއެކު ރާއްޖެއިން އެކުލަވާލާފައިވާ އެއްބަސްވުމުގެ ތަފްސީލަށް ބަލާއިރު، އެކަމުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށް ބުރޫއަރާނެކަމަށް ވަނީ ބެލެވިިފައެވެ. އެގޮތުން އެ އެއްބަސްވުމުގެ ދަށުން އިންޑިއާ ސިފައިންނަށް ހަތިޔާރާއިއެކު ރާއްޖޭގައި 60 އަހަރު ތިބެވޭނެ ކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވެއެވެ.
އެ އެއްބަސްވުމުގައި ބަޔާންކުރާގޮތުން އިންޑިއާ ސިފައިން 30 އަހަރު ވަންދެން ރާއްޖޭގައި ބޭތިއްބުމަށް ޝަރުތުކޮށްފައިވާއިރު، އެއްބަސްވުމުގައި ސޮއި ކުރާ ދުވަހުން ފެށިގެން 30 އަހަރު ވަންދެން އެއްބަސްވުން ދެމިއޮންނާނެކަމަށްވެސް ބުނެފައިވެއެވެ. އަދި އެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އަނެއްކާ އިތުރު 30 އަހަރު އިންޑިއާ ސިފައިންނަށް ރާއްޖޭގައި ތިބެވޭ ގޮތައް އެއްބަސްވުމުގައި ބަޔާންކުރެއެވެ. ނަމަވެސް 30 އަހަރު ފަހުން ދިވެހި ސަރުކާރުން ދެކޮޅު ހަދައިފިނަމަ ނުތިބެވޭނެއެވެ.
މީގެ އިތުރުން މި އެއްބަސްވުމުގެ ދަށުން އުތުރު ތިލަފަޅުގައި ތިބޭ އިންޑިއާ ސިފައިންނަށް ހަތިޔާރު ވެސް ގެންގުޅެވޭނެއެވެ. އަދި އެތަނުގައި ކުރާނެ ކަންކަން ނިންމާނީ އިންޑިއާ ސިފައިނާއި ދިވެހި ސިފައިން އެކުވެފައި އުފައްދާފައި އޮންނަ ޖޮއިންޓް ޕްރޮޖެކްޓް މޮނިޓަރިން ކޮމެޓީއަކުންކަމަށާއި، އެތަނުގައި މަސައްކަތެއްކުރުމަށް ކޮންޓެކްޓަރުން ހަމަޖައްސާނީވެސް އިންޑިއާ ސަރުކާރުން ކަމަށް އެއްބަސްވުމުގައި ބަޔާންކުރެއެވެ.
އެމްއެންޑީއެފްގެ ކޯސްޑްގާޑްގެ ބަނދަރަކާއި ސަރވިސް ޑޮކްޔާޑެއް އުތުރު ތިލަފަޅުގައި ތަރައްޤީކުރުމުގެ އެއްބަސްވުމުގައި އިންޑިއާއާއި އެކު މި ސަރުކާރުން ސޮއިކޮށްފައިވަނީ އިންޑިއާގެ އެކްސްޓަރނަލް އެފެއާރޒް މިނިސްޓަރ ޑރ. ޖައިސަންކަރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައެވެ. ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ.
މި އެއްބަސްވުމުގެ ނަމަކީ “ޑިވެލޮޕްމަންޓަ، ސަޕޯޓު، އެންޑް ދަ މައިންޓެނޭންސް އޮފް ދަ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ހާބާ ސިފަވަރު އެޓް އުތުރުތިލަފަޅު” އެވެ.
ކޮމެންޓު ފޮނުވާ