ކޯވިޑް-19ގެ ވެކްސިންގެ ފުރަތަމަ ޑޯޒު ދިނުން މެދުކަނޑާލުމަށް ފަހު، ވެކްސިން ދޭންޖެހޭ ޚާއްސަ ކެޓަގަރީގެ މީހުންނަށް ފުރަތަމަ ޑޯޒު ދޭން ދެން ފަށާނީ އަންނަ ހޮނިހިރު ދުވަހުކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހާމަކުރައްވައިފިއެވެ.
އެޗްޕީއޭ އިން ބުނީ މިއަދުން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށް މާލެ ސަރަހައްދުގައި ވެކްސިން ދިނުން ނޯންނާނެ ކަަމަށެވެ. އަލުން ވެކްސިން ދޭން ފަށާއިރު، ޚާއްސަ ކޮށްފައި ވަނީ ވަކި ކެޓަގަރީއެއްގެ ބައެކެވެ. އާންމުންނަށް ވެކްސިންގެ ފުރަތަމަ ދޯޒް ދިނުން މެދުކނަޑާލިނަމަވެސް ޚާއްސަ ކެޓަގަރީތަކުގައި ހިމެނޭ މީހުންނަށް މިމަހުގެ 20ވަނަ ދުވަހުން ފެށިގެން ވެކްސިން ޖަހަން ފަށާނެއެވެ.
އެއީ، އުމުރުން ދުވަސްވީ މީހުން، ބަލިތަކުގައި އުޅޭ މީހުން، ކޮވިޑަށް ޕޮޒިޓިވްވެ މިހާރު އެކަހެރިވެފައިވާ މީހުން، ކޮންޓެކްޓަށްވެ ކަރަންޓީނުގައި ތިބި މީހުން، ރާއްޖެ އިން ބޭރުން ދަތުރުކުރުމަށް ފަހު ކަރަންޓީނުގައި ތިބި މީހުން، މާލެ އިން ދަތުރުކުރުމަށް ފަހު ކަރަންޓީނުގައި ތިބި މީހުން އަދި ބައްޔެއް ނުވަތަ ސިއްހީ ހާލަތެއްގެ ސަބަބުން ވެކްސިން ޖެހުން ލަސްކުރަން ޖެހުނު މީހުންނެވެ.
މާލެ ސަރަހައްދުގައި ވެކްސިންގެ ފުރަތަމަ ދޯޒް ޖަހައިދޭ އެންމެ ފަހު ދުވަހަކީ މިމަހުގެ 15 ވަނަ ދުވަސްގެ ގޮތުގައި ހަމަޖެެއްސުމުން ވޭތުވެދިޔަ ދެތިން ދުވަހު ވެކސިން ޖެހުމަށްޓަކައި ގިނަ އދަދެއްގެ މީހުން ވެކްސިން ސެންޓަރުތަކުގައި ކިއު ހަދާދފައިވެއެވެ. ރާއްޖޭގައި މިހާތަނަށް ދެ ލައްކަ އަށް ވުރެ ގިނަ މީހުންނަށް ވަނީ ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައެވެ.
ކޮމެންޓު ފޮނުވާ